Last Updated: March 28, 21:27
Thursday, March 28, 2024
ރިޕޯޓް

ރޯދަމަހު ރޯމާ ދުވާލު ޢިއްޒަތްތެރި މެންބަރުން ކޮރަޕްޝަން "ހަލާލު" ކޮށްފި !

ރައީސާއި ނައިބް ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކޮށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހަށް ސަރުކާރާއި އެއްކޮޅަށް އިދިކޮޅު ހުރިހާ ފަރާތްތަކުން ހެން މިވަނީ ތެދުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިމަންނާ ދާއިރާގެ މެންބަރުންގެ އަޑު އިއްވާލަދޭނެ ކަމުގެ ވަޢުދުވެވަޑައިގެން މަޖިލީހަށް ހޮވިވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރަށް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގައި ދައްކަވާނެ ވާހަކައެއް ނެތެވެ.

ރައްޔިތުންގެ ޙައްޤުގައި އަނިޔާވެރިކަން ނިންމަން ނިކުތް އެންމެން އެތިބީ ރައްޔިތުންނަށް އަނިޔާވެރިވުމަށް ބަޢިއަތު ހިފައިގެން ކަހަލައެވެ. ޕާޓީތަކުގެ އާންމު މެންބަރުން ހަނާވެގެން ކުރި މުޒާހަރާތަކުން އެ މެންބަރުންނަށް ލިބުނު އެއްވެސް ފާއިދާއެއް ނެތެވެ. ދޫނިދޫ ކުޑަގޮޅީގައި ބަންދުގައި ހުންނަން ޖެހުމުން އަދާކުރަމުން ދިޔަ ވަޒީފާ ގެއްލުނީއެވެ.

އެމްޑީޕީ އަދި ޖޭޕީ އިން ސަރުކާރާއި އެކު ޑީލް ހަދާފައިވާއިރު އެކަމާއި ގުޅިގެން ދެ ޕާޓީގެ އާންމު މެންބަރުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް އެއްވެސް ޕާޓީއެއްގެ ލީޑަރަކަށް ނުވަތަ އިސްބޭފުޅަކު އެ އަޑުތައް އަހާކަށް ބޭނުމެއް ނުވެއެވެ. މިއަދަކު މުޒާހަރާއެއް ނެތެވެ. މިއަދު އޮތީ މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓެވެ. މިއަދު މުހިންމު ވާނީ ޢިއްޒަތްތެރި މެންބަރުން ތާއެވެ.

ކޮރަޕްޝަނުގެ ވާހަކައަކީ ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އަބަދުވެސް މަނާކުރަން ނުވަތަ ހުއްޓުވަން ބޭނުންވާ ކަމެއްގެ ގޮތުގައި ސިފަކުރަމުން ގެންދާ ވާހަކައެވެ. އިދިކޮޅު ޕާޓީގެ މަސްއޫލިއްޔަތަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށް އަބަދުވެސް ދަޢުވާ ކުރެއެވެ.

ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް ގާނޫނުއަސާސީ އަށް ގެންނަ އިސްލާހާއި އެ އިސްލާހަށް އިދިކޮޅު ފަރާތްތަކުން ތާއީދުކުރަން ނިންމުމުން ދިވެހިރާއްޖޭގެ ގިނަ ގާނޫނީ ވަކީލުން އެކަމަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެފައިވާ ގޮތުގައި އެއީ "ޒާތީ ސިޔާސީ ފައިދާއެއް" ހޯދަން ހުށަަހަޅާފައިވާ އިސްލާހެއް ކަމަށާއި އެ އިސްލާހަށް ވޯޓު ދެއްވުމަކީ ގާނޫނުއަސާސީ ނެގެހެއްޓުމަށް މެމްބަރުން ކުރައްވާފައިވާ ހުވަޔާ ހިލާފް ކަމެއް ކަމަށެވެ.

ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން މިތިބީ ބަލާށެވެ. ފާޅުގައި ޢިއްޒަތްތެރި މެންބަރުން ތިޔަވަނީ ކޮރަޕްޝަން "ހަލާލު" ކަމަށް ނިންމައިފައެވެ.

ރައްޔިތުންގެ އޮތީ އެންމެ ސުވާލެކެވެ. ބަރަކާތްތެރި ރަމަޟާން މަހެއްގެ ރޯމާ ދުވާލު ކޮރަޕްޝަން ޢިއްޒަތްތެރި މެންބަރުން ކުރެއްވި ހުވަޔާ ހަމަ ޚިލާފު ވެވަޑައިގަންނަވަނީ ތޯއެވެ ؟ ކޮރަޕްޝަން "ހަލާލު" ކަމަށް ނިންމަވަނީ ތޯއެވެ ؟