Last Updated: April 24, 12:56
Wednesday, April 24, 2024
ރިޕޯޓް

ޑރ. ޖަމީލަކީ ރާއްޖެ ދުށް ހިތްވަރުގަދަ ލީޑަރެއް!

ފުވައްމުލަކަށް އުފަން ޑރ. މުހައްމަދު ޖަމީލު އަހުމަދަކީ ދިވެހިންނަށް އާ މޫނެއް ނޫނެވެ. ރާއްޖޭގެ ތާރީހުގައި ވެސް ހަތަރު ދައުރެއްގައި ވަޒީރުންގެ މަޖިލީހުގައި މަސައްކަތްކުރުމުގެ ފުރުސަތު ޑރ. ޖަމީލު ފިޔަވައި އިތުރު އެހެން ބޭފުޅަކަށް ލިބިފައެއްނުވެ އެވެ. ޖަމީލުގެ ހިދުމަތުގެ ލިސްޓް ވަރަށް ދިގެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެން ކުރެއްވި ބުރަ މަސައްކަތާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދުގެ ކެބިނެޓްގައި ކުރެއްވި މަސައްކަތް އެ އޮތީ ފެންނާާށެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނަން ޑރ. ޖަމީލުގެ ދައުރު:

ފާއިތުވެދިޔަ މާޒީގައި ސިޔާސީ ގޮތުން ފަސްބައިގަ ކިލަނބު ކަމެއް ނެތް ލީޑަރުން ވަރަށް މަދެވެ. އެހެން ކަމުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ފެށުނުތަނާ މާގިނަ ދުވަހެއް ނުވަނީސް އަޑުއިވެން ފެށީ މި ފަހަރު ޕީޕީއެމް އިން ރަނިންމޭޓަކަށް ޑރ. ޖަމީލު ގެންނަން އުޅޭ ކަމުގެ ވާހަކަ އެވެ. މި ވާހަކަ އިވުމާއެކު ދެކުނުގެ ރައްޔިތުން ހާއްސަކޮށް ފުވައްމުލައް، އައްޑޫ އަދި ހުވަދު އަތޮޅުގެ ގިނަ ރައްޔިތުން ވެސް އުފާވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެެއްޓުމަށް ޔާމީން ފުވައްމުލަކަށް ވަޑައިގެންނެވީ ޑރ. ޖަމީލުގެ އަތުގައި ހިއްޕަވައިގެން ދެކުނުގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ވޯޓު ހޯދާށެވެ. މިއަދު މި ފެންނަނީ އެކަމުގެ ހަގީގަތެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭން ތެރޭގައި ވިދާޅުވަމުން ގެންދެވީ މިއީ "އަޅުގަނޑާ ޑރ. ޖަމީލާ ދެ މީހުންގެ ސަރުކާރަކަށްވާނެ" ކަމަށެވެ. އެ މޭރުމުން ވާހަކަދައްކަވަމުން ކެމްޕޭން ފެެށީ ކުރިޔަށެވެ. ކެމްޕޭން ތެރޭގައި ޑރ. ޖަމީލު ރާއްޖޭގައި މީހުން ދިރިއުޅޭ 200 ރަށަށް ވަޑައިގެންނެވިއިރު ޔާމީން ހުންނެވީ މާލޭގައި ރައްޓެހިންނާއެކު ސައްލާ ކުރެއްވުމަށާއި ރޭގަނޑު ތާސް ކުޅުމަށެވެ.

ރައީސް ޔާމީން އާއި ނައިބް ރައީސް ޖަމީލް، ކެމްޕެއިން ދަތުރުފުޅެއްގައި ގަމުގެ ވައިގެ ބަނދަރު ސަރަހައްދުގައި ޕީޕީއެމް މެމްބަރުން ތަކަކާއި އެކު ފޮތޯއަކަށް ހުއްޓި ވަޑައިގެން.
ރައީސް ޔާމީން އާއި ނައިބް ރައީސް ޖަމީލް، ކެމްޕެއިން ދަތުރުފުޅެއްގައި ގަމުގެ ވައިގެ ބަނދަރު ސަރަހައްދުގައި ޕީޕީއެމް މެމްބަރުން ތަކަކާއި އެކު ފޮތޯއަކަށް ހުއްޓި ވަޑައިގެން.

ފާއިތުވެދިޔަ ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ކުރެވުނު އެންމެ ބުރަ އަދި ބިޔަ ކެމްޕޭނެވެ. އެ ކެމްޕޭނުގައި އެންމެ ހަލުއިކޮށް ފެނުނު ރަނިންމޭޓަކީ ޑރ. ޖަމީލު ކަމާ މެދު ޝައްކެތް ނެތެވެ. ވެހޭ ވާރޭ އެއް ދޭހާ އައްވާއި ރޯދަމަހެއް ބެލުމެއް ނެތި ޑރ. ޖަމީލު ރާއްޖޭގެ ރަށްރަށަށް ވަޑައިގެން މަސައްކަތް ކުރެއްވިއިރު ރިޔާސީ ކެންޑިޑޭޓަކީ ވެސް ޑރ. ޖަމީލުތޯ މީހުން ސުވާލު އުފެއްދި އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޑރ. ޖަމީލާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުމެން ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރެއްވި މަޖިލީހުގައި މިހާރު ކަރުން ނާރު ނަގާފައި ވާހަކަ ދައްކަވާ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނާއި އެ ނޫން ވެސް ނަގާ ކިޔާ ގިނަ މެމްބަރުން ތިބީ ރަޖާލައިގެން ގޭގަ އެވެ. އެ ދުވަސްވަރު މި ދެންނެވި މެމްބަރުންގެ ހަމައެކަނި މަސައްކަތަކީ ދެއިރު ދެދަޅަށް ދިޓީވީއަށް އަރައި ރައީސް ނަޝީދަށް ބެވުމެވެ. އެކަމަކު މިއިން އެއްވެސް މީހަކު މިކަންތައްތައް ހިނގި ގޮތެއް ހަނދާނެއް ނެތެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މައުމޫނާއި ޑރ. ޖަމީލުގެ ކުރެއްވި ބުރަ މަސައްކަތުން ނޫން ނަމަ ޔަމީނަށް މި ވެރިކަމުގެ ވަސް ވެސް ނުދުވީހެވެ.

ވެރިކަން ލިބުމާއެކު ފެން ކައްކާ ބޮލީގެ އިއްޒަތް:

ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް ދެން ކުރިމަތިވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބުގެ ކެމްޕޭންގައި ވެސް ޑރ. ޖަމީލު ކެމްޕޭންކުރެއްވުމުގެ ގޮތުން ހއ. ތުރާކުނުން ފެށިގެން ސ. ފޭދުއާ ދެމެދުގެ 100 އެއްހާ ރަށަށް ވަޑައިގެން ކެމްޕޭން ކުރެއްވިއިރު ވެސް ރައީސް ޔާމީންގެ ހިލަމެއް ނުވެ އެވެ. އަޑުތައް އިވޭ ގޮތުން އޭރުވެސް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ދެ ބޭފުޅުން ތިއްބެވީ މާލޭގައި ފޮނި ބައިސާ ކަނޑާށެވެ. ހައެއް ރަށަށް ވަޑައިގަތުމަށްފަހު އެ ކެމްޕޭން ވެސް ނިންމާލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމުނުތާ މާގިނަ ދުވަހެއް ނުވަނީސް މޭބޮޑުވެގެން ޑރ. ޖަމީލާ ބެހޭ ގޮތުން ފާޑުފާޑުގެ ރިޕޯޓްތައް ޗަމްޕާ މުހައްމަދު މޫސާ )އުއްޗު(ގެ ހިއްސާ އޮންނަ ދި ޓީވީން ފޮނުވަން ފެށި އެވެ. އަދި އެވަރުން ނުވެގެން ކޮންމެ ދުވަހަކު ހެނދުނު ދިއެފްއެމްގެ ހެނދުނު ޝޯގައި އުއްޗުގެ ޅިޔަނު ވިލުފުށީ މަސްއޫދު ހިލްމީ އާއި އުއްޗު "ބޯއީ" އަކަށް ގެންގުޅޭ މިދުހަތު އާދަމް ނައިބު ރައީސް ޑރ. ޖަމީލުގެ ޒާތުކޮޅާ ބެހި ތަފާތު ތުހުމަތުކޮށް އެ މަނިކުފާނަށް މަލާމާތްކުރަން ފެށުމުން ގިނަ ބަޔަކު ބޮލުގައި ރިއްސަން ފެށި އެވެ. ވާނުވާ ކޮންމެވެސް ވަރަކަށް ތިލަވާން ފެށި އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ވެސް ރައީސް ޔާމީން އަޑީގައި ހުންނަވައިގެން އަދީބު ލައްވާ ހޭވި ހަޑިއެކެވެ.

ދި ޓީވީން ހެސްކިޔާފައި އެއްޗިހި ގޮވަމުން ދިޔައިރު އަދީބު ދިޔައީ ރާއްޖެ ޓީވީ މެދުވެރިކޮށް ވެސް ތަފާތު ހަމަލާތައް ނައިބު ރައީސަށް ފޮނުވަމުންނެވެ. ނަމަވެސް މިހުރިހާ ކަމެއް ވެގެންދިޔައިރު ވެސް ނައިބު ރައީސް ޑރ. ޖަމީލު ކަހާތަން ހިރުވާލާ ތަން ވެސް ނުފެނެ އެވެ.

ދިވެހިންގެ އެތައް ބަަޔަކު މިއަދު ގަބޫލުކުރާ ހަގީގަތަކީ ޑރ. ޖަމީލު އެކުރެއްވީ އަގު ނުކުރެވޭ ވަރުގެ ޖިހާދެއް ކަމެވެ.

ރައީސް ޔާމީންގެ ކެބިނެޓްގައި ޑރ. ޖަމީލު ހުންނެވިޔަސް ވައުދާ ހިލާފަށް އެތައް ކަމެއްގައި ނައިބު ރައީސް ބައިވެރިނުކުރާކަން ފާހަގަވެގެންދިޔަ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން އުފެއްދެވި ސޯޝަލް ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވި ޑރ. ޖަމީލު ގެންދެވީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވަމުންކަން ފާހަގަކުރެވެ އެވެ. އެގޮތުން ރައްޔިތުންގެ ހާލު ބެއްލެވުމަށް ނައިބު ރައީސް ސީދާ ގޭގެ އަށް ޒިޔާރަތްކުރައްވަން ފެެއްޓެވި އެވެ. ނަމަވެސް އެކަން ފަހުން ކުރިޔަށް ގެންދެވޭ ގޮތެއްނުވި އެވެ. އަދި އޭގެ ފަހުން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ރަށްރަށުގެ ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކަށް ވަޑައިގެން ރައްޔިތުން ހާލަތު ހަމަ ލޮލުން ބެއްލެވި އެވެ.

ނައިބު ރައީސްގެ ހަލުވި ސްޕީޑަށް ރައީސް ޔާމީން ގެންދެވީ ބުރަކި ޖެހޭނެ ހުރިހާ ރޭވުމެއް ރާއްވަމުންނެވެ. އެހެން ކަމުން ޑރ. ޖަމީލަށް މި ދެއްވީ ފެންކައްކާ ބޮލީގެ އިއްޒަތް ނޫންތޯ އެވެ.

ޑރ. ޖަމީލުގެ ހިންގުންތެރިކަން:

ސަރުކާރުގެ އެންމެ ރަނގަޅު ނަތީޖާއެއް ފެންނަން އޮތީ ސޯޝަލް ކައުންސިލްގެ ދަށުން ހިނގާ މިނިސްޓްރީތަކުން ކަން ފެންނަން އެބައޮތެވެ. ޑރ. ޖަމީލަކީ އިޖްތިމާއީ ދާއިރާއިން ތަޢްލީމް ޙާސިލްކުރައްވައިގެން ހުންނެވި ގިނަދަރިވަރުންނާއި ތިމާގެ މީހުން މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި މަޝްހޫރު ބޭފުޅެކެވެ.

އެމަނިކުފާނަކީ ހަފުތާއަކު ދެ ދުވަހު އެކައުންސިލް މިހާރުވެސް ޗެއަރ ކުރައްވަމުންދާ ބޭފުޅާގެ އިތުރުން، މަތީ ތައުލީމާބެހޭ ކައުންސިލާއި ނޭޝަނަލް ޑްރަގް ކައުންސިލް ވެސް ބަލަހައްޓަވަމުން ގެންދަވާބޭފުޅާ އެވެ. ސަރުކާރު އައުމާއި އެކު މިދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަގުނަ ކަންތައްތަކެއް އިސްލާހު ކުރެއްވުމަށް މުހިއްމު ނިންމުންތައް ނިންމަވާފައިވެ އެވެ. މިގޮތުން ފާހަގަކޮށްލެވޭ މުހިންމު ކަންތައްތަކަކީ މިއެވެ؛
jameel

1- އުމުރުން ދުވަސްވާ މީހުންނަށް 5000 ރުފިޔާލިބޭނެ ގޮތް ހަމަޖެއްސުމާއި އާސަންދައިގެ އޮނިގަޑު ހަރުދަނާކުރުމާއެކު އާސަންދަ ފުޅާކޮށް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، މިދާއިރާ ވަކިކުރުމުގެ ކުރިން އައިޖީއެމް.އެޗް އަދި ހުޅުމާލެ ހޮސްޕިޓަލް ބައްލަވައި އެތަންތަނަށް ބޭނުންވެފައިވާ ބަދަލުތައް ގެނައުމުގެ އިތުރުން ހުވަދު އަތޮޅަށާއި ރާއްޖޭގެ ތިން ސަރަހައްދަށް ޒިޔާރަތްކޮށް އަތޮޅު ހޮސްޕިޓަލުތަކަކީ އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ މައި މަރުކަޒުކަމަށް ހަދާ، ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސާމާނުތައް ވަގުތުން ހަމަޖައްސައި ދެއްވުން.

2- ސިއްހީ ދާއިރާއަށް ރާއްޖޭގެ ތާރީހުގައި އައި އެންމެ ބޮޑު ބަދަލަކީ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަޑު ކަމަށްވާއިރު، އެކަން މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއާއެކު ކުރައްވާ އެ އޮނިގަޑު ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޑޮކްޓަރުން ވަޒީފާގައި ތިބުމާއި ބޭރުގެ ސްޕްޝެލިސްޓުން ލިބުމުގެ މަގު ހަމަޖެހިގެން ދިއުން.

3- ރާއްޖޭގެ ތައުލީމީ ދާއިރާއަށް މިހާރުވެސް ގިނަގުނަ ހެޔޮބަދަލުތައް ގެނެސް ރާއްޖޭގެ ގައުމީ މަންހަޖު މިދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް މުރާޖަޢާ ކުރެވި ތަންފީޒުކުރެވުނުއިރު، އެމަންހަޖަކީ އިސްލާމީ ތަޢުލީމާއި އަހުލާގު ގެ ތެރެއިން އެކަށައެޅިފައިވާ މަންހަޖެއްގެގޮތުގައި ހަމަޖެއްސުން. ރާއްޖޭގެ ސްކޫލްތަކުން ފެއިލްވާ ކުދިންނަށް އިތުރު ފުރުސަތު ހޯދައިދިނުގެ ގޮތުން ބީޓެކް ޕްރޮގްރާމް ތައާރަފްކޮށް އެއީ މިހާރު ވަކި ސްޓްރީމެއްގެ ގޮތުގައި ހިގަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ސްޕޯޓްސް އަދި ބިއުޓީ ތެރަޕީ ފަދަ ދާއިރާތަކުން އޯލެވެލް ހެދުމުގެ ފުރަސަތު ހަމަޖެހިގެންދިއުން. ރާއްޖޭގައި އަރަބި ތައްލީމު ފުޅާކޮށް، ރާއްޖޭގެ 40 އަށްވުރެ ގިނަ ސްކޫލްގައި އަރަބި ބަސް ކިޔަވައިދޭން ފެށުމުގެ އިތުރުން އައްޑޫ އަތޮޅު ގައި މުޅިން އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލްއެއް ގާއިމްކުރެއްވުމާއި، ދެވަނަ އަރަބި ސްކޫލެއް އަންނަ އަހަރު ގައި ކުޅުއްދުއްފުށީ ގައި ގާއިމްކުރެއްވުމަށް ނިންވެމުން. ރާއްޖޭގެ ސައްތައިން ސައްތަ މުސްލިމް ޝަހުސިއްޔަތު ހިފެހެއްޓުމަށް ކެމްޕެއިންގައި ވައުދުވިގޮތަށް އިސްލާމިކް ޔުނިވަރސިޓީ ގާއިމްކުރުމުގެ މަސައްކަތް އިސްލާމީ ދުނިޔޭގެ އެހީގައި ސްޓްރެޓެކް ކަރުދާސް ތައްޔާރުކޮށް އަދި އެމަނިކުފާނު ކިޔަވާ ވިދާޅުވި މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީގެ އެހީގައި އެމަސައްކަތް ނިންމައި ގާނޫނު ފާސްކޮށް ޔުނިވަރސިޓީ ވުޖޫދަށްއައުން. މީގެ އިތުރުން ސިއްހީ ދާއިރާ ފަދައިން މިދާއިރާގައިވެސް މުސާރައިގެ އޮނިގަޑެއް ތަޢާރަފްކޮށް ފުޅާދާއިރާއެއްގައި މުދައްރިސުންނަށް ތަމްރީނާއި އުގެނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ނަތީޖާއެއްގެގޮތުން މިހާރުވެސް ޚިދުމަތުގައި ތިއްބެވި މުދައްރިސުންގެ ތެރެއިން 800 ވުރެ ގިނަ މުދައްރިސުން ޚިދުމަތުގައި ތިއްބަވައިގެން ތައުލީމު ޙާސިލްކުރަމުން ދިއުން.

4- ގާނޫނީ ދާއިރާއިން ރާއްޖޭގެ ޖިނާއީ އަދުލުގެ ދާއިރާ ހަރުދަނާ ކުރުމަށާއި، މަދަނީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް އޮނިގަޑެއް އެކުލަވާލައްވައި އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުން. އަދި ގާނޫނީ ދާއިރާއިން މީހުން ތަމްރީނުކުރުމަށާއި ދާއިރާގެ ތެރޭގައި ހުރިކަންތައްތައް އިސްލާޙު ކުރެއްވުމަށް ދާއިރާގެ ބޭފުޅުންގެ މެދުގައި މަހާސިންތާއެއް ބާއްވާ މަޝްވަރާކުރެވި ނިންމުނު ކަންތައްކުރިއަށް ގެންދަން އެޓަރނީ ޖެނެރަލާއި ޙަވާލުކުރެއްވުން.

5- ކުޑަކުދިންނާއި އަންހެނުންނާއި ޢުމުރުންދުވަސްވާމީނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިޖްތިމާއީ ޙާލަތަށާއި އިގްތިސާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް މުޅިއޮނިގަނޑު މުރާޖަޢާކުރެވި ގާނޫނީ އިސްލާޙުތައް މިހާރު ދިރާސާކުރުމުގެ އިތުރުން، ސިއްހީ އަދި ވަޒީފާގެ ދާއިރާއިން އެފަދަ ފަރާތްތަކަށް ހުރި ފުރުސަތުތައް ހޯދައި އެކަންތައް ހަމަޖައްސަމުން ގެންދިއުން. ކުޑަކުދިންގެ ހިޔާގެ ހާލަތު އަމިއްލައަށް ބައްލަވާ އެތަނަށް ބަދަލުގެނެސް އިތުރު މަރުކަޒެއް ހުޅުމާލޭގައި ގާއިމްކުރުމުގެ މަސައްކަތް ފެއްޓެވުން.

6- ރާއްޖޭގައި ވަޅުޖެހިފައިވާ މަސްތުވާތަކެތީގެ ފަރުވާގެ ޕްރޮގްރާމް އަލުންދިރުވައި، ރާއްޖެއިން ބޭރުގެ އެތައް ތަނަކަށް ފަރުވާއަށް ދެވޭނެ ލައިސަންސް ހަމަޖައްސައި، މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ހަދަންޖެހިފައިވާ އެތަކެއް ގަވާއިދުތަކެއް ނިންމަވައި، ފުރަތަމަފަހަރަށް 2011ގައި ވުޖޫދަށް އައި ގާނޫނުގައިވާ ގޮތުގެ މަތިން ޔޫރިން ޓެސްޓް ހެދޭނެގޮތް ހަމަޖެހިގެން ދިއުން. ހިންމަފުށީ ރިހެބުގައި މިސަރުކާރު އައިއިރު ފަރުވާދިނުމުގެ ކެޕޭސިޓީއަކީ އެންމެ 40 މީހުންކަމަށްވާއިރު މިއަދު އެއަދަދު 154އަށް އިތުރުކޮށް ފުލް ކެޕޭސިޓީގައި އެ މަސައްކަތްކުރުމުގެ އިތުރުން އެތައް ބަޔަކު ފަރުވާ ހޯދައި ނިންމަމުންދާއިރު، ކުއްތާތައް ގެނެސް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ހުއްޓުވުމަށް މަސައްކަތްކުރުން.

7- ރާއްޖޭގެ މަތީ ތައުލީމްދޭ ކައުންސިލް ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޮލެޖާއި، ޔުނިވަރސިޓީއާއި އިންސްޓިޓިއުޓާއި އަދި ޕްރޮފެސަރޝިޕްދެވޭނެ ހަމަތައް ނިންމަވައި އެކަންތައް ގާއިމްކުރުން. މިއީ ރާއްޖޭގެ ތާރީޚުގައި މިއަދާ ހަމައަށް ހިނގާފައިވާ ކަމަކަށްނުވާއިރު، ކޮންމެ ހަފުތާކު މިކައުންސިލްބާއްވައި ، މިދާއިރާގައި ޙަރަކާތްތެރިވާ ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ހުރި ގޮންޖެހުންތަކަށް މިނިންމުންތަކުން ޙައްލު ހޯއްދަވައި ދެއްވުމުގެ އިތުރުން އެފަރާތްތަކާއި މަޝްވަރާކުރައްވައި އިތުރު ޙައްލު ހޯދަން މަސައްކަތްކުރެއްވުން.

ނައިބްރައީސަކީ ވަޒީރެއް ނޫނެވެ. ގާނޫނު އަސާސީގެ 117ވަނަމާއްދާގެ (ހ) ގެދަށުން އެއީ ޙަވާލުކުރާ ކަންކަން ކުރަން ހުންނަ ފަރާތެކެވެ. އެއްވެސް ޙާލެއްގައި ވަޒީރެއްގެ ގޮތަށް މަސްއޫލިއްޔަތު ހަވާލުކޮށް އެކަންތަކާ ޒިއްމާވާންޖެހޭ މީހެއްނޫނެވެ. އަދި ވަޒީރުންނާ ސުވާލުކުރައްވާގޮތަށް މަޖިލިހުން ސުވާލުކުރެވޭނެ މީހެއްވެސް ނޫނެވެ.

* ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެެއިލްވެ އިންވެސްޓަރުން ނައުމަކީ ނައިބު ރައީސް ޑރ. ޖަމީލުގެ މައްސަލައެއްތޯ؟

ހަގީގަތުގައި މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްގެ ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެގެންދާއިރު އާމްދަނީ އިތުރުކުރުމަށް ގެނެވުނު އެއްވެސް އިންވެސްޓްމަންޓެއް އަދި ފެންނާނަކަށް ނެތެވެ. ސިންގަޕޫރުގައި ބޭއްވި ބޮޑު އިންވެސްޓްމަންޓް ފޯރަމު ވެސް ވެގެން ގޮސްފައި ވަނީ ފެން ނެތް ބޮޑު ކާއްޓަކަށެވެ. އަހަރަކު އިއުލާން ކުރަން ބުނި ދިހަ ރިސޯޓާއި ބެޔަސް ނުބެޔަސް ދޭނެ ކަމަށް ބުނި 10،000ރ އާއި އެނޫން ވެސް ވެފައިވާ ބޮޑެތި ވައުދުތައް ވެފައި ވަނީ ހުވަފެންތަކަށެވެ.

ހަގީގަތުގައި ޑރ. ޖަމީލު ނައިބު ރައީސް ކަމުން ވަކިކުރަން މިހިންގާ ކުޅިގަނޑަކީ ދިވެހިންނަށް އަޑި ނޭނގޭ ކަމެއް ނޫނެވެ. އަދި އެކަން ފޮރުވޭކަަށް ވެސް ނެތެވެ. ދެކުނަށް ނިސްބަތްވާ ކުރީގެ ހެލްތު މިނިސްޓަރު ޝަކީލާ އާއި މަލީހު ޖަމާލު ވެސް މަގާމުން ބޭރު ކުރެއްވީ ވެސް މީގެ ތެރެއިންނެވެ. މި ރޭވުން ތަންފީޒުކުރަމުން އައީ ދުރާލާ ރާވައިގެންނެވެ. މިއީ ދެކުނު ހަތަރު އަތޮޅުގެ ރައްޔިތުންގެ އިތުރުން ރައީސް ޔާމީނަށް ވޯޓު ދެއްވި 111،000 އަށް ވުރެ ގިނަ މީހުންނަށް ވެސް ބޮޑު އޮޅުވާލުމެކެވެ.