Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

24 ޖޫން 2015 ގައި ޤާނޫނު އަސާސީއަށް ގެނައި ބަދަލަކީ، އިޞްލާޙެއްނޫން!

މިއީ، ބަރަކާތްތެރި ރަމަޟާން ރޯދަމަހެވެ. އެމަހުގެ ފުރަތަމަ ދިހައެވެ. ދިވެހި ރައްޔިތުން އެންމެން ބަލަން ތިއްބާ ދިވެހި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލިސްއިން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އަކީ، ކުޅޭ ކުޅޭ އެއްޗަކަށް ހަދައިފިއެވެ.

މިއީ، ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށް މަޖިލިސް މެންބަރުން ﷲ ގަންދީ ކޮށްފައިވާ ހުވައާއި ޚިލާފު ޢަމަލެއްކަމުގައި ނޫނީ ނުވެއެވެ. މިކަން މިކުރީ ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް މަތިހަށި ނަގައިގެން އުޅޭ ބައިގަޑެވެ. އާދެ! ސިޔާސީ އެންމެ ބޮޑު ދެ ޕާޓީވެގެންނެވެ. ﷲގެ ނަންފުޅުގައި ކޮށްފައިވާ ހުވައަކާއި، ދުނިޔެވީ މަންފާޢެއް ހޯދުމަށް ތިމާ ޚިލާފު ވެއްޖެ މީހަކީ، ނަރަކައިން އިށީންނާނެ ގޮނޑިއެއް ހޯދައިފި މީހެއްކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސަލަމް ޙަދީސްކުރެއްވި އަޑު ނައައްސަވަނީ ބާވައެވެ!

ޢިއްޒަތެރި މެންބަރުން އަލިފާނަށް ގޮސް ވަދެވޭ އިރުވެސް ދުނިޔޭގެ ދަޅާގައި ޖެހި ޣާފިލުކަންމަތީ ތިއްބެވީބާވައެވެ!
ޤާނޫނު އަސާސީއަށް 24 ޖޫން 2015ގައި މިގެނައި ބަދަލުން ޕީޕީއެމްއަށް ލިބުނީ "ޕީޕީއެންގެ ބުރޯ" އަށް ޝަރަފުވެރި މަޤާމެއް ލިބޭނެ ކަމުގެ ހުވަފެނެވެ. އަދި އެމްޑީޕީއަށް ލިބުނީ އެމްޑީޕީގެ ލީޑަރު ޖަލުން ގެއަށް ބަދަލުވުމުގެ އުފަލެވެ. ވަރުގަދަ ޑީލެކެވެ. ޤާނޫނު އަސާސީއަށް މި ގެނެވުނު ބަދަލުގެ ވާރިސަކީ، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމެވެ.

އެ މަނިކުފާނުގެ ނޭވާ ހޮޅީގައި މި ސަރުކާރުން ހިފަހައްޓައިގެން ނޭވާނުލެވިގެން އުޅޭތާ ދުވަސް ތަކެއް ވެއްޖެއެވެ. ކިރިޔާވެސް ނޭވާލެވޭނީ، "ޕީޕީއެމްގެ ބުރޯ" ބޭނުންގޮތައް މަގުފަހިކޮށް ދިނުމުން ކަމަށް ވުމުން ޖޭޕީންވެސް އާއެކޭ ނުބުނެ ފަރުނުޖެހުނެވެ. އަމިއްލަ ޚަންޖަރު އަމިއްލައަށް މެއަށް ހަރަން މަޖުބޫރު ކުރީއެވެ. ވީމާ، ގައުމުގެ ޤާނޫނު ހަދާ މަޖިލިހަކީ، އަނިޔާވެރި ނިންމުން ނިންމާ ތަނަކަށް ވުމަކީ، މުޅިގައުމާއި ރައްޔިތުންނަށް އޮތްވަރަށް ބޮޑު ބިރެކެވެ.

ސައިންޓިފިކު ހުރިހާ ހޯދުންތަކުން ކަށަވަރުވަރުވެ ޔަޤީންވަނީ، އިންސާނާގެ ސިކުނޑި ފުރާފުރިހަމަ ވަނީ އުމުރުން ސާޅީސް އަހަރު ވުމުންކަމަށެވެ. މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް އާއި ރަސޫލުކަމުގެ މަތިވެރި އަމާނާތް ޙަވާލުކުރެވުނީވެސް، ޢުމުރުފުޅުން ސާޅީސް އަހަރު ފުރާފުރިހަމަ ވުމުންނެވެ.

ވީމާ، ޤާނޫނު ހަދާ މަޖިލިހުން އަބަދުވެސް ވިސްނަންވާނީ، މުޅި ގައުމުގެ ސިލްމާ ސަލާމަތަށެވެ. ވަކިމީހެއްގެ މަޞްލަޙަތަކަށް ނޫނެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ތިރީސް އަހަރާއި ފަންސަހައްޓި އަހަރަށް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ، ލިޔެފައި ނެތަސް އެންމެނަށް ކިޔަން އެނގޭ ވާހަކައެކެވެ. އާދެ! "ޕީޕީއެމް ބުރޯ" ނައިބު ރައީސުކަމަށް ދިއުމަށް މަގުފަހިކުރުމެވެ.

އަދި ޖޭޕީގެ ލީޑާރ ޤާސިމުގެ ސިޔާސީ ޙަޔާތް ކަތިލުމެވެ. އިހަކަށް ދުވަހު ޕާލިއަމެންޓްގެ މެޖޯރިޓީ ލީޑަރ ނިހާނު ވެސް ވިދާޅުވީ، ނައިބު ރައީސްގެ މަޤާމް "ޕީޕީއެމްގެ ބުރޯ" އަށް ޙައްޤުކަމަށެވެ. ގައުމުގެ ނައިބު ރައީސް ގެ މަޤާމަކީ، މީހަކަށް ދޭ މެޑެލްއެއް ނޫނެވެ. އެއީ، މުޅިން އެހެން ފަލްސަފާއެއްގެ މައްޗަށް ޙަވާލުކުރެވޭ މަޤާމެކެވެ.

އަށާރަ ވަނަ ޤަރުނުގައި ލީ ކިޔާ މީހެއް ޗައިނާގައި އުޅުނެވެ. އޭނާގެ ޢުމުރުން ސަތޭކަ ފަންސާސް އެއް އަހަރުގައި ހުރީ ފަންސާސްއެއް އަހަރުގެ ހަށިގަނޑެކެވެ. ސިކުނޑީގެ ގޮތުންވެސް މެއެވެ. ޙަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި ވެސް އޭނާއަކީ ޔޫނާނީ ބޮޑު ޙަކީމެކެވެ. ލީގެ ޙަޔާތާއި ބެހޭގޮތުން ޗައިނާއާއި އަދި ފަރަންސޭސި ވިލާތުގެ ސަރުކާރުން ދިރާސާތަކެއްވެސް ވަނީ ކޮށްފައެވެ.

މި ދިރާސާތަކުގެ އަލީގައި ޤާބޫލުކުރެވުނީ، ބޭނުން ކުރާފަތްޕިލާވެލީގެ ސަބަބުން ހަށިގަނޑު އެގޮތުގައި ދެމިހުރީކަމަށެވެ. ދާދި އިހަކަށް ދުވަހު ސީއެންއެންގެ ލައިވް ޕްރޮގްރާމެއްގައި އެމެރިކާގެ ދެމަފިރިއަކު ފެނުނުއިރު، އަންހެން މީހާ ފެނުނީ ތިރީސް ފަސް އަހަރު އުމުރުގެ މީހެއްގެ ގޮތުގައެވެ. ފިރިމީހާ 67 އަހަރުގެ މީހެއްގެ ގޮތުގައެވެ. ޙަޤީޤަތުގައި އަންހެން މީހާއަކީވެސް، ހަމަ 67 އަހަރުގެ މީހެކެވެ. ސީއެންއެންގެ ރިޕޯރޓްގައި ދައްކާގޮތުން މި އަންހެން މީހާ ބޭނުން ކުރާ ކާނާގެ ސަބަބުން ހަށިގަނޑު އެގޮތުގައި ހުރީއެވެ.

ވީމާ، ދުނިޔޭގެ އެއްވެސް ބަޔަކު، ޤާނޫނަކުން ސިޔާސީ މަޤާމްތައް ނުފުރޭނެ މުސްކުޅި އުމުރެއް ކަނޑަ އަޅާފައި ނުވެއެވެ. ޢަމުދުން އިންތިޚާބީ މަޤާމްތަކަށް ޤާބިލް ނާޤާބިލް ކަނޑައަޅަނީ ރައްޔިތުންނެވެ. ވީމާ، އެއީ، އިންތިޚާބީ މަޤާމްތަކަށް ކުރިމަތިލާ މީހާއާއި ރައްޔިތުންނާއި ދޭތެރޭ ނިންމަންޖެހޭކަމެކެވެ. އެހެން ބަޔަކު އެ ޙައްޤަށް އަރައިގަތުމަކީ، އިންސާނީ ޙައްޤަކަށް އަރައި ގަތުމެވެ.

އެމެރިކާގެ 40 ވަނަ ރައީސު ރޮނަލްޑް ރޭގަން، އެ މަޤާމަށް އިންތިޚާބު ވީ 1981 ގައެވެ. އޭނާގެ އުފަން ތާރީޚަކީ 6 ފެބުރުއަރީ 1911 އެވެ. މީގެ މާނައަކީ، ރޭގަން ރައީސުގެ މަޤާމަށް އިންތިޚާބުވީ ޢުމުރުން 70 ވަނަ އަހަރުގައެވެ. ޖެހިޖެހިގެން ދެ ޓާމަށް އޭނާ ރައީސްގެ މަޤާމަށް އިންތިޚާބުވިއެވެ. 1989 ގައި ރޭގަންގެ ޓާމް ހަމަވެގެން މަޤާމް ދޫކުރެއްވި އިރުވެސް ފުރިހަމަ ޞިއްޙަތުގައި އަދިވެސް އިތުރަށް ރައީސްގެ މަޤާމް އަދާކުރެވޭފަދަ ހެޔޮ ޙާލުގައި ހުންނެވިއެވެ. އޭނާގެ މަސްއޫލިއްޔަތު އަދާކުރެއްވިލެއް ފުރިހަމަކަމުން ރައްޔިތުން އޭނާ ބަލައިގަތީ މަޝްހޫރު ފުރެންކްލިން ރޫޒުވެލްޓުމެންގެ ދަރަޖައިގައެވެ. މިހާރުވެސް ބިލް ކުލިންޓަންފަދަ ހުށިޔާރު ރައީސުންނާއި އަޅާކިޔައެވެ.

"ހިންތާ" އެއް ހަދައިގެން ނައިބު ރައީސް މަޤާމުން ވަކިކުރުމަކީ، މުޅި ގައުމަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް!
ޤާނޫނު އަސާސީގެ 112 ވަނަ މާއްދާގެ (ށ)ގައި ވަނީ، "ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ ކޮންމެ މީހަކުމެ، އޭނާއާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނެ މީހެއްގެ ނަން ޢާންމުކޮށް އިޢްލާންކުރާންވާނެއެވެ." ވަރަށް ސާފުބަހުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިންތިޚާބުކުރާނެ ގޮތް ޤާނޫނު އަސާސީގައި ކަނޑައަޅާފައި ވަނިކޮށް އެނޫން ގޮތަކަށް އެކަން އެއްވެސް ބަޔަކަށް ނުކުރެވޭނެއެވެ.

މީގެ މާނައަކީ، 2013ގެ ރިއާސީ އިންތިޚާބުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް އިންތިޚާބުކޮށް ނިންމާފައެވެ. އެއީ، 5 އަހަރުގެ މުއްދަތަކަށެވެ. އެހެންކަމުން، "ހިންތާ" އެއްގެ ދަށުން، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު މަޤާމުން ވަކިކުރި ބީދައިން އެކަން ނުކުރެވޭނެއެވެ. އަދި އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް މަޤާމުން ދުރަށް ލާ ޙަސަން ޒިޔަތު އޮޑިޓަރ ޖެނެރަލް އަށް ހެދިހެން މިކަން ނުކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ދަންނަން ޖެހޭކަމަކީ، ދިވެހި ރައްޔިތުން އިންތިޚާބުކޮށްފައިވާ ނާއިބު ރައީސުގެ މަޤާމާއި ކުޅުމަކީ، މުޅި ދިވެހި ރައްޔިތުންނަށް ޙަރާންކޯރުވުންކަމެވެ. މި މަޤާމުން ޑރ ޖަމީލު ދުއްވާލުމަށްޓަކައި މިހާރު ދައްކާވާހަކައަކީ، ޑރ ޖަމީލަކީ އެ މަޤާމަށް ކުފޫހަމަ ނުވާ މީހެއްކަމުގެ ވާހަކައެވެ.

ޑރ ޖަމީލަކީ މައުމޫނުގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރ ކަން ކުރައްވާފައި ވާ ބޭފުޅެކެވެ. ނަޝީދުގެ ސަރުކާރުގެ އެވިއޭޝަން މިނިސްޓަރވެސް މެއެވެ. ޑރ ވަޙީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރ އެވެ. ވަރަށް ޤާބިލް ހުނަރުވެރި ބޭފުޅެކެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި ޑރ ޖަމީލު ވަނީ އެހެލައްވާފައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޔާމީނު ބޭނުންވަނީ، ޖަމީލު ދުއްވާލުމެވެ. ޔާމީނަކީ ގޮތް ނޭގޭ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ.

ޔާމީނަށް މަޤާމް ހޯދާދެއްވުމަށް މަސައްކަތް ކުރެއްވި އެންމެ ގާތް މީހުނަށް އަނިޔާކޮށް އެމީހުން ސަރުކާރުގެ ތެރެއިން ދުއްވާލުމުން ޔާމީނުގެ ރައީސްކަމުގެ މަޤާމް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުނީކަމަށް އޭނަ ދެކެވަޑައިގަންނަވާ ކަހަލައެވެ. ޔާމީނުގެ މި ސައިކޮލަޖީއާއި ބެހޭގޮތުން ޖެހެނީ ޑރ އަކާއި މަޝްވަރާ ކުރާށެވެ. އެއްގޮތަކީ، ޔާމީނު މިދެންނެވި ސައިކޮލަޖީގެ ދަށުން ޖަމީލު ދުއްވާލަން ބޭނުންވަނީކަމަށް ވެދާނެއެވެ. ނުވަތަ "ޕީޕީއެމް ބުރޯ" އިތުރަށް އަރިސްކޮށްލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވަނީއެވެ.

ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީގެ އިތުރަށް މިހާރުގެ ބަހުރުވައިން ނަމަ، "ޑީލް" ބޮޑިތަކުން މުޅި މަޖިލިސް އެއްކޮށް ޔާމީނުގެ ކޮޅަށް ޖެހުނުކަމުގައި ވިއަސް، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފު ޢަމަލެއް ރައްޔިތުންގެ މުޅި މަޖިލިހުންން ހިންގުމަކީ، ވަރަށް ނާތަހުޒީބީ ޢަމަލެކެވެ. މިކަން ނާތަހުޒީބީ ވަނީ، ގިނަ ސަބަބުތަކަކާއި ހުރެއެވެ. އަނެއްކޮޅުން ރައްޔިތުން ޢާންމު އިންތިޚާބަކުން ހޮވާފައި ވާ ނާއިބު ރައީސް "ހިންތާ" އެއް ހަދައިގެން މަޤާމުން ދުރުކުރުމަކީ، މުޅި ގައުމަށް ޚިޔާނާތް ތެރިވުމެކެވެ.

އެންމެ ފަހުގެ ބަހެއްގެ ގޮތުގައި އަޅުގަނޑު ލިޔެލާނީ، ޑރ ޖަމީލަކީ ޔާމީނަށް ވުރެން އެތައް ގުނައަކަށް ޤާބިލް ބޭފުޅެކެއެވެ، އަދި "ޕީޕީއެމްގެ ބުރޯ" އަކީ، ޑރ ޖަމީލާއި އަޅާބަލާއިރު އެއްވެސް މީހެއް ނޫނެވެ. ދިވެހި ރާއްޖޭގެ ޖައްވު ގުގުމާލާފައި ވާ އަޑުތައް އެކަނިވެސް މިބަހުގެ ހެއްކަކަށް ފުދެއެވެ. "ޕީޕީއެމް ބުރޯ" ގެ ފައިސާވެރިކަން ބޮޑުވެގެން އުޅުމަކީ، ގިނަ ގުނަ ސުވާލުތައް އުފައްދާކަމެކެވެ.