Last Updated: April 25, 22:42
Thursday, April 25, 2024
ކޮލަމް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުން!!

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

ނަމަވެސް މި ޒިންމާ ރައްޔިތުންގެ މަޖިލީހާ ހަވާލުކުރެވިފައި ވަނީ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ވަކި ހާއްސަ ޙާލަތްތަކެއް މެދުވެރިވެއްޖެ ނަމަ އަދާކުރުމަށެވެ.

މިދުވަސްވަރު އެންމެ ހަރުކޮށް އިވެމުން އަންނަ އެއް އަޑަކީ ދިވެހިރާއްޖޭގެ މިހާރުގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރުމަށް ހުށަހެޅުމަށްޓަކައި ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެމްބަރުން އުޅޭ ވާހަކައިގެ އަޑެވެ. މިހާ ކުއްލި، ބޮޑު ބަދަލެއް ގެންނަންޖެހޭފަދަ ޙާލަތެއް މި ދަނޑިވަޅުގައި އެބައޮތްތޯއެވެ.

ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅެއްގެ ދައުރު ހަމަވުމުގެ ކުރިން މަޤާމުން ވަކިކުރެވިދާނެ ކަމަށް ބަޔާންކުރެވިފައިވަނީ 03 ޙާލަތެއްގައެވެ.

އޭގެ ތެރެއިން ފުރަތަމަ ޙާލަތަކީ އިސްލާމްދީނުގެ އަޞްލަކާ ނުވަތަ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރެ އެފަރާތަކުން ކަނޑައެޅިގެން ޚިލާފުވުމެވެ.

ދެވަނަ ޙާލަތަކީ މަޤާމުގައި ހުރެ ކުރުން އެކަށީގެން ނުވާވަރުގެ ކަމެއް ކުރުމެވެ.

އަދި ތިންވަނަ ޙާލަތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޞްޢޫލިއްޔަތު އަދާކުރުމުގައި ނާޤާބިލުވުމެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް ޤާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވިދާނެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަކީ ވަރަށް ޒިންމާދާރުކަމާ އެކު ކުރުމަށް ޤާނޫނުއަސާސީ އިން ރައްޔިތުންގެ މަޖިލީހާ ޙަވާލު ކުރެވިފައިވާ މަޞްޢޫލިއްޔަތެއްކަން އެނގެއެވެ.

އެހެނީ ވަކި ޙާލަތްތަކެއްގައި މެނުވީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިނުކުރެވޭ ގޮތަށް ޤާނޫނު އަސާސީގައި އޮތުމުންނެވެ.މި ދެ މަޤާމަކީވެސް ރާއްޖޭގެ އެތައްހާސް ރައްޔިތުންގެ ރުހުން ލިބިގެން ވޯޓުން އިންތިހާބުކޮށްފައިވާ މަޤާމުތަކެއް ކަމުން، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތްކުރާ މަޖިލިސް މެމްބަރުންނަށް ވިޔަސް ފެނިލައްވާ ގޮތަކަށް ހެއްދެވުމަށް ފުރުޞަތު ނުދީ އޮތުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ފެނެއެވެ.

ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާފަދަ ޙާލަތެއް މެދުވެރިވުމުން ރައީސުލްކުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރަކުންނެވެ.

ޤާނޫނުއަސާސީގައި ވާ ގޮތުން މިގޮތަށް ހުށަހަޅާ ޤަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަޙްޤީޤުކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާ އެ މަސައްކަތް ހަވާލު ކުރެވިދާނެ އެވެ. އަދި އެ މައްސަލައެއްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފެށުމުގެ މަދުވެގެން 14 ދުވަހުގެ ކުރިން، އެކަން މަޤާމުން ދުރުކުރުމަށް ހުށަހެޅިފައިވާ ފަރާތަށް އަންގަންޖެހެއެވެ. އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ދިފާއު ވުމުގެ ހައްޤާއި، ގާނޫނީ ވަކީލަކު ބޭނުންކުރުމުގެ ހައްޤު އެފަރާތަކަށް ލިބިދީފައިވެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާންވާނެއެވެ. އެއީ މިހާރު 85 މެމްބަރުން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ 57 މެމްބަރުންގެ ވޯޓެވެ. މިފަދަ ޤަރާރެއް ފާސްކުރުމުން ޤާނޫނުއަސާސީގައި ވާގޮތުން އެމީހަކު މަޤާމުން ވަކިވާނެ އެވެ.

ރައިސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ ޤާނޫނުއަސާސީގެ 113 މާއްދާގެ ދަށުން އެކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއްގައި ޚިލާފެއް އުފެދުމުން ޢަމަލުކުރަންވީ ވަކިގޮތެއް ޤާނޫނުއަސާސީގައި ބަޔާންކުރެވިފައި ނެތެވެ.