Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކާނަލް ނާޒިމްގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ އިންސާފުވެރިކޮށް ބާ؟

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ޙުކުމްކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ތިބީ ވަކިފަރާތަކަށް ޖެހިގެންކަމަށް ނާޒިމްގެ ފަރާތުން ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިޢުނާފް އަޑުއެހުންތަކުގައި ފާހަގަކުރުމުން ބައެއް މީހުންނަށް އެވާހަކަތައްވީ "ސަޕްރައިޒް" އަކަށެވެ. އަނެއްބައި މީހުންގާތަށް އައީ "ހިންޏެވެ".

ބައެއް މީހުން އެއީ އެންމެން ދަންނަ "ބޮޑު ސިއްރެކޭ" ބުނިއިރު ގިނަ މީހުން އެވާހަކަތައް ފާހަގަކުރުމުން ހައިރާންވީ ސަބަބެއް ނެތިއެއް ނޫނެވެ. ދަށުކޯޓުގައި ކޮންމެ ގޮތަކަށް ފަނޑިޔާރުން ކަންކުރެއްވިޔަސް އިސްތިޢުނާފް މަރުޙަލާގައިވެސް ފަނޑިޔާރުންތިބީ ފަކިފަރާތަކަށް ޖެހިގެން ނުވަތަ ކުރިއާލައި ޙުކުމް ތައްޔާރުކުރައްވައިގެންކަމަށް ބުނެ ފާހަގަކުރިއެއްވެސް މައްސަލައެއް އެނގިފައެއްނެތެވެ. ހަމަގައިމުވެސް މީޑިއާއާ ހަމައަށް ތިލަވެފައެއްނުވެއެވެ. ކަން މިހެން ހުރިއިރު ދައުލަތުން "މަރްކޭ ދަމްތަކް" އޭ ކިޔައި ދިފާޢުކުރާ ޙުކުމަކާ ގުޅިގެން މިފަދަ ކަމެއް ނާޒިމްގެ ފަރާތުން ފާހަގަކުރުމުން އެކަމުގެ ޙަޤީޤަތް އެބަ ބަލަންޖެހެއެވެ.

ފަނޑިޔާރުން ވަކިފަރާތަކަށް ޖެހިގެން ކުރީ ކޮންކަމެއް؟

ނާޒިމްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިންގީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެފަނޑިޔާރުންނާ ދޭތެރޭ އެކި ޒާތުގެ ތުޙުމަތުތައް ޝަރީޢަތުގެ ތެރޭގައިވެސް އަދި އޭގެ ފަހުންވެސް ނާޒިމް އަށް ތާޢީދުކުރާ މީހުންކޮށްފައިވެއެވެ. ނާޒިމްގެ ފަރާތުން އޭނާގެ ކުރީގެ މައުމޫނު ޙަމީދު އިސްވެ ހުންނަވާ ނާޒިމްގެ ކުރީގެ ލީގަލް ޓީމުން ތައްޔާރުކުރި އިސްތިޢުނާފް ފޯމުގައި ވަރަށް ސީދާކޮށް އަދި ތަފްޞީލުކޮށް ފަނޑިޔާރުން ޢަމަލުކުރެއްވި ގޮތްތަކާ ގުޅިގެން މައްސަލަތައް ފާހަގަކޮށްފައިވެއެވެ. މިވާހަކަތައް މިގޮތަށް މިހާރު ނާޒިމްގެ ފަރާތުން ވަކާލާތުކުރައްވާ ކުރީގެ ބަންޑާރަ ނައިބު ޙުސްނުއްސުޢޫދުވެސް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ފަނޑިޔާރުން ވަކިފަރާތަކަށް ޖެހިގެން ޢަމަލުކޮށްފައިވާކަން ފަނޑިޔާރުން ދައްކަވާފައިވާ ވާހަކަތަކުން ދޭހަވާކަން ފާހަގަކޮށް އިސްތިޢުނާފް ފޯމުގައި ހިމަނާފައިވާ ބައެއް ވާހަކަތަކަށް ބަލާލުން ރަގަޅުވާނެކަމަށް ދެކެމެވެ.

ފްރޭމްކުރިކަމަށް ބުނެ ފާހަގަކުރި މައްސަލަ ނުބެލޭނެކަމަށް ބުނުން!

ނާޒިމްގެ ފަރާތުން މައްސަލަ ފެށުނީއްސުރެ ޙުކުމް ކުރުމާހަމައަށްވެސް ބުނަމުން އައީ މިއީ ނާޒިމް ފްރޭމް ކޮށްލުމަށް ބަޔަކު ކުރިކަމެއްކަމަށާއި މިކަމުގެ އަޑީގައި ފުލުހުންނާއި ސަރުކާރުގެ އިސްވެރިން ތިއްބެވިކަމަށެވެ. އަދި އެކަން ހެކިން ޙާޟިރުކޮށްދެއްވިނަމަ ސާބިތުކޮށްދެވޭނެކަމަށެވެ.
ފްރޭމްކުރުމާ ގުޅިގެން ނާޒިމްގެ ފަރާތުން ތަކުރާރުކޮށް އެވާހަކަ ދެއްކެވުމުން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޢަބްދުލް ބާރީ ޔޫސުފް ވިދާޅުވީ "ފްރޭމްކޮށްފައިވާކަމަށް ޤަބޫލުކުރާނަމަ އެކަން ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށާއި މި މައްސަލައިގެ ތެރެއިން އެކަންކަން ނުބައްލަވާނެ" ކަމަށެވެ. މިވާހަކަތައް ނޫސްތަކުގައިވެސް މިގޮތަށް ރިޕޯޓްކޮށްފައިވެއެވެ.
އަދި އޭގެ އިތުރުން ފްރޭމްކުރުމާ ގުޅޭގޮތުން ހެކިންނާ ސުވާލު ނުކުރެވޭނެކަމަށްވެސް ފަނޑިޔާރުން ވިދާޅުވެފައިވެއެވެ. މިކަންކަންވެސް ނާޒިމްގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި ނާޒިމް ފްރޭމްކޮށްފައިވާކަމަށް ޤަބޫލުކުރެވޭތޯ ތަޙްޤީޤކުރި އެންމެ އިސްފަރާތާ ނާޒިމްގެ ފަރާތުން ސުވާލުކުރުމުންވެސް ބާރީ ވަނީ އެ ސުވާލު ނުކުރެވޭނެކަމަށް ވިދާޅުވެ ނާޒިމްގެ އެ ސުވާލުވެސް ހުއްޓުވާފައެވެ.

ނާޒިމް އަށް އެކަށީގެންވާ ވަސީލަތާއި ވަގުތު ނުލިބުނު!

ނާޒިމްގެ ފަރާތުން ދިފާޢުވުމަށް ހޯދުމަށް ބޭނުންވާ ލިޔުންތައް ފުލުހުންނާއި ޕީޖީ އޮފީހުން ނުލިބޭކަމަށް ބުނެ ލިޔުންތައް ހޯއްދަވައިދެއްވުމަށް އެދި ހުށަހެޅުމުން އެކަމަށް އިޢުތިރާޒު ކުރިކަމަށް ނާޒިމްގެ ފަރާތުން އިސްތިޢުނާފްގައި ފާހަގަކޮށްފައިވެއެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ފޯމުގެ ސާފު ކޮޕީއެއް ލިބިގެން ނޫނީ އެ ފޯމާ މެދު އެންމެ ރަގަޅަށް ވާހަކަ ނުދެއްކޭނެކަމަށް ނާޒިމްގެ ފަރާތުން މަޢުމޫނު ޙަމީދު ކްރިމިނަލް ކޯޓުގައި ބުނުމުން އޭގެ ޖަވާބުގައި "ހުރިހާ އެންމެން ރަގަޅަށް އުޅޭނަމަ މި ޝަރީޢަތްވެސް ކުރަން ނުޖެހުނީސް" ކަމަށް ފަނޑިޔާރުން ވިދާޅުވިކަމަށް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ނާޒިމްގެ ފަރާތުން އިސްތިޢުނާފްގައި ފާހަގަކުރާ އަނެއްކަމަކީ ނާޒިމްގެ މައްސަލަ އަވަސް އަރުވާލައިގެން އެކަށީގެންވާ ވަގުތު ދިނުމެއްނެތި ކުރިއަށްގެންގޮސްފައިވާކަމެވެ. ނާޒިމްގެ ފަރާތުން މިނުކުތާ ފާހަގަކޮށްފައިވާއިރު މާލޭގެ ގެއެއްގައި ހަނގުރާމަވެރި ހަތިޔާރު އުފެއްދި މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް 2 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ނުނިމި އޮތްކަން ފާހަގަކުރެވެއެވެ. އެ މައްސަލާގައި އެމީހުންގެ މައްޗަށްކުރަނީ ޓެރަރިޒަމްގެ ދަޢުވާކަމަށް މަޢުލޫމާތު ލިބެއެވެ.

ބައެއް މައްސަލަތައް މިހާ ބާރު ސްޕީޑްގައި ނުވަތަ މިހާރުގެ ޢާއްމު ބަހުރުވައިންނަމަ "ފަޓާސްބަރިއެއް" ހެން ނިންމާލާއިރު މަރުގެ މައްސަލަތަކާއި އާދައިގެ ޗެކް ބައުންސް މައްސަލަތައްވެސް 5 އަހަރު ނުވަތަ 6 އަހަރުވަންދެންވެސް ކޯޓުގައި ނުނިމި ހުރިކަން ފާހަގަކުރެވެއެވެ.

ނާޒިމްގެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބަސްމަގު ހުރިގޮތުން އެވާހަކަ ޝަރީޢަތަށް ޙާޟިރުވި ގިނަ ނޫސްވެރިންވެސް ދައްކާފައިވެއެވެ. އަދި ބައެއް ނޫސްވެރިން ސިފަކުރާގޮތުގައި ފަނޑިޔާރުން ތިއްބެވީ ނާޒިމްގެ ވަކީލުން ޤާނޫނީ ވާހަކަތައް ދައްކަވައި އެހާ ގަދައަށް ދިފާޢުކުރައްވާތީ އެބޭފުޅުންނަށް ނުރުހިފައެވެ. އަދި ފަނޑިޔާރުން ތިއްބެވީ ވަކި ކަމެއް ޙާޞިލްކުރައްވަންކަންވެސް ވާހަކަތަކުން އެނގޭކަމަށެވެ.

މިގޮތުން ނާޒިމްގެ މައްސަލާގައި ޝަރީޢަތަށް ޙާޟިރުވި ރާއްޖޭގެ އޮންލައިން ނޫހެއްގެ ޒުވާން ނޫސްވެރިޔަކު ނަން ހާމަނުކުރަން ޝަރުޠުކޮށް "އައްޑޫ ލައިވް" އާ ވާޙަކަދައްކަމުން ބުނީ "އެ ޝަރީޢަތް ކުރިއަށްދިޔަގޮތުން އެނގޭ ފަނޑިޔާރުން ތިއްބެވީ ނާޒިމްގެ ވަކީލުންނާމެދު ވަރަށް ނުރުހިފައިކަން. މީޑިޔާގައި ރިޕޯޓްކުރާ ޚަބަރުތަކާއި އަދި ސޯޝަލް މީޑިޔާގައި މީހުން ލިޔާ ލިޔުންތަކާ ގުޅިގެންވެސް ނާޒިމްގެ ވަކީލުންނާ ސުވާލުކޮށް އިންޒާރުދެއްވާފައި އެބަހުރި. ޤާނޫނުގައި އޮތްއެއްޗެއް ވިދާޅުވީމާ އެއަށް ޖަދަލުކުރައްވާ. ހެކިން ޙާޟިރުކޮށްދޭންޖެހޭނެކަމަށް ބުނާ ސުޕްރީމްކޯޓުގެ ޤަޟިއްޔާގެ ވާހަކަ ފާހަގަކުރުމުން ފަނޑިޔާރުން ވިދާޅުވީ އެ ޤަޟިއްޔާ އެހެން އޮތްކަން އެނގިތިބެޔޭ ހެކިން ހާޟިރުނުކޮށްދޭން ނިންމީވެސް."

އެހެން ނޫސްވެރިޔަކު ބުނިގޮތުގައި ކްރިމިނަލް ކޯޓުގެ އަޑުއެހުމެއްގައި ޤާޟީ ބާރީ ވިދާޅުވި ވާހަކައަކުން މައްސަލައިގެ ޙުކުމްވެސް ގާތްގަނޑަކަށް ކަށަވަރުވިކަމަށެވެ. "ދައުލަތުގެ ހެކިންނާ ސުވާލުކުރުމުގެ ތެރޭގައިހެން ހީވަނީ. ނާޒިމް ނޫނީ އޭނާގެ ވަކީލުން ކުރި ސުވާލަކާ ގުޅިގެން ބާރީ ވިދާޅުވީ ޝަރީޢަތުން ބަލަން ބޭނުންވަނީ ހަތިޔާރު އެތަނުން ފެނުނުތޯކަމަށް. އިތުރުކަމެއް ބަލަން ބޭނުންނުވާކަމަށް. އެވަރުން ދެން ކުޑަކުއްޖަކަށްވެސް މިވާންއުޅޭ ގޮތް އެނގޭނެ ނޫންތޯ؟"

ޖުމްލަ 26 އިސްތިޢުނާފް ނުކުތާއާއެކު ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިޢުނާފްކޮށް ދައުލަތުން ޖަވާބުވެސް ހުށަހަޅާފައިވަނިކޮށް ކުއްލިއަކަށް މައްސަލަ ބަލާ ބެންޗުގެ 2 ފަނޑިޔާރަކު ހައިކޯޓުގެ ދެކުނު ބްރާންޗަށް ބަދަލުކުރުމުން މައްސަލަ އޮތީ ހުއްޓިފައެވެ. މިއީ ސީދާ ނާޒިމްގެ މައްސަލައާ ގުޅިގެން ނިންމި ނިންމުމެއްކަމަށް ބައެއް ފަރާތްތަކުން ތުޙުމަތުކުރެއެވެ.

ހައިކޯޓުގެ ދެކުނު ބްރާންޗަށް ނާޒިމްގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ބަދަލުކުރައްވަން ނިންމެވި ނިންމެވުމާ ގުޅިގެން ނާޒިމްގެ ޤާނޫނީ ވަކީލް ޙުސްނުއްސުޢޫދުވެސް ވަނީ އެކަމުގެ ހިތްހަމަ ނުޖެހުން ނުސީދާކޮށްނަމަވެސް ސޯޝަލް މީޑިއާގައި ފާޅުކުރައްވާފައެއްވެ. ނާޒިމްގެ މައްސަލަ ބަލާ ހައިކޯޓުގެ ބެންޗަށް ބަދަލު އަންނަގޮތަށް ހައިކޯޓުގެ ދެކުނު ބްރާންޗަށް ފަނޑިޔާރުން ޢައްޔަންކުރުން ސުޢޫދު ސިފަކުރައްވާފައިވަނީ "އަނެއްކާވެސް ޢަދުލުއިންސާފަށް ހިތާމަވެރި" ދުވަހެއްގެ ގޮތުގައެވެ.

ބާރު ސްޕީޑްގައި ހައިކޯޓުގައި ހިންގަވަން ތާވަލްކުރައްވާފައިއޮތް ނާޒިމްގެ ޝަރީޢަތް ހުއްޓިފައިވާއިރު ދެން އަޑުއެހުމެއް ބޭއްވޭނެ ދުވަހެއް ނޭނގޭކަމަށާއި އެކަމާމެދު ކަންބޮޑުވާކަމަށް ނާޒިމްގެ ޢާއިލާގެ ބައެއް ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ. ދިވެހި ރައްޔިތުން ޝައުޤުވެރިކަމާއެކު ބަލްންތިބީ ނާޒިމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް އަންނާނެ ގޮތަކަށެވެ.