Last Updated: April 25, 22:42
Thursday, April 25, 2024
ކޮލަމް

ޝުޖާއު ޢުޘްމާނާއި، އަބްދުﷲ ދީދީގެ ތަޢުލީމީ ފެންވަރު ހައި ކޯޓަކަށް ވެސް 'ނޭނގޭ' ؟

ދިވެހިރާއްޖޭގެ މަތީ ކޯޓްތަކުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ ތަޢުލީމީ ފެންވަރާއި މެދު އަބަދުވެސް ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.

އެގޮތަށް ސުވާލު އުފައްދާ މީހުންގެ އެންމެ ބޮޑު ޝަކުވާ އަކަށް ވެފައިވަނީ ޤާނޫނީ ދާއިރާއިން މަތީ ފާސް ތައް ޙާސިލްކޮށްފައިވާ ޒުވާން ބޭފުޅުންނަށް ފުރުސަތު ނުދިނުމެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޤާނޫނީ ދާއިރާއިން ކިތަންމެ މަތީ ފާހެއް އޮތް ކަމުގައި ވިޔަސް އިންޓަވިއު އާއި ހަމައަށް ވެސް ދިއުމުގެ ފުރުސަތު ނޯންނަ ކަމަށެވެ.

" ފަނޑިޔާރުން އައްޔަން ކުރުމުގައ ރާއްޖޭގަ މިއޮންނަނީ ވަރަށް ހެއްވާ ޝަރުތެއް. ބުނާ ގޮތަކަށް ހަދާ ބަޔަކު ވެއްޖެއްޔާ އޯކޭ އުސޫލް. ކިޔެވުމަށް މާކްސް ދޭނެ ނަމަ އެންމެ ފަހުން ހައިކޯޓަށް ކުރިމަތިލި ފަނޑިޔާރުންގެ ތެރޭގައި ތިއްބަވާނެ ޝުޖާއު އުޘްމާން އާއި ދީދީ އަށް ވުރެ މާ ރަނގަޅު ބޭފުޅުން ( މަތީ ފާސްތައް ޙާސިލްކުރައްވާފައިވާ) " ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުންޏެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް އަލަށް އައްޔަން ކުރެވުނުު ޝުޖާޢު އުޘްމާން އާއި ޢަބްދުﷲދީދީގެ ތަޢުލީމީ ފެންވަރު ހޯދުމަށްޓަކައި 'އައްޑޫލައިވް' ގެ ފަރާތުން ވަނީ ސީދާ އެ ދެބޭފުޅުންނަށް ވެސް ގުޅާފައެވެ. ދެ ބޭފުޅުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ސީދާ ހައިކޯޓަށް ގުޅައިގެން މައުލޫމާތު އޮޅުން ފިލުވަން މަސައްކަތް ކުރުމުން ހައިކޯޓުން ބުނެފައިވަނީ އެބޭފުޅުންގެ ވެބްސައިޓްގައި ފަނޑިޔާރުންގެ ތަޢްލީމީ ފެންވަރު ބަޔާންކޮށްފައި ވާނެ ކަމަށެވެ.

" ހައި ކޯޓުގެ ފަނޑިޔާރުންގެ ވަނަވަރު ހުންނާނެ ވެބް ސައިޓްގައި. އޭގައި ނެތް މައުލޫމާތެއް އަޅުގަނޑުމެންނަކަށް ވެސް ނޭނގޭނެ ދެއްތޯ" މިއީ ހައި ކޯޓުން 'އައްޑޫލައިވް' އަށް ލިބުނު ޖަވާބެވެ.

ކޮންމެ އަކަސް ދިވެހިރާއްޖޭގެ ހައި ކޯޓުގެ ވެބްސައިޓް އަށް ވަދެ ހޯދަމުން ދަނިކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޢުލޫމާތު ހުރި ސަފްޚާއެއް ފެނިއްޖެއެވެ. ޝުޖާޢު އުޘްމާން އާއި އަބްދުﷲ ދީދީގެ ނަން ވެސް ފެނިއްޖެއެވެ.

ހައިކޯޓުގެ 9 ފަނޑިޔާރުންގެ ވެސް ތަޢުލީމީ ފެންވަރު އެ ސަފްޚާގައި ވަކިވަކިން ބަޔާންކޮށްފައިވާއިރު ޝުޖާޢު އުޘްމާން އާއި އަބްދުﷲ ދީދީ ކިޔެވި މަދްރަސާއެއްގެ ވާހަކައެއް ވެސް ހިމަނާފައި ނެތުމުން ލިބިގެންދިޔައީ ބޮޑު ހައިރާން ކަމެކެވެ.

"އަލްއުސްތާޛު އަލްއުސްތާޛު ޝުޖާޢު އުޘްމާންއަކީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. އަލްއުސްތާޛު ޝުޖާޢު އުޘްމާން ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ގއ. ވިލިގިލީ ކޯޓުގެ މެޖިސްޓްރޭޓްކަމާ، ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަމާ، އދ. އަތޮޅާ، ގއ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާ، ކްރިމިނަލް ކޯޓުގެ ޤާޟީކަން ހިމެނެއެވެ" ޝުޖާޢު އުޘްމާން އާއި ބެހޭގޮތުން ހައި ކޯޓުގެ ވެބްސައިޓްގައި ވެއެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ބެހޭގޮތުން ހައިކޯޓް ވެބްސައިޓްގައި ވަނީ ، "އަލްއުސްތާޛު ޢަބްދުﷲ ދީދީއަކީ، ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. އަލްއުސްތާޛު ޢަބްދުﷲ ދީދީ ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ގއ. ދެއްވަދޫއާ، ކ. ދިއްފުށީ ކޯޓުގެ މެޖިސްޓްރޭޓްކަމާ، ކޯޓު ނަންބަރު 2 ގެ ޤާޟީކަމާ، ޖުވެނައިލް ކޯޓުގެ ޤާޟީކަމާ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާ އެ ކޮމިޝަންގެ ނާއިބު ރައީސްކަން އަލްއުސްތާޛު ޢަބްދުﷲ ދީދީ ކުރައްވާފައިވެއެވެ."

މުޅިން ވެސް ތަޖުރިބާގެ ވާހަކައެވެ. އެބޭފުޅުންގެ ފޮޓޯއެއް ޖަހާފައި ނެތުމުން އަނެއްކާވެސް ހައިކޯޓަށް ގުޅައި މައުލޫމާތު ސާފުކުރުމުން ލިބުނު ޖަވާބަކީ، " ފަނޑިޔާރުންގެ ތަޢުލީމީ ފެންވަރާއި ބެހޭގޮތުން މި ކޯޓަށް އެނގޭ ހުރިހާ މައުލޫމާތެއް ހުންނާނީ ހިމަނާފައި" ކަމަށެވެ.

އެހެން ކަމަށް ވެއްޖެނަމަ ބައެއް ފަރާތްތަކުން ފާހަގަ ކުރާ "ގްރޭޑް ގެ ފެންވަރު ފަނޑިޔާރުން" ގެ ކެޓަގަރީއަށް ވެސް މި ދެބޭފުޅުން ނުފެތުނީއެވެ. ކިޔެވި އެއްވެސް މަދްރަސާ އަކުން ނުކިޔަވާ 2 ބޭފުޅަކަށް ހައިކޯޓްގެ ފަނޑިޔާރުކަން ދެއްވީ ބާއެވެ ؟