Last Updated: April 25, 22:42
Thursday, April 25, 2024
ސިޔާސީ

"ޕިސް، ޕިސް ކަދުރުން ވެސް ވައްކަން"

ސައުދީ ސަރުކާރުން ރާއްޖެ އަށް މި އަހަރު ދިން 50 ޓަނު ކަދުރުގެ ތެރެއިން 10 ޓަނު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ނަންގައިގެން ބައްސަވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ކަދުރުން ވެސް ވައްކަންކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވާ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރޯދަ މަހު ބަހަން ދިން ކަދުރުން ވެސް ވައްކަން" ކަމަށެވެ.

މެޑަމް ފާތުން ކަނދުރު ބައްސަވާ މައްސަލާގައި އަމާޒުވެފައިވާ ފާޑު ކިއުންތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވީ އެކަމަނާ ބައްސަވާ ތަކެއްޗަކީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމުގައި ލިބޭ ތަކެތި ކަަމަށެެވެ.

އޭނާ ވިދާޅުވީ އެކި ފަރާތްތަކުގެ އެހީތެރިކަން މެޑަމް ފާތުންގެ ޞަދަގާތު ފައުންޑޭޝަނަށް ލިބެމުންދާ އިރު، ސަރުކާރުގެ ތެރެއިން ކުޑަ ކަދުރުކޮޅެއް ވަގަށް ނަގައިގެން ބަހަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަަމަށެވެ.

"މީގެ ކުރިން ވެސް މެޑަމް ގެންދެވީ އިޖްތިމާއީ ހިދުމަތުގައި ނަމޫނާ ދައްކަވަމުން. އަސާ ބެއްސެވުމާއި، ނިކަމެތިންނަށް ދީލަތި އެހީތެރިކަން ދެއްވުމުގައި ދެއްތޯ. މި ހުރިހާ ކަމެއް ކުރައްވަނީ ބޭރުން އެހީތެރިކަން ހޯއްދަވައިގެން. އަޅުގަނޑުގެ ސުވާލަކީ ދެއް ކީއްކުރަންތޯ ސަރުކާރުގެ ތެރެއިން ކުޑަ ކަދުރުކޮޅެއް ނަންގަވަންވީ." މުއާޒު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މިފަދަ ވާހަކަތައް މެޑަމް ފާތުން އާ ގުޅޭ ގޮތުން ދައްކަނީ އެކަމަނާގެ މަަސައްކަތްތަކާ މެދު ހަސަދަވެރިވާ ބަޔަކު އެ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ.