Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

ޔޫރޯ 2016: ސްޕެއިން ބަލިކޮށް ކްރޮއޭޝިޔާ ގްރޫޕްގެ އެއްވަނަ އަށް

ޔޫރޯ 2016 ގައި ގްރޫޕް ޑީގެ ފަހު މެޗުގައި ސްޕެއިން އަދި ކްރޮއޭޝިޔާ ބައްދަލު ކުރި މެޗު ފަހަތުން އަރައި ކްރޮއޭޝިޔާ ކާމިޔާބުކޮށް ދުނިޔެ ހައިރާންކޮށްފި އެވެ.

މެޗުގެ ފުރަތަމަ ގޯލު ވަރަށް ކުރީކޮޅުގައި ސްޕޭނުން ޖަހާފައިވާއިރު ކްރޮއޭޝިޔާ ނަތީޖާ އެއްވަރުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ވަރަށް ކައިރި ވެފައި ވަނިކޮށެވެ.

ހަތް ވަނަ މިނެޓުގައި މޮރާޓާ ކާމިޔާބުކުރި ގޯލާއެކު ސްޕެއިން ލީޑު ނަގާފައިވަނިކޮށް ކްރޮއޭޝިޔާގެ އިވާން ރަކިޓިކް ފޮނުވާލި ބޯޅަ އަރާފައިވަނީ ގޯލުގެ ދަގަނޑަށެވެ.

ސްޕެއިންގެ ކީޕަރު ޑެހެއާގެ ފަރާތުން ހެދުނު ގޯހެއްގެ ސަބަބުން ރަކިޓިކް އަށް ބޯޅަ ލިބުނުއިރު އޭނާ ފޮނުވާލާފައިވަނީ ހުސް ގޯލަކަށެވެ. ގޯލުގެ ދެ ދަގަނޑުގައި ޖެހި ކީޕަރު ވަނީ ބޯޅަ ހިފާފަފައެވެ.

މެޗުގެ ބޮޑުބައި ސްޕެއިނުން ކުޅެފައިވާއިރު ކްރޮއޭޝިޔާ ވަނީ ކައުންޓާ ގައި ހަމަލާތައް ހަދައި ގޯލަށް ނުރައްކާކުރަން މަސައްކަތް ކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޕެރިސިކް ހުރަސް ކޮށްދިން ބޯޅައެއް ކަލިނިކް ވަނީ ޑެހެއާ ގެ ކައިރި ޕޯސްޓުން ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ސްޕެއިން އަށް ޕެނަލްޓީއެއް ލިބި މެޗުގެ ނަތީޖާ ބަދަލުކުރުމުގެ ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ޑިފެންޑަރު ރާމޮސް ފޮނުވާލި ޕެނަލްޓީ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ޕެނަލްޓީ ނެގުމަށް ހާއްސަ އެޓޭކަރުންނާއި މިޑްފީލްޑަރުން ދަނޑުގައި ތިބިއިރުވެސް ޑިފެންޑަރަކު ޕެނަލްޓީ ނެގުމަށް ބޯޅަ ހިފައިގެން ދިއުމުން ގިނަ ބަޔަކު ތިބީ ހައިރާންވެފައެވެ. އަދި ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން ގިނަ ބަޔަކު ވަނީ ޑެލްބޮސްކޭގެ ނިންމުމަށް ފާޑު ކިޔާފައެވެ.

މެޗު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ކްރޮއޭޝިޔާގެ ދެވަނަ ގޯލު ޖަހާފައިވަނީ އިވާން ޕެރިސިކްއެވެ. މިމެޗުން މޮޅުވެ ލިބުނު 7 ޕޮއިންޓާއެކު ކްރޮއޭޝިޔާ ގްރޫޕް ސްޓޭޖް ނިންމާލީ އެއްވަނައިގައެވެ. ސްޕެއިންއަށް ލިބުނު 6 ޕޮއިންޓާއެކު ދެވަނައިގައި ދެވަނަ ބުރަށް ދިޔައިރު ރޭގެ މެޗުން ޗެކް ރިޕަބްލިކް ބަލިކޮށް ތުރުކީ ވަނީ 3 ޕޮއިންޓާއެކު ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފައެވެ. ޗެކް ރިޕަބްލިކް ވަނީ މުބާރާތުން ކަޓާފައެވެ.