Last Updated: April 24, 21:16
Wednesday, April 24, 2024
ޚަބަރު

ގަން އެއާޕޯޓް މަޝްރޫއު އޮގަސްޓް މަހު ނިމޭނެ: އޭއައިއޭ

ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އޮގަސްޓް މަހުގެ ތެރޭގައި ނިމި ހިދުމަތް ދޭން ފެށޭނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފި އެވެ.

އެއާޕޯޓް ތަރަައްގި ކުރުމުގެ މަޝްރޫގެ ތެރެއިން އާ ރަންވޭގެ ބޮޑު ބައެއް މިދިޔަ އަހަރު ނިންމައި މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.

އޭއައިއޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައޫދު ވިދާޅުވީ އޮގަސްޓް މަހުގެ ތެރޭގައި އެއަޕޯޓްގެ ހިދުމަތްތަކާ އެކު ސީ ޕްލޭންގެ ހިދުމަތް ވެސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ ހިދުމަތް ދޭން އޮޕަރޭޓަރަކު ހޯދަން ވެސް މި އަހަރުގެ ކުރީކޮޅު އިއުލާންކޮށްފަ އެވެ.

އިބްތިޝާމާ ވިދާޅުވީ، ރަންވޭގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ، އޭޕްރަން ރިސާފޭސް ކުރުމުގެ މަސައްކަތް ކަމަށެވެ.

މިހާރު ތާވަލު ކުރެވިފައިވާ ގޮތުން މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިމި، ހުރިހާ ހިދުމަތްތަކާ އެކު ގަން އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއަޕޯޓެއްގެ ހުޅުވިގެންދާނެކަމަށް އިބްތިޝާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސީ ޕްލޭންގެ ހިދުމަތް ފެށުމަށްޓަކައި، ސީ ޕްލޭން ދެ ރަންވޭ ކޮނެ ތައްޔާރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ގަމުގައި 250 އެނދުގެ ތިންތަރީގެ ހޮޓަލެއް ވެސް އަޅަން ވަނީ ނިންމައިފަ އެވެ.

މަސައްކަތް ވެސް ހަލުވިކަމާ އެކު ކުރިއަށްދާކަން އިބްތިޝާމާ ފާހަގަ ކުރެއްވި އެވެ. މި މަޝްރޫއަށް 50 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.