Last Updated: April 25, 17:49
Thursday, April 25, 2024
ޚަބަރު

ކައުންސިލްގެ މުވައްޒަފުންނަށް 1،500ރ. ގެ ގިފްޓް ކާޑެއް

ރޯދަ ހަދިޔާގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ކައުންސިލުން 1،500ރ. ގެ ގިފްޓް ކާޑެއް މިއަދު ހަދިޔާކޮށްފި އެވެ.

ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އެ ކާޑަކީ ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ކައުންސިލްގެ ބަޖެޓުން ދިން ގިފްޓް ކާޑެއް ކަމަށެވެ.

މި ކާޑުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕީއޯއެސްތަކުން، ކާޑުގެ ލިމިޓް ހަމަ ވަންދެން ވިޔަފާރި ކުރެެވޭނެ އެވެ.

އެނގިފައިވާ ގޮތުގައި ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ކާޑެއް ދޭން ނިންމީ، މުވައްޒަފުންނަށް ރޯދަ ހަދިޔާ ދޭން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ކައުންސިލަށް ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ.

ކައުންސިލުން ބުނީ ކުރިން ނިންމީ ތަކެތިން މުވައްޒަފުންނަށް ރޯދަ ހަދިޔާ ދޭން ކަމަށެވެ.

އެހެން ނަމަވެސް ވިޔަފާރި ކުރެވޭ ކާޑެއް މުވައްޒަފުންނަށް ހަދިޔާކޮށްފި ނަމަ އޭގެ ބޭނުން މާ ރަނގަޅަށް ހިފޭނެ ކަމަށް ފެންނާތީ، ގިފްޓް ކާޑެއް ދޭން ނިންމީ އެވެ.

މިއީ ކައުންސިލުން މިފަދަ ކާޑެއް ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.