Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ހިތަދޫގައި ބިޒްނަސް ޑިވެލޮޕްމެންޓް ސެންޓަރެއް ގާއިމް ކުރަނީ

އިކޮނަމިކް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ވިޔަފާރި ތަރައްގީ ކުރުމަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި "ބިޒްނަސް ޑިވަލޮޕްމެންޓް ސާވިސް ސެންޓަރު" ތަކެއް މިއަހަރުތެރޭ ގާއިމް ކުރައްވާނެ ކަމަށާއި، އެގޮތުން ހިތަދޫގައި އެއް ސެންޓަރު މިއަހަރު ނިމުގެ ކުރިން ގާއިމް ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލިސްގައި އިއްޔެ އައްޑޫ މީދޫ ދާއިރާގެ މަޖްލިސް މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ބިޒްނަސް ސެންޓަރު ގާއިމް ކުރުމުގެ އެއްބަސްވުމުގައި މިމަސް ނިމުމުގެ ކުރިން ސޮއި ކުރައްވާނެކަމަށެވެ.

އަދި އެގޮތަށް ގާއިމްކުރާ ބިޒްނަސް ސާވިސް ސެންޓަރުތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ދޭންޖެހޭ ފަންނީ ހުނަރާއި ޓްރޭނިން ޕްރޮގުރާމްތައް ހިންގުމުގެ އިތުރުން ވިޔަފާރި ހިންގުމަށް ބިޒްނަސް ކޮންސަލްޓެންސީ ދިނުން ފަދަ ޚިދުމަތްތައް އެތަންތަނުން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެ ސެންޓަރުތަކުގައި ޚިދުމަތް ފޯރުކޮށްދޭނީ ކަމުގެ ފަންނީ މާހިރުން ކަމަށާއި އޭޑީބީ ޕްރޮޖެކްޓްގެ ތެރެއިން އެފަދަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫއަށް ވަކި ހާއްސަ މަޝްރޫއެއް މިނިސްޓްރީން ކުރިއަށް ނުގެންދާ ކަމަށާއި، ނަމަވެސް މުޅި ރާއްޖެއަށް އަމާޒުކޮށްގެން މަޝްރޫއުތައް ރާވާފައިވާ ކަމަށެވެ.

އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި، ޅ. ނައިފަރުގައިވެސް މިއަހަރު ނިމުމުގެ ކުރިން ބިޒްނަސް ސެންޓަރެއް ގާއިމް ކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.