Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ފެރީ ހުއްޓި، ހުޅުމީދޫ ރައްޔިތުން "ރަށު ބަންދުގައި"

އައްޑޫގެ އެއްގަމާއި، ކަނޑުގެ ދަތުރުފަތުރު ދިނުމަށް ހަވާލުވެފައިވާ އެމްވިކޭއިން ހިދްމަތް ނުދިނުމުގެ ސަބަބުން، ހުޅުމީދޫ ރައްޔިތުންގެ ތެރެއިން ސ.ގަމަށް ވަޒީފާއަށްދާ ސަރުކާރު މުވައްޒަފުންނާއި، ބަލިމީހުން ރަށު ބަންދުވެ އެކަމާއި ރައްޔިތުން ކަންބޮޑު ވުން ފާޅު ކުރަން ފަށައިފިއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ސަރުކާރުގެ މުވައްޒަފަކު ބުނީ މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ހުޅުމީދޫން ސ.ގަމަށް ވަޒީފާއަށްދާ އެއްވެސް މުވައްޒަފަކަށް ގަމަށް ނުދެވޭ ކަމަށާއި، ހާޒިރީގައި "ނާންނަ" ޖަހަަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ވަޒީފާއަށް ނުދެވި ރަށުގައި ތާށިވެފައި. މިދެމެދު (ހުޅުމީދޫއާއި ފޭދޫ) ދަތުރު ކުރާ ފެރީއެއް އެމްވިކޭ ފިޔަވައި ނޯވެ، ދެން ކިހިނެއްތޯ އަޅުގަނޑުމެން ވަޒީފާއަށް ނިކުންނާނީ"

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރަށް ދައްކަން ގޮސް ހުރި މާބަޑު އަންހެނަކު ބުނީ ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތިގެން ހިތަދޫއަށް އަންނަން ޖެހުނީ ލޯންޗް ކުއްޔަށް ހިފައިގެން ކަމަށެވެ. އޭނާ ބުނީ ގޮތް ހުސްވުމުން ބޮޑު އަގުގައި ލޯންޗް ހިފައިގެންވެސް އަންނަން ޖެހޭ ކަމަށެވެ.

ފޭދޫ އާއި ހުޅުމީދޫ އާއި ދެމެދު ލޯންޗް ދަތުރުކުރަނީ ކޮޅަކަށް 2500 ރުފިޔާއަށެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ތަރި އަނީސް "އައްޑޫލައިވް"އަށް ވިދާޅުވީ އެމްވީކޭ ކަންކަން ހައްލު ކުރުމަށް އެމްވިކޭ ޝަފީގް އާއި އެކު ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ހައްލު ނުވާ ކަމަށެވެ.

އެމްވީކޭ އާއި ހަވާލުކޮށްފައިވާ ގަމުގެ ދޫގަސް ގެސްޓް ހައުސް
އެމްވީކޭ އާއި ހަވާލުކޮށްފައިވާ ގަމުގެ ދޫގަސް ގެސްޓް ހައުސް

އަނީސް ވިދާޅުވީ އެމްވީކޭއިން ދަތުރުފަތުރު ނުކުރާ ކަމުގެ މައުލޫމާތު މިހާރު ޓްރާންސްޕޯޓްގެ ކަންކަން ބަލަހައްޓަމުން އަންނަ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއަށް އިއްޔެ ދެންނެވުމުން މިނިސްޓަރ އަމިއްލައަށް އެމްވީކޭ ޝަފީގްއަށް ގުޅުއްވިކަމަށެވެ.

އަދި މިނިސްޓަރ ގުޅުއްވުން ދަތުރު ބަރާބަރަށް ކުރަމުން އަންނަ ކަމަށާއި އިއްޔެވެސް ދަތުރު ކުރަން ފެރީ އޮތްކަމަށް ޝަފީގް މިނިސްތަރު ގާތު ބުނެފައިވާ ކަމަށެވެ.

އެމްވީކޭއިން ޖީމއެމްއާރާއި ދެކޮޅަށް އައްޑޫގަި ކުރި މުޒާހަރާ- އެމވީކޭގެ ހިދްމަތާއި މެދު އާއްމުން ދަނީ ޝަކުވާކުރަމުން-
އެމްވީކޭއިން ޖީމއެމްއާރާއި ދެކޮޅަށް އައްޑޫގަި ކުރި މުޒާހަރާ- އެމވީކޭގެ ހިދްމަތާއި މެދު އާއްމުން ދަނީ ޝަކުވާކުރަމުން-

ދަތުރުފަތުރުގެ ކަންކަން މިހާ ދޯދިޔާ ގޮތަކަށް އޮތްއިރު މިކަން ހައްލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރައްވާ މަސައްކަތް އޮޅުން ފިލުވުމަށް މިހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން "އައްޑޫލައިވް"އިން އިކޮނޮމިކް މިނިސްޓަރަށް މެސެޖްކޮށް ފޯނުން ގުޅަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބް ނުވެފައެވެ.

އަނީސް ވިދާޅުވީ ސަރުކާރު މުވައްޒަފުންނަށް ވަޒީފާއަށް ނުދެވި ބަލި މީހުން ރަށުގައި ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތި ތިބުމަކީ މިހާރު އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

7000އެއްހާ މީހުން ދިރިއުޅެމުން އަންނަ ހުޅުމީދޫ ރައްޔިތުން ދަތުރުފަތުރު ނުކުރެވި ރަށު ބަންދުން ސަލާމަތް ނުވެވި ހަފްތާއެއްވީ އިރު ސަރުކާރުން އެއްވެސް ކަހަލަ ހައްލެއް ހޯދައި ދިނުމަކަށް މަސައްކަތެއް ނުކުރެއެވެ.