Last Updated: March 29, 16:28
Friday, March 29, 2024
ރިޕޯޓް

ތަގުވާވެރިކަން: އެންމެ ރީތި ފޭރާން

ތަޤުވާވެރިވުމަކީ މާތްﷲ އަށް ބިރުވެތިވުމެވެ. ﷲ ވެޑިގެންވާކަން ހަނދާންކޮށް، އެކަލާނގެ އެންގެވި މަގުގައި ސާބިތުވެ ހުރުމެވެ.

ފާފަތަކުން ދުރުހެލިވެ، ޢަމަލާއި ބަހުން ތެދުވެރިވުމެވެ. މަކަރާއި ހީލަތްހެދުމުން ދުރުވެ، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމެވެ.

ތަޤުވާވެރިޔަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ފުރިހަމަ އަށް ކިޔަމަންތެރިކަން އަދާކުރުމާއި ނަހީކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވެގެން ﷲ އެންގެވި މަގުގައި ކަސިޔާރުނުވެ ހުންނަ މީހާއެވެ. ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މީހުންނަކީ ތަޤުވާވެރިންނެވެ.

ޢަރަބި ބަހުގައި "ތަޤްވާ" މިލަފްޒު ތަފާތު މާނައިގައި ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ކަލާނގެ ވާކަން ދެނެގަތުން، މާތް ﷲ ދެކެ ބިރުވެތިވުން، ދީންވެރިވުން، އަދި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގުންފަދަ މާނަތައް ހިމެނެ އެވެ. ދިވެހި ބަހުގައި ތަޤުވާއަކީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ބިރުވެރިވާ ބިރުވެތިވުމެވެ.

ކުށްފާފަތަކުން ރައްކާތެރިވުމެވެ. ތަޤުވާވެރިކަމަކީ މާތްﷲގެ ކޯފާއަށް ބިރުވެތިވެ އެކަލާނގެ އަމުރުކުރެއްވި ކަންތައްކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވާ ދުރުހެލިވުމެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތަޤުވާވެރިންގެ ކިބައިން އެ މާތް ސިފަ ފެންނާނެ އެވެ. ހިތް ތިރިކަމާއި، ރުޅި މަޑުކަމާއި، އޯގާވެރި ކަމާއި، އެހެންމީހުންނަށް ކަމޭހިތުން ފަދަ މާތް ސިފަތައް ތަޤުވާވެރިޔާގެ ކިބައިގައި ހުންނާނެއެވެ.

ތަޤުވާވެރިކަމުގެ ރީތި ފޭރާމަކީ އިންސާނުންގައި ހުންނަ އުނި ސިފަތަކާއި އަޚްލާޤީ އައިބުތައް ނިވާކުރާ ފޭރާމެކެވެ.

ތަޤުވާވެރިޔާގެ ނަފްސު ސާފުވާނެއެވެ. އޭނާގެ ޟަމީރު ހޭލުންތެރި ވާނެއެވެ. އޭނާގެ އިޙްސާސްތައް އޯގާތެރިވެފައި ނިޔަނެތި ވާނެއެވެ. ތަޤުވާވެރިޔާގެ ހިތުގައި ހަސަދަވެރިކަމުގެ ގަހެއް ނުހެދޭނެ އެވެ.
ނެތިމޮށުމާއި ދެބައޮޑުވުމާއި ޣީބަ ބުނުމަކަށް އޭނާގެ ދުލަކަށް ބާރެއް ނުލިބޭނެއެވެ. އޭނާވާނީ ޚުލްޤު ރަނގަޅު ހިތްހެޔޮ މީހަކަށެވެ.

މާތްﷲ ވަނީ ތަޤުވާވެރިވުން ޙައްޤު ވެގެންވާ ގޮތުގައި އެކަލާނގެއަށް ތަޤުވާވެރިވުމަށް އަންގަވާފަ އެވެ. އަދި އެކަމުގެ ފުރުސަތު ފަހިކޮށް ދެއްވާފަ އެވެ.

ރަމަޟާން މަހު ރޯދަ ހިފުން އިސްލާމީ އުންމަތަށް މާތްﷲ ފަރުޟުކުރެއްވުމުގެ ހިކްމަތަކީ ތަޤުވާވެރިވުމެވެ. ރަމަޟާން މަހަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށާއި އަނބި ދަރީންނަށް، ތަޤުވާވެރިވުމަށް ވަސިއްޔަތްކުރަންވީ މައްސަރެވެ. ރަމަޟާން މަހަކީ ތަޤުވާވެރިކަން ނަފްސަށް ލިއްބައި ދިނުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މި ދުނިޔޭގައި އަޅުގަނޑުމެން ކުރާ ދަތުރުގެ އެންމެ ހެޔޮ ކޮއްތަކީ ވެސް ތަޤުވާ އެވެ. ތަޤުވާވެރިކަން އިތުރުކުރެވޭނީ ގިނަގިނައިން ނަމާދުކޮށް، ޤުރުއާން ކިޔަވައި ހެދުމުންނެވެ. ހަވާ ނަފްސުގެ އެންމެހައި އެދުންތަކުން ދުރުކޮށް ރޫހާނިއްޔަތަށް ބާރު އަޅައިދޭ ޢަމަލުތަކުގައި ސާބިތުވެ ހުރެގެންނެވެ.

ހެޔޮ ކަންތަކަށާއި ތަޤުވާ އަށް އެކަކު އަނެކަކަށް ވާގިވެރިވެގެންނެވެ. ނުބައި ކަންތަކަށާއި އަދާވާތްތެރިކަމަށް އެކަކު އަނެކަކަށް ވާގިވެރި ނުވުމުންނެވެ. ތަގްވާވެރިކަމާ، އެންމެ ގާތްކަން ބޮޑީ އަދުލުވެރިވުމެވެ.