Last Updated: April 20, 09:35
Saturday, April 20, 2024
ރިޕޯޓް

މަރަދޫ ބިން ހިއްކުމާ ގުޅޭ ގޮތުން ޖަވާބެއް ނުލިބުނު

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް. ފޮޓޯ: ހަވީރު

ބިމުގެ ދަތިކަން ބޮޑު، މަރަދޫގެ ބިން ހިއްކުން ފެށޭނެ ދުވަހަކާއި، ހިއްކަނީ ކިތައް ހެކްތަރުގެ ބިންތޯ އާއި މަސައްކަތް ފަށާ ތާރީހެއް ބެލުމަށް އެދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި މަސައްކަތް ނާކާމިޔާބް ވެއްޖެ އެވެ.

ރައްޔިތުންގެ މަޖްލިސްގައި ވަޒީރުންނާއި ސުވާލު ކުރުމަށް އޮތް ފުރުސަތުގައި ޝަރީފް ވަނީ މަރަދޫ ބިން ހިއްކުން ލަސްވާ މައްސަލަ އާއި، އެކަމަށް ދައުލަތުން ހަރަދު ކުރަން ނިންމާފައިވާ ބަޖެޓާއި ބެހޭ ސުވާލު ކުރައްވާފައެވެ. އަދި މަސައްކަތް ފަށާނެ ތާރީހާ، ހިއްކާ ބިމުގެ ބޮޑު މިން އޮޅުން ފިލުވުމަށް ސުވާލު ކުރައްވާފައެވެ.

ނަމަވެސް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ނުދެއްވައި ވިދާޅުވީ، ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، އެއް އަހަރެއްގެ ތެރޭގައި ހުރިހާ ރަށެއްގެ ބިން ހިއްކުމަށް ސަރުކާރަށް ނުކުޅެދޭ ކަމަށެވެ.

ނަމަވެސް އަންނަ އަހަރު ފޭދޫގެ ބިން ހިއްކުމަށް ބަޖެޓްގައި ހިމަނުއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"'އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ދައުރުގެ ތެރޭ ގައި އަޅުގަނޑުމެން މަރަދޫ އާއި މަރަދޫފޭދޫ އަދި ހިތަދޫގެ ބިން ހިއްކުން ވެސް ކުރިއަށްގެންދާނެ ވާހަކަ އަޅު ގަނޑު ދަންނަވަން. އެހެން ދެންނެވި ނަމަވެސް، މި އަހަރުގެ ބަޖެޓު މަރުޙަލާގެ ތެރޭގައި އަދިވެސް ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ޚަރަދުކުރާނެ ވަރު ކަނޑަ އަޅައި، އެއަށް އިތުރަށް ފައިސާ ކަނޑައަޅަން ނިންމަވައިފި ކަމުގައި ވާނަމަ، މަރަދޫގެ ބިން ހިއްކުން ވެސް ހަމަ ކުރިއަށް ގެންދިއުމަށް ބަޖެޓް ހެދިގެންދާއިރުގައި ހިމެނިގެންދިއުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން މި ވަގުތަށް ކަނޑައަޅާ ފައި މި ވަނީ ފޭދޫގެ ބިން ހިއްކުން ކުރިއަށް ގެންދަން."

ޝަރީފް ވަނީ ތަކުރާރުކޮށް މަސައްކަތް ފެށޭނެ ތާރީހެއް ވިދާޅުވުމަށް ދަންނަވާފައެވެ. އަދި މިނިސްޓަރު މަރަދޫގެ ބިން ހިއްކުމުގެ ވާހަކަ ދައްކަވާފައިވަނީ ވަރަށް "ފެންކޮށް" ކަމަށެވެ.

އައްޑޫގެ ހަތަރު ރަށެއްގެ ބިން ހިއްކުން މިއަހަރު ފެށޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުއިއްޒުވަނީ މިއަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ވިދާޅުވެފައެވެ. ނަމަވެސް އެއްވެސް ރަށެއްގެ ބިން ހިއްކަން އަދި ފަށާފައި ނުވެއެވެ.