Last Updated: April 25, 17:12
Thursday, April 25, 2024
މުނިފޫހިފިލުވުން

އެންމެ ފަހުން "ޝުއްދީ" އަށް ސަލްމާން

ކަރަން ޖޯހަރުގެ "ޝުއްދީ" ގެ މަސައްކަތް ފަށަން ގާތްގަނޑަކަށް ތައްޔާރުވެފައި ވަނިކޮށް، އެ ފިލްމުން ރިތިކް ރޯޝަން ވަކިވެގެން ދިއުމަކީ ބޮލީވުޑަށް ސިހުން ގެނެސް ދިން ހަބަރެކެވެ.

އަނެއްކާ އޭގެ ހަމަ ދުވަސްކޮޅެއް ފަހުން އެ ފިލްމުގެ ބަތަލާއަކަށް ހަމަޖެއްސި ކަރީނާ ކަޕޫރު ވެސް ވަނީ ފިލްމުގެ މަސައްކަތް ނުފެށި ދިގުލައިގެން ދާތީ އެ ފިލްމު ނުކުޅެން ނިންމައިފަ އެވެ. އެއީ ކަރީނާ އާއި ރިތިކްގެ ފޭނުންނަށް ވެސް ލިބުނު ވަރަށް ހިތްދަތި ހަބަރެކެވެ.

މީގެ ސަބަބުން ޕްރޮޑިއުސަރު ކަރަން އަށް ހަދާނެ ގޮތް ހުސްވެ، ދެން "ޝުއްދީ" އާއިގެން ކުރިއަށް ދާނެ ގޮތަކާ ދޭތެރޭ ވަރަށް ބޮޑަށް ބޯގާނަން ޖެހުމެވެ. މިކަމާ ގުޅިގެން މީޑިއާތަކުން ބައެއް ފަހަރު ސުވާލު ކުރުމުން ކަރަން ދީފައި ވަނީ ވެސް ވަރަށް ރުންކުރު ޖަވާބުތަކެވެ.

ރިތިކާއި ކަރީނާ "ޝުއްދީ" އިން ވަކިވުމާ އެކު ދެން އަޑުތައް ފެތުރިގެން ދިޔައީ "ރާމް-ލީލާ" ގެ ޖޯޑް ރަންވީރު ސިންގާއި ދީޕިކާ ޕަދްކޯން އަށް އެ ފިލްމު ހުށަހެޅި ވާހަކަ އެވެ. އޭގެ ފަހުން އާމިރް ހާނަށް ވެސް އެ އޮފާ ދިޔަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން "ހީރޯޕަންޓީ" އިން ބޮލީވުޑަށް މި އަހަރު ތައާރަފްވި ޖެކީ ޝްރޮފް ދަރިފުޅު ޓައިގާ ޝްރޮފަށް ވެސް މި ފިލްމް ހުށަހެޅި ކަމަށް ރިޕޯތައް ބުނެ އެވެ.

އެހެން ނަމަވެސް އެއިން އެއްވެސް ވާހަކައެއް ކަރަން ކަށަވަރެއް ނުކޮށްދެ އެވެ. އެހެންވެ "ޝުއްދީ" ގެ ވާހަކައިގެ އަޑު މަޑުވެފައި ވަނިކޮށް، ކަރަން ވަނީ އަނެއްކާ ވެސް "ޝުއްދީ" ގެ ވާހަކަ ދައްކަން ފަށައިފަ އެވެ.

ykjhkh

ޓްވިޓާ މެދުވެރިކޮށް އޭނާ ވަނީ އެ ފިލްމުގެ ލީޑް ރޯލަށް ސަލްމާން ހަމަޖެހުނުކަން ހާމަކޮށްފަ އެވެ. އަދި ފިލްމު ރިލީޒް ކުރާނީ 2016 ގެ ދިވާލީގައި ކަމަށް ވެސް ކަރަން ބުންޏެވެ. މި ފިލްމަކީ ކުރިން އަންނަ އަހަރު ރިލީޒް ކުރަން ޕްލޭން ކުރި ފިލްމެކެވެ.

މިއީ 1998 ގައި ނިކުތް "ކުޗްކުޗް ހޯތާ ހޭ" އަށް ފަހު ކަރަންގެ ދަރްމާ ޕްރޮޑަކްޝަންގެ ފިލްމެއްގައި ސަލްމާން މަސައްކަތް ކުރާނެ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެ އެވެ.

"ޝުއްދީ" އަށް ސަލްމާން ސޮއި ކުރި ނަމަވެސް އަދި ވެސް އެ ފިލްމުގެ ބަތަލާއަކީ ކާކު ކަމެއް ނޭނގެ އެވެ. އެ ވާހަކައެއް ކަރަން ނުދައްކަ އެވެ.

އިންޑިއާގެ މަޝްހޫރު ލިއުންތެރިޔާ އަމިޝް ތުރިޕަތީގެ "އިމޯޓަލްސް އޮފް މެލޫހާ" ގެ މައްޗަށް ބިނާކޮށް ހަދާ "ޝުއްދީ" ގެ ޑައިރެކްޓަރަކީ ކަރަންގެ ދަރްމާ އިން ޕްރޮޑިއުސްކޮށް، ރިތިކް ރޯޝަން ލީޑް ރޯލް ކުޅުނު "އަގްނީޕަތު" ގެ ޑައިރެކްޓަރު ކަރަން މަލްއުތުރާ އެވެ.