Last Updated: April 25, 22:42
Thursday, April 25, 2024
ސިޔާސީ

އައިބީ އާއި ޝާޑް ކަރަންޓްގެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންދިޔަ ނުދިން!

އައްޑޫ ކަރަންޓް މައްސަލާގައި މެމްބަރުން ވާހަކަ ދައްކަވަނީ. --ހަވީރު ފޮޓޯ:

އައްޑޫގެ ރައްޔިތުންގެ ތެރެއިން ބޮޑު އާބާދީއަށް މި ރަމަޝާން މަހު ގިނަ ވަގުތު ކަރަންޓްގެ ހިދްމަތުން މަހްރޫމް ވެފައިވާ މައްސަލަ "ކުއްލި" މައްސަލައެއްގެ ގޮތުގައި މިއަދު މަޖްލިސްއަށް ހުށަހެޅުމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދް (ޝާޑް) މައްސަލައަށް ވޯޓު ނުދީ ބޭރުކޮށްލައިފި އެވެ.

މިދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދީފައި ވަނީ 27 މެމްބަރެކެވެ. އަދި 29 މެމްބަރަކު ވަނީ މައްސަލަ ބަލައި ނުގަންނަން ވޯޓުދީފައެެވެ. އެ މެމްބަރުގެ ތެރޭގައި އައިބީ އާއި ޝާޑް ހިމެނެ އެވެ.

ރޮޒޭ ވިދާޅުވީ އައްޑޫގެ ރައްޔިތުންގެ ތެރެއިން ބޮޑު އާބާދީއެއް އަސާސީ ހިދްމަތުން މަހްރޫމް ވެފައިވާ އިރު އެކަން ބެލުމަށް ވުރެ ޕީޕީއެމްއަށް ނިސްބަތްވާ ޝާޑް އާއި އައިބީ އަށް މުހިއްމީ ސަރުކާރު ދިފާއު ކުރުމަށެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް ދީދީ ވިދާޅުވީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި އައްޑޫ ކަރަންޓްގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ފުރުސަތަށް ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ހުރަސްއަޅުއްވާފައިވާ ކަމަށެވެ.

އަދި ހުޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ޝާހިދާއި ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ ރައްޔިތުންގެ ހައްގަށް ވުރެ ބޮޑަށް ސަރުކާރު ހައްގު ދިފާއުކުރަން މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

މި ރަމަޝާން މަހުގެ 2 ވަނަ ދުވަހުން ފެށިގެން ގުޅިފައިވާ ރަށްތަކުން ދޭތެރެ ދޭތެރެއިން އެއް ގަޑިއިރަށް ކަރަންޓް ކަނޑަމުން އަންނަ އިރު ހިދްމަތްފޮރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ކުރިން ބުނެފައިވަނީ ހިދްމަތް މެދުކެޑޭނީ 7 ދުވަހަށް ކަމަށެވެ.

ރޮޒޭ ވިދާޅުވީ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދޭ އެސްޓިއޯއިން ތެޔޮ ދޫކުރަނީ އެދުވަހަށްވާ ވަރަށްކަމަށެވެ. ނަމަވެސް އިންޖީނުގޭގައި ތެޔޮ ރައްކާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރި ނަމަވެސް މާލެއިން ފައިސާ ދޫނުކުރާތީ ޖެހެނީ ދުވަހުން ދުވަހަށް ތެޔޮ ނަގަން ކަމަށެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ފްރިޖްގައި ބަހައްޓާފައި ހުންނަ ކުކުޅާއި އެހެނިހެން ސާމާން ހަލާކުވަމުން އަންނަ އިރު ކަރަންޓް ކެނޑުމުގެ ސަބަބުން ބައެއް އާއްމު ރައްޔިތުންގެ އިލެކްޓްރިކް ސާމާން ހަލާކުވުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.

އައިބީ އާއި ޝާޑްގެ ވޯޓުން މައްސަލަ ބަލައި ނުގަންނަން ނިންމި ނަމަވެސް، ރޮޒޭ ވަނީ މި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ކަމާބެހޭ ފަރާތްތަކުން ހާޒިރުކޮށްދިނުމަށް އެދި ހުށަހަޅުއްވައިފަ އެވެ.

އައިބީ ވަނީ އައްޑޫގައި އަޅަން ނިންމާފައިވާ 704 ހައުސިން ޔުނިޓް ހުޅުމާލެއަށް ބަދަލު ކުރުމަށް ވޯޓުދީފައެވެ. އެކަމާއި ގުޅިގެން އޭނާއަށް ފޭދޫ ރައްޔިތުންގެ ބޮޑު ފާޑު ކިއުމެއް ވަނީ އަމާޒުވެފައެވެ.