Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ފެނަކަ ނިމާލާއި އައްޑޫ އިންޖީން!

ފެނަކަގެ ކުރީގެ އެމްޑީ ނިމާލް.

އައްޑޫގެ ކަރަންޓްގެ ހާލަތު މިވަނީ ދުވަހަކުވެސް ނުދާ ވަރަށް ދަށައް ގޮސްފައެވެ. އިންޖީނުތައް މަރާމާތު ނުކުރެވި ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަމުން އަންނަތާ ދެއަހަރު ވަނީ އެވެ. އެކަމަކު އަދިވެސް ރައްޔިތުން އޮޅުވަނީ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އިންޖީނުތަކަށް މައްސަލަ ޖެހި، ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަން ފެށިއެވެ. އޭރު ބަހަނާ އަކީ އެމްޑީޕީ ސަރުކާރުން އުފެއްދި ސަދަން ޔޫޓިލިޓީ ކުންފުނިން އިންޖީނުތައް މަރާމާތު ނުކޮށް، ހުރުމުން އިންޖީނުތަކަށް މައްސަލަ ދިމާވީ ކަމަށެވެ. އެކަން ފެނަކަ ކޯޕަރޭޝަނުން އެމައްސަލަ ހައްލުކޮށް އައްޑޫ ރައްޔިތުންނަށް ކަރަންޓް ދޭނެ ކަމަށެވެ.

ނަމަވެސް 2013 މާޗް 11 ދުވަހުން ފެށިގެން އަނެއްކާވެސް ކަރަންޓް ކަނޑާލަން ޖެހިދާނެކަމުގެ އިންޒާރާއި އެކު، ލޯޑު މަތިވާ ވަގުތު ތަކުގައި ކަރަންޓް ކަނޑަން ފެށިއެވެ. އެމައްސަލަ ހައްލު ނުކުރެވި އެންމެ ފަހުން ފެނަކަ ކޯޕަރޭޝަން ގޮވައިގެން، އައްޑޫ ސިޓީ ކައުންސިލުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ގެންނަ ވަރުވިއެވެ.

އޭގެ ފަހުން، 2 އެޕްރީލް 2013 ވަނަ ދުވަހު ކުއްލި ގޮތަކަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެޑިގެން، އެންމެ ފަހު އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފެށިއެވެ.

އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހެއިރު (އަބްހަރީ ޒުހައިރު) ވިދާޅުވީ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ލޯޑު މަތިވެ، ޓެމްޕްރޭޗަ މައްޗަށް ގޮސް އިންޖީނު ހުއްޓުނީ ކަމަށެވެ.

އަދި އެކަން ހައްލު ކުރެވެން އޮތީ ބެކަޕް އިންޖީނެއް ގޮތުގައި ބޭނުން ކުރަމުން އަންނަ 1.6 މެގަވޯޓް އިންޖީނު މަރާމާތު ކުރެވިގެން ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް މީގެ ކޮންމެ ހާދިސާ އަކާއި ގުޅިގެން ވިދާޅުވާ ވާހަކައަކީ އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ގަންނަ ވާހަކަ އާއި ހައްލަކީ އިތުރު ޖަނަރޭޓަރެއް އައްޑޫއަށް ގެނައުން ކަމަށެވެ.

8 އެޕްރީލް 2013 ވަނަ ދުވަހު ކަރަންޓް ކަނޑާލުމަށް ފަހު ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑު އަށް ދިމާވެފައިވާ ކަރަންޓްްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ ކެޕޭސިޓީ އާ އެއްވަރުގެ އިންޖީނެއް ގެނެވިގެން ކަމަށެވެ. އެހެންވެ ދެ މެގަ ވޮޓްގެ އިންޖީނެެއް 2013 ވަނަ އަހަރުގެ ރޯދައިގެ ކުރިން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކޮންމެ މަހަކު ހަފްތާއަކަށް ނޫނީ 10 ދުވަހަށް ކަރަންޓް ނުކަޑާ މަހެއް ނުވެއެވެ. ސްޕެއާ ގަންނަ ވާހަކަ ވިދާޅުވެފައި ޖެހިގެން އަންނަ މަހު ސްޕެއާ ގަންނަން ޑޮލަރު ނުލިބޭ ކަމަށް އެބަ ވިދާޅުވެއެވެ.

އައްޑޫއަށް ގެންނަ 2 މެގަ ވޮޓް އިންޖީންގެ ލިއެކިއުމުގެ ކަންކަން ނިމި ބިޑިން އާއި ހިސާބަށް ދިޔަކަމަށް ވިދާޅުވެފައި ދެން މިވިދާޅުވަނީ އޭގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިންޖީނު ވީ ހިސާބެއް އެނގޭ މީހަކު ނެތެވެ.

ދެ މެގަވޯޓް އިންޖީނެއް ގެންނަ ވާހަކަ ނިމާލު ދައްކާ ފަހުން ދެވަނަ ރޯދަމަސް މި ނިމެނީއެވެ. މިއަދު ވެސް މިތިބީ ކަރަންޓްގެ ހިދްމަތުން މަހްރޫމްވެފައެވެ.

އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ނުކުރެވި، ގިނަ ރައްޔިތުން އަސާސީ ހިދްމަތުން މަހްރޫމްވެފައި ތިބެން ޖެހުމުން އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖްލިސްއަށް ހުށަހެޅުމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދް (ޝާޑް) ވޯޓު ނުދިނުމުން މައްސަލަ ވަނީ މަޖްލިސްއިން ބަލައި ނުގެންފައެވެ.

އެމައްސަލަ އާއި ގުޅިގެން އައްޑޫއަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ނޫސް ކޮންފަރެންސެއް ބޭއްވުމުން، ފެނަކަ އިން ވަނީ އައްޑޫގެ ކަރަންޓްގެ ހާލަތު މިއަދު ރަނގަޅުވާނެކަމަށް ބުނެ ނޫސް ބަޔާން ނެރެފައެވެ.

މި ރަމަޟާން މަހު އައްޑޫން ކަރަންޓް ކަޑަމުން އަންނަނީ މަރުކަޒީ އިންޖީނުގޭގައި ހުރި 750 މެގަވޯޓް އިންޖީނުގެ ޓާބޯއަށް މައްސަލަ ޖެހިގެންނެވެ. އެކަން ހައްލު ކުރުމަށް ބޭނުންވާ ސްޕެއާ އަދި އައްޑޫއަށް ނުލިބޭކަމަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތުވަނީ ލިބިފައެވެ.

ނަމަވެސް ފެނަކައިން ނެރުނު ބަޔާންގައި، ރައްޔިތުން އޮޅުވާލުމަށް ވަނީ ލައްކަ މަސައްކަތް ކޮށްފައެވެ. އެކުންފުނިން ބުނީ "ކުންފުނީގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުން ދަނިކޮށް އެއްވެސް ހަގީގަތެއް ނުބަލާ އަދި ކަންކަން ހައްލުކުރަން ކުރަނީ ކޮން މަސައްކަތެއްތޯ ނުބަލައި މި ކުންފުނީގެ ކަސްޓަމަރުންގެ ގޮތުގައި ތިބި އާންމު ރައްޔިތުންނަށް ކުންފުންޏާ ދޭތެރޭ ބަދަލުވާ ގޮތަކަށް ވާހަކަ ނުދެއްކުމަށް މި ކުންފުނިން އެދެމެވެ،"

ފެނަކަ އިން މިގޮތަށް ބަޔާން ނެރުނު އިރު ބަޔާންގައި ބުނެފައިވަނީ މިހާރު ވެސް ކަރަންޓް ކަނޑަނީ ވެސް އާންމުންނަށް އުނދަގޫ ނުވާނެ ވަގުތުތައް ބަލައިގެން ކަމަށެވެ. އެކަމަކު ކަރަންޓް ކަނޑަނީ ރޯދައަށް މީހުން ބަދިގޭގައި އެންމެ ބުރަކޮށް އުޅޭ ވަގުތުގައެވެ.

އިއްޔެގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އައްޑޫގެ ކަރަންޓްގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އިތުރު ދެ މެގަ ވޮޓްގެ އިންޖީނެއް އެ ރަށަށް ހޯދުމަށް މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ. އަދި އެ ރަށުގައި ހުރި 1.6 މެގަ ވޮޓްގެ ޖަނަރޭޓަރެއް ވެސް މަރާމާތު ކުރުމަށް ބޭނުންވާނެ ސްޕެއާ ހޯދުމުގެ މަސައްކަތް ވެސް ކުރާ ކަމަށެވެ.

މި ބަޔާން މިގޮތަށް ނެރުނު އިރު 1.6 މެގަ ވޯޓް އިންޖީނުގެ ސްޕެއާ ގަނެ، ރާއްޖެގެނެސް ކަސްޓަމްސް ކްލިއާ ކުރުމަށްފަހު ދެ ދުވަހެއްގެ ތެރޭގައި އައްޑޫއަށް ފޮނުވާނެކަމަށް 13 މޭއި 2014 ވަނަ ދުވަހު "އައްޑޫލައިވް"އަށް ދެއްވި އިންތަވިއުއެއްގައި ނިމާލު ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ތަފާތު ފަހަރު މަތިން މި ފާއިތުވި ދެއަހަރު ނިމާލް މީޑިއާގައި އެއްވާހަކައެއް ތަކުރާރު ކުރައްވާފައިވާ އިރު ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަނީ ކޮންބައެއްތޯ ސުވާލު އުފެދެއެވެ.