Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ފޭދޫ ފުޓްސަލް ދަނޑަށް އަތޯގެ ނަން ދެނީ

ހާޓް އެޓޭކެއް ޖެހިވަޑައިގެން މި މަހުގެ އަށް ވަނަ ދުވަހު އަވަހާރިވި ފޭދޫގެ ކުރީގެ ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) ގެ ނަމާ ގުޅުވައިގެން ފޭދޫގައި އަޅާފައިވާ ފުޓްސަލް ދަނޑަށް ނަން ދޭން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އަތޯގެ ނަމާ ގުޅުވައިގެން ފުޓަސަލް ދަނޑަށް ނަން ދިނުމަކީ ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.

އަދި އެގޮތަށް ނަން ދިނުމަށް ކައުންސިލްގެ ބައްދަލުވުމެއްގައި ނިންމާނެ ކަމަށް ވިދާޅުވި އެވެ.

ކުރިން ފުޓްބޯޅައިގެ ތެރޭގައި ވެސް ވަރަށް ބޮޑަށް އުޅުއްވި އަތޯ ވަނީ، ފޭދޫ ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފެށުމާ އެކު އެއާ ގުޅޭ ކަންކަން ވަރަށް ގާތުން ބައްލަވައިފަ އެވެ. އެ މަސައްކަތް އިސްކޮށް ތިބެގެން ކުރީ ސިފައިންނެވެ.

1185483_10151816463617343_2035834143_n

ފޭދޫ ފުޓްސަލް ދަނޑު އަޅާފައި ވަނީ ފޭދޫގެ ކުޑަކުދިންގެ ޕާކާ ދިމާލުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުރިމަތީގަ އެވެ.

ދަނޑުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިންމައިފަ އެވެ.

ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ އެ ދަނޑު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ.