Last Updated: April 18, 11:48
Thursday, April 18, 2024
ޚަބަރު

ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓް އުފައްދައިފި

އައްޑޫގައި ހުރި ފުލުހުންގެ މަރުކަޒުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތަޙުޤީގުގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާކޮށް އަވަސް ނިޒާމެއްގެ ތެރެއިން މައްސަލަތަކުގެ ތަޙުޤީޤު ކުރިޔަށް ގެންދިއުމަށްޓަކައި އައްޑޫގައި ފުރަތަމަފަ ހަރަށް ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓް އުފެއްދައިފި އެވެ.

މި މަހުގެ 6 ވަނަ ދުވަހު އައްޑޫ ސިޓީގައި ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓް ވަކިން ޤާއިމް ކުރުމުން މިހާރު ވަކިވަކި ސްޓެޝަންތަކުން ބަލަމުންދާ ހުރިހާ މައްސަލަތަކެއް ބަލަމުންގެން ދާނީ މި ޔުނިޓުންނެވެ.

އައްޑޫގެ ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓުން މައްސަލަތައް ބަލަމުންގެން ދާނީ ތަފާތު ތިން ސެކްޝަނަކަށް ބަހާލައިގެންނެވެ.

އެގޮތުން މަސްތުވާ ތަކެއްޗާއި ބަނގުރަލުގެ މައްސަލަތައް ބެލުމަށް ވަކި ސެކްޝަނަކާއި ކުޑަކުދިންނާއި ޢާއިލީ މައްސަލަތައް ބެލުމަށް ވަކިސެކްޝަނަކާއި އެހެނިހެން ހުރިހާ މައްސަލަތައް ބެލުމަށް ވަކި ސެކްޝަނެއް ވަނީ ޤާއިމް ކުރެވިފަ އެވެ.

މިގޮތަށް ހަމަޖެހިގެން ދިއުމުން އައްޑޫގައި ހުށަހެޅޭ މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތައް ބަލަމުންދާނީ ޑްރަގްސް އެންޑް އަލްކަހޯލް ސެކްޝަނުންނެވެ.

ޢާއިލީ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ބަލަމުންގެން ދާނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެކްޝަނުންނެވެ. އެހެނިހެން މައްސަލަތައް ބަލަމުން ގެންދާނީ ޖެނެރަލް އިންވެސްޓިގޭޝަން ސެކްޝަނުންނެވެ.

ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވި މިގޮތަށް އައްޑޫގައި ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓު އުފެދުމުން އައްޑޫ ސިޓީގައި މަސައްކަތް ކުރާ ހުރިހާ އިންވެސްޓިގޭޝަން އޮފިސަރުން މަސައްކަތް ކުރަމުންދާނީ މިޔުނިޓުގެ ދަށުންނެވެ.

މި ގޮތަށް މަސައްކަތް ހަމަޖެހިގެން ދިއުމުން ތަހުޤީޤަށް އިތުރު ފަސޭހަތަކެއް ލިބި ތަޙުޤީޤު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާ ކުރެވިގެންދާނެކަން ވެސް ޝިފާން ފާހަގަ ކުރެއްވި އެވެ.

އައްޑޫގައި ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓެއް ވަކިން އުފެދިފައިވާ އިރު އައްޑޫސިޓީ ޓްރެފިކް ޕޮލިސް ވެސް ވަނީ އުފައްދާފަ އެވެ.

އައްޑޫ ސިޓި ޓްރެފިކް ޕޮލިސް އުފައްދައި ޙަރަކާތްތެރިވާންފެ ށިފަހުން އައްޑޫ ސިޓީގައި ހިނގާ އެކްސިޑެންޓްތައް ހިނގުން ވަނީ މަދުވެފަ އެވެ.