Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ފެނަކަ މުވައްޒަފުންނަށް ބިރު ދައްކައިފި!

އައްޑޫގެ ބޮޑު ބަޔަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގެ: ކަރަންޓްގެ ހާލަތު ވަރަށް ދަށް. ފޮޓޯ/ ފެނަކަ ކޯޕަރޭޝަން

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން އައްޑޫގެ ގުޅިފަިއވާ ރަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ މީޑިއާއިން ގެނެސްދޭތީ އެކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އައްޑޫ މުވައްޒަފުންނަށް ބިރު ދައްކައިފި އެވެ.

މިއަދު ފެނަކަ އޮފީހުގެ މުވައްޒަފުންނާއި ބައްދަލުކުރުމަށް ފަހު، މުވައްޒަފުންގެ ތެރެއިން މީޑިއާއަށް މައުލޫމާތުދޭ މުވައްޒަފުން ހޯދުމަށްފަހު ފިޔަވަޅު އަޅާނެކަމަށް ބުނެ ވަނީ ބިރު ދައްކާފައެވެ.

އައްޑޫ މަރުކަޒީ އިންޖީނުގޭގައި ބޭނުން ކުރަމުން ދިޔަ 750 ކިލޯ ވޮޓްގެ އިންޖީނެއްގެ ޓާބޯއަށް މައްސަލަ ޖެހި މި މަހު ކުރީ ކޮޅުން ފެށިގެން ގުޅިފައިިވާ ރަށްތަކުން ދަނީ ކަރަންޓް ކަނޑަމުންނެވެ. އަދި މިދިޔަ ބްރާސްފަތި ދުވަހު ކަރަންޓްގެ މައްސަލަ ހައްލުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލު ވިދާޅުވެފައިވަނިކޮށް ހުކުރު ދުވަހު އިންޖީންތައް ވަނީ ކުއްލި ގޮތަކަށް ހުއްޓި ކަރަންޓްގެ ހިދްމަތް މެދުކެޑިފައެވެ.

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުންނަށް މިއަދު ބިރު ދެއްކި އިރު އައްޑޫގެ ކަރަންޓްގެ ހާލަތާއި ބެހޭ ގޮތުން ފެނަކަ ކޯޕަރޭޝަނުން މިހާތަނަށް ވަނީ އޮޅުވާލަން މަސައްކަތް ކޮށްފައެވެ. ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅެއްގެ ފަރާތުން މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ.

ދެހާސް ބާރަ ޑިސެމްބަރު މަހުން ފެށިގެން މަރުކަޒީ އިންޖީނުގޭގައި ބޭނުން ކުރަމުންދާ އިންޖީނުތަކަށް މައްސަލަ ދިމާވަމުން އަންނަ އިރު މައްސަލަ ހައްލު ކުރުމަށް ކުންފުނިން އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ.

މިރަމަޟާން މަހުގެ ގިނަ ދުވަސްތަކެއް އައްޑޫ ރައްޔިތުން ކަރަންޓާއި ނުލައި އުޅެން ޖެހުމުގެ ސަބަބުން އެމައްސަލަ ރައްޔިތުންގެ މަޖްލިސްއަށް ކުއްލި މައްސަލަ އެއްގެ ގޮތުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ވަނީ "ހޫނު" ފެނަށް ފައިބަން ޖެހިފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބިރު ދެއްކި އިރު އެކުންފުންޏާއި ބެހޭ ގޮތުން މީޑިއާގައި ތަފާތު ގޮތްތަކަށް ވާހަކަ ދައްކައި ކުންފުނީގެ ހީވާގި މުވައްޒަފުން ބަދުނާމް ކުރަމުން ދަނީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ކަމަށް ގިނަ ބަޔަކު ގަބްޫލް ކުރެއެވެ.

އައްޑޫގެ އިންޖީނުގޭގެ ހާލަތު އާއްމުންނަށް ގެނެސްދޭ ކަމަށް ބުނެ ބިރު ދައްކާއިރު މިވަގުތުވެސް އިންޖީނުގޭގެ ހާލަތު ވަރަށް ދަށްކަމަށް އިތުބާރު ހުރި ގޮތަކަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން އިންޖީނުތައް ކޮންމެ އިރެއްގައިވެސް ނިވިދާނެކަމަށާއި ހުކުރު ދުވަހު ކަން ހިނގާފައިވަނީ އެއުސޫލުން ކަމަށްވެއެވެ.