Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ޒިލޯން އާއި ޝަންގްރިއްލާ ސެމީ އަށް

އެސްޓިއޯ ގޯދިއްޔާ ފުޓްސަލް ކަޕްގެ ސެމީ ފައިނަލަށް ޒިލޯން އާއި ޝަންގްރިއްލާ ޔުނައިޓެޑް ދަތުރުކޮށްފި އެވެ.

ރޭ މަރަދޫ ވެންބޮޅަ ސްޓޭޑިއަމްގައި ކުޅުނު ކްއާޓާ ފައިނަލް ފުރަތަމަ މެޗްގައި ޒިލޯން އަދި މާކަރީ ޔުނައިޓެޑް ބައްދަލު ކުރި މެޗް 3-2 ލަނޑުން ކާމިޔާބް ކުރީ ޒިލޯން އެވެ.

ރޭގެ މެޗްގެ ފުރަތަމަ ލަނޑު ޒިލޯންއަށް ޖަހައިދިނީ މެޗްގެ މޮޅު ކުޅުންތެރިއާ ހޯދި ހަސަން ނަސީރުއެވެ. ޒިލޯންގެ ދެވަނަ ލަނޑު އަހްމަދު ޒާހިރު ކާމިޔާބް ކޮށްދިން އިރު ފުރަތަމަ ހާފް ނިމުނީ 2-0 ނަތީޖާއަކުން ޒިލޯން ކުރީގައި އޮވެ އެވެ.

ދެވަނަ ހާފް ފެށިގެން ކުޑައިރު ކޮޅެއްގެ ތެރޭގައި ޒިލޯންގެ ތިންވަނަ ލަނޑު އަޔާޒް އަހްމަދު ކާމިޔާބް ކޮށްދިނެވެ. މާކަރީއަށް ލަނޑުތައް ޖަހއިދިނީ އިބްރާހިމް ހަސަން އާއި އަބްދުﷲ ވާސިއުއެވެ.

ރޭގެ ކްއާޓާ ފައިނަލްގެ ދެވަނަ މެޗް 6-1 ލަނޑުން ކާމިޔާބް ކުރީ ޝަންގްރިއްލާއެވެ. ޝަންގްރިއްލާގެ ފުރަތަމަ ދެ ލަނޑު އެޓީމަށް ކާމިޔާބް ކޮށްދިނީ އަލީ ނާފިއުއެވެ.

މެޗްގައި ޝަންގްރިއްލާއަށް އިތުރު ގޯލްތައް ޖަހައިދިނީ އަހްމަދު ސައީދު (އައްމަޓީ) އާއި އިބްރާހިމް ރިޒްވާންއެވެ. ރިޒްވާން ވަނީ 3 ލަނޑު ޖަހައި މެޗްގެ މޮޅު ކުޅުންތެރިއާ ހޯދާފައެވެ.

މިރޭ މިމުބާރާތުގެ ކްއާޓާ ފައިނަލް ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ފުރަތަމަ މެޗްގައި ވާދަކުރާނީ އެފްވައިސީ އާޢި އެފްސީ އުސްގަނޑައެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ އެފްސީ ރެސްޕެކްޓް އަދި ފްރެންޑްސް ކްލަބްއެވެ.