Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

މީރާގެ އައްޑޫ ބްރާންޗް އަންނަ މަހު ހުޅުވަނީ

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އައްޑޫ ބްރާންޗް އަންނަ މަހު ހުޅުވާނެ ކަމަށް އެތަނުން ބުނެފި އެވެ.

މީރާގެ ޑައިރެކްޓަ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ އައްޑޫ ބްރާންޗް ހުޅުވަން ވާމް ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.

އެތަނަށް ބޭނުންވާ މުވައްޒަފުްން ހޯދަން ވެސް މީރާ އިން ވަނީ އިއުލާންކޮށްފަ އެވެ. އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަމަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ފަތުހުﷲ ވިދާޅުވީ ފިތުރު އީދު ބަންދަށް ފަހު، ސަރުކާރު ހުޅުވޭ އިރު، މީރާ އައްޑޫ ބްރާންޗް ހުޅުވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"އެކަމަކު އެހާތަނަށް ނުހުޅުވަނަސް އޮގަސްޓްގެ ކުރީކޮޅު އައްޑޫ ބްރާންޗް ހުޅުވައި ހިދުމަތް ދޭނެ،" އޭނާ ވިދާޅުވި އެވެ.

މީރާ އައްޑޫ ބްރާންޗް ހުންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ. އެތަނުން މީރާ އަށް ލިބުނު ތަނުގެ ސެޓަޕް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ބްރާންޗް ހިންގާނީ ކުރިން އިމިގްރޭޝަން ޔުނިޓް ހިންގި ތަނުގަ އެވެ.

"އަޅުގަނޑުމެން ހަގީގަތުގައި މަސައްކަތް ކުރިން މިދިޔަ އަހަރުގެ ތެރޭގައި ވެސް އައްޑު ބްރާންޗް ހުޅުވަން. އެކަމަކު ތަނެއް ހަމަނުޖެހި ދިގުލައިގެން ދިޔައި އެކަން ނުވީ،" ފަތުހުﷲ ވިދާޅުވި އެވެ.

މީރާ އިން ބުނީ އައްޑޫގައި ބްރާންޗެއް ހުޅުވުމުން މީރާގެ މާލޭ އޮފީހުން ލިބޭ ހުރިހާ ހިދުމަތްތަކެއް އައްޑޫން ލިބޭނެ ކަމަށެވެ.
މީރާގެ ބްރާންޗެއް މިދިޔަ އަހަރު ހދ. ކުޅުދުއްފުށީގައި ވެސް ވަނީ ހުޅުވައިފަ އެވެ.