Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ފޭދޫ ފުޓްސަލް ދަނޑު ހުޅުވައިފި

ފޭދޫގައި ސިފައިން ތައްޔާރު ކުރި ފުޓްސަލް ދަނޑު މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް އިއްޔެ ރޭ ހުޅުއްވައި ދެއްވައިފި އެވެ.

"އެސްޓީއޯ ނޫފަހި ފޭދޫ ފުޓްސަލް އެރީނާ"ގެ ނަމުގައި ފޭދޫ ކުޑަކުދިންގެ ޕާކާ ދިމާލިގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުރިމަތީގައި ސިފައިން ތައްޔާރު ކުރި މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައިނާޒިމް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުޞަތު ހޯދައިދީ، ޒުވާނުންނަކީ ދުޅަހެޔޮކަންމަތީ ތިބޭ ޒިންމާދާރު ބަޔަކަށް ހެދުން ކަމަށެވެ.

HLKL (1)

އަދި މި ހުޅުވުނު ފުޓްސަލް ދަނޑަކީ ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށާއި، ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ތަނަވަސްކޮށް ދިނުމަށްޓަކައި ކުރޭވޭ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށާއި މިފަދަ ފުޓްސަލް ދަނޑުތަކުގެ ސަބަބުން، ޒުވާނުންގެ ހުސްވަގުތު ހަރުދަނާ ގޮތުގައި ބޭނުން ހިފުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

HLKL (5)

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ފޭދޫ ދަނޑު ހެދުމުގައި ޝާމިލުވި ހުރިހާ ސިފައިންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރެއްވި އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު ނާއިފު ޝައުކަތު ވެސް ވާހަކަފުޅު ދެއްކެވި އެވެ.

HLKL (2)

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް އާ ދަނޑު ރަސްމީކޮށް ޙަވާލުކޮށް ދެއްވާފައި ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަޙްމަދު މުޙައްމަދާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް ޢާޒިމެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން އެދަނޑު، އެ މިނިސްޓްރީ އާ ހަވާލުކުރި ކަމުގެ ލިޔުމާއި ހަވާލުވެވަޑައިގަތީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ ޑެޕިއުޓީ މިނިސްޓަރު ނާއިފު ޝައުކަތެވެ.

ޔޫތު މިނިސްޓްރީ އާ މި ދަނޑު ރަސްމީކޮށް ހަވާލު ކުރުމުން މިދަނޑާއިބެހޭ ހުރިހާ ކަމެއް ބަލަހައްޓާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިންނެވެ.

މިފުޓްސަލް ދަނޑު ހަދާފައި ވަނީ ޑިފެންސް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީއާއި ސިފައިންނާއި އެސްޓީއޯ އަދި އެފްއޭއެމް ގުޅިގެންނެވެ.

HLKL (4)

މިއީ ޒުވާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުމަށާއި، ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމަށްޓަކައި "ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހެދި ހަވަނަ ފުޓްސަލް ދަނޑެވެ. މި ދަނޑު ހެދުމުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ ސިފައިންނެވެ.

ފުޓްސަލް ދަނޑު ހުޅުވުމަށް އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ދީދީ އާއި އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް (ޓޮމް) އާއި އެމްއެންޑީއެފް ސަދަންް އޭރިއާގެ ކޮމާންޑަރު ކާނަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ފުޓްސަލް ދަނޑު ސިފައިން ހަދަމުން ދިޔަ އިރު އެހީތެރިވެއް ދެއްވި ފަރާތްތަކުންނާއި، އައްޑޫ ސިޓީގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޒުވާނުން ބައިވެރިވި އެވެ.