Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

އެސްޓީއޯ އިން ފޭދޫގައި ފާމަސީއެއް ހުޅުވަނީ

ރާއްޖޭގެ ރަށްރަށުގައި ފާމަސީ ހުޅުވަން އެސްޓީއޯ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ފޭދޫގައި ފާމަސީއެއް ހުޅުވަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ ފޭދޫ ފުޓަސަލް ދަނޑު ހުޅުވަން އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ކޮއްކޮ އާޒިމް އާދަމް މެނެޖިން ޑިރެކްޓަރުކަން ކުރައްވާ އެސްޓީއޯ އިން ފޭދޫގައި ފާމަސީއެއް ހުޅުވުމާ ބެހޭ ގޮތުން މަޝްވަރާ ވެސް ކޮށްފައިވާ ކަމަށެވެ.

ފުޓްސަލް ދަނޑު ހުޅުވުުގެ ރަސްމިއްޔާތުގައި އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި ވަރަށް އަވަހަށް ފޭދޫގައި 24 ގަޑި އިރު ހިދުމަތްދޭ ބޭސް ފިހާރައެއް އެސްޓީއޯ އިން ހުޅުވާނެ ކަމުގެ ޔަގީންކަން ނާޒިމް ދެއްވި އެވެ.

އެސްޓީއޯ އިން މިހާރު ވެސް އައްޑޫގައި ދެ ފާމަސީއެއް ހިންގަ އެވެ. އެއީ ހިތަދޫ ހޮސްޕިޓަލްގެ ގޯތިތެރޭގަ އާއި ހުޅުމީދޫ ސިއްހީ މަރުކަޒުގަ އެވެ.

އެކަމަކު އެއިން ތަނަަކުން ޑޮކްޓަރުން ލިޔެދޭ ބޭސް އާންމުކޮށް ލިބެން ނުހުންނާތީ އެއީ ހަމައެކަނި ނަމަކަށް ހިންގާ ތަންތަން ކަމަށް އާންމުން ބުނެ އެވެ.