Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޒިލޯން އާއި ރެސްޕެކްޓް ފައިނަލަށް

އެފްސީ ރެސްޕެކްޓް ޓީމް

އެސްޓިއޯ ގޯދިއްޔާ ފުޓްސަލް ކަޕްގެ ފައިނަލަށް ޒިލޯން އާއި އެފްސީ ރެސްޕެކްޓް ދަތުރުކޮށްފިއެވެ.

ރޭ ވެންބޮޅަފިށި ސްޓޭޑިއަމް ގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ޒިލޯން އާއި ޝަންގްރިއްލާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އަވަސް ފޯރިގަދަ މެޗެކެވެ.

ޝަންގްރިއްލާއިން މެޗްގެ ލީޑް ނެގުމާއި އެކު ޒެލޯން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ކޮންމެ ފަހަރަކު ލީޑް ނަގަނީ ޝަންގްރިއްލާއިންނެވެ. ނަމަވެސް ޒިލޯންއިން ކުޅުން އަވަސް ކޮށް ނަތީޖާ ދިޔައީ ހަމަ ހަމަ ކުރަމުންނެވެ. އެގޮތުން ޝަންގްރިއްލާއިން ދެ ލަނދުގެ ލީޑެއް ނަަގައި ސްކޯ 4-2 އަށް ބަދަލުކޮށްފައި ވަނިކޮށް ޒެލޯން ވަނީ ފަހަތުން އަރައި ދެ ލަނޑު ކާމިޔާބްކޮށް ޕެނަލްޓީ އާއި ހަމައަށް ދަތުރުކޮށްފައެވެ.

މެޗްގައި ޝަންގްރިއްލާއަށް ލަނޑުތައް ޖަހާދިނީ އަހްމަދު ސައީދު (އައްމަޓީ)، އިބްރާހިމް ރިޒްވާން، އަހްމަދު ޝާފިއު އަދި މުހައްމަދު ތިލްމީޒު (ބިއްޑޭ)އެވެ.
zelon

ޒެލޯންއަށް ލަނޑު ޖަހާދިނީ އަހްމަދު އަޔާޒް، އަހްމަދު ޒާހިރުއެވެ. އަޔާޒް ވަނީ 3 ގޯލް ޖަހާދީފައެވެ.

މެޗްގެ ނަތީޖާ ކަނޑައެޅުމަށް ޖެހި ޕެނަލްޓީގެ ތެރެއިން ޝަންގްރިއްލާގެ އިބްރާހިމް ރިޒްވާން އާއި އައްމަޓީގެ ޕެނަލްޓީ ވަނީ ނާކާމިޔާބްވެފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒިލޯންގެ އަޔާޒްއެވެ.

ރޭގެ ސެމީ ފައިނަލް ދެވަނަ މެޗްގެ ވެސް ނަތީޖާ ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެފްސީ ރެސްޕެކްޓް އަދި އެފްވައިސީ ކުޅުނު މެޗް ވެސް ވަނީ 4-4 ލަނޑުން އެއްވަރުވެފައެވެ.

މެޗްގެ ކުރީ ކޮޅު ދެ ލަނޑު ޖަހައި ކުރި ހޯދީ އެފްވައިސީއިންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެމުން ދަނިކޮށް ރެސްޕެކްޓްގެ އަޔާޒް ވަނީ ލަނޑެއްޖައި ނަތީޖާ 2-1 ބަދަލުކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ރެސްޕެކްޓްގެ ހަސަން މިފްރާހް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. އަދު އޭގެ ކުޑައިރުކޮޅެއް ފަހުން ރެސްޕެކްޓްގެ އަހްމަދު އިބްރާހިމް ލަނޑެއް ޖަހައި ނަތީޖާ 3-2 ބަދަލުކުރިއެވެ.

ދެޓީމަށްވެސް ލަނދު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ދެވަނަ ހާފްގެ މެދު ތެރޭގައި އެފްވައިސީގެ މަހްދީ ލަނޑެއް ޖަހއި ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި އެފްވައިސީގެ ހަރަތުވަނަ ލަނޑު އަލީ ލިރުއާމް ޖަހައި ރެސްޕެކްޓްގެ މައްޗަށް ދެވަނަ ފަހަރަށް ކުރި ހޯދިއެވެ.

ނަމަވެސް މެޗް ނިމެން މިނިޓް ކޮޅަކަށް ވެފައިވަނިކޮށް ރެސްޕެކްޓްގެ ފުރަތަމަ ލަނދު ކާމިޔާބް ކޮށްދިން އަޔާޒް ވަނީ ނަތީޖާ ހަމަހަމަކޮށް ރެސްޕެކްޓައް އުއްމީދު އާކޮށްދީފައެވެ.

ޕެނަލްޓީ ޝޫޓްގައި އެފްވައިސީގެ އިމްރާން މުހައްމަދު ޖެހި ޕެނަލްޓީ، ގޯލް ދަނޑި އާއި އަމާޒްވި އިރު އެޓީމްގެ 4 ވަނަ ޕެނަލްޓް ކީޕަރު ވަނީ މަތަކޮށްފައެވެ. ރެސްޕެކްޓް ވަނީ ހުރިހާ ޕެނަލްޓީއެއް ކާމިޔާބްކޮށްފައެވެ.

މި މުބާރާތުގައި ސެމީއަށް ރެސްޕެކްޓް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން ފޭދޫ ފްރެންޑްސް ކްލަބް ދެރަ ކޮށްފައެވެ. އެމެޗްގައި ރެސްޕެކްޓްގެ ކީޕަރުވަނީ ފްރެންޑްސް ކްލަބުން ޖެހި ދެ ޕެނަލްޓީ މަތަކޮށްފައެވެ.

ރެސްޕެކްޓް މޮޅުވި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަސަން މިފްރާހްއެވެ.

މުބާރާތުގެ ފައިނަލް މެޗް މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 22:00 ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.