Last Updated: April 20, 08:59
Saturday, April 20, 2024
ސިޔާސީ

"އައްޑު އަށް ސީ އެމްބިއުލަންސް ނުލިބޭތީ ކަންބޮޑުވޭ"

އައްޑު އަށް ސީ އެމްބިއުލާންސުގެ ހިދުމަތް ހަމަޖައްސައި ނުދޭތީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރޮޒެއިނާ ވިދާޅުވީ އައްޑު އަށް ސީ އެމްބިއުލާންސުގެ ހިދުމަތް ހަމަޖައްސައިދޭނެ ކަމަށް ހެލްތް މިނިސްޓަރު މަރިޔަމް ޝަކީލާ ކުރިން ވިދާޅުވި ކަމަށެވެ.

ނަމަވެސް އެ ހިޔާލު ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހެލްތް މިނިސްޓަރު ޝަކީލާ ވިދާޅުވި އައްޑު އަށް ސީ އެމްބިއުލާންސެއް ގެނައުމުގެ ކަންތައް ކުރަމުން ދާ ވާހަކަ، " ރޮޒެއިނާ ވިދާޅުވި އެެވެ. "ނަމަވެސް މިހާރު މި މައުލޫމާތު ލިބެނީ މި މަހުގެ 14 އިން ފެށިގެން ސީ އެމްބިއުލާންސުގެ ކްރޫ އިން މާލެ ގެނެސް ބޭތިއްބުމަށް ފަހު، ޓްރެއިނިން ވެސް ނިންމައި ލޯންޗް ބަލާ ހަދައިފައި، އަނެއް ދުވަހު މި ވިދާޅުވަނީ އައްޑު އަށް ސީ އެމްބިއުލާންސެއް ފޮނުވޭކަށް ނެތޭ."

ރޮޒޭ ވިދާޅުވީ ސީ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫގައި ފެށުމަށް ހުރިހާ ކަމެއް ނިންމުމަށް ފަހު ކުއްލި ގޮތަކަށް އެކަން ހުއްޓާާލަން އުޅުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އައްޑު އަށް ސީ އެމްބިއުލެންސްގެ ހިދުމަތް ނުދޭން ނިންމީ އައްޑޫގެ ކަނޑުގެ ސަރަހައްދު ކުޑަކަމުން ކަމަށް ކުރިން ބުނި ކަމަށެވެ.

ރޮޒޭ ވިދާޅުވީ ސީ އެމްބިއުލާންސްގެ ހިދުމަތް އައްޑު އަށް ނުދޭން ނިންމުމަށް ފަހު، މިހާރު އަނެއްކާ ވެސް ހެލްތު މިނިސްޓްރީގެ ރާގު ބަދަލުވެފައިވާ ކަމަށެވެ.

އަދި ސީ އެމްބިއުލާންސްގެ ހިދުމަތް ދޭން ލޯންޗެއް ހަމަޖައްސާފައިވާ ކަަމަށް އެ މިިނިސްޓްރީން ބުނެފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ނަމަވެސް މި ފަހަރު ހިދުމަތް ފަށަން ހަމަޖެއްސި ލޯންޗަކީ އެފަދަ ހިދުމަތެއް ދިނުމަށް އެކަށީގެންވާ އުޅަނދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހިދުމަތް ފަށަން މި ހަމަޖެއްސި ލޯންޗުގެ ޝީޓް ކަަވަރު ހުރީ ހަލާކުވެފައި. އަލިފާން ނިވާ ފުޅިއެއް ނެތް. ސަމުގާއެއް، ޖީޕީއެސްއެއް ނެތް. ތަށްޓުގައި ހުރީ ރެނދު އަޅާފައި،" ރޮޒޭ ވިދާޅުވި އެވެ. "އެ ތަންތަން ރަނގަޅު ކުރަން ޖެހޭ. އަދި ބަލި މީހުން ގެންދާއިރު ބެލެންސް ކުރަން ބޭނުންވާ ޓްރިމަރެއް ނެތް. ނެވިގޭޝަން ލައިޓެއް ނެތް. އަދި ހުރިހާ ލައިފް ޖެކެޓެއް ވެސް ހުރީ ހަލާކުވެފައި."