Last Updated: April 23, 13:19
Tuesday, April 23, 2024
މުނިފޫހިފިލުވުން

ގޯވިންދާގެ އަންހެން ދަރި ބޮލީވުޑަށް!

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ އަންހެން ދަރިފުޅު ނަމްރަދާ އަހޫޖާ ބޮލީވުޑަށް ލޯންޗް ކުރާ ވާހައަކީ އަރަތެއް ކަހަލަ ވާހަކައެކެވެ.

އޭނާ ފިލްމެއް ކުޅެން ފަށަން ކިޔާތާ މިހާރު ލައްކަ ދުވަސްޖެ އެވެ. ކުރިން އަޑު އަރާފައި އޮތް ގޮތުން އޭނާ ބޮލީވުޑަށް ނިކުންނާނީ އިންޑިއާގެ މަޝްހޫރު ބޮކްސަރު ވިޖެންދުރަ ސިންގް އާ އެކުގަ އެވެ.

ނަމްރަދާ ސްކްރީނަށް ނުގެނެވިގެން އުޅެނިކޮށް ވިރެންދުރަ ވަނީ މި އަހަރު ނިކުތް "ފަގްލީ" އިން ބޮލީވުޑަށް ތައާރަފުވެ އެވެ.

އެކަމަކު ކުޅޭނެ ރަނގަޅު ފިލްމެއް ނަމްރަދާ، 25، އާ ހަމައަށް މިހާތަނަށް އަންނަ ގޮތެއް ނުވެ އެވެ.

ހިތްއެދޭ ކަހަލަ ރަނގަޅު އޮފާއަކަށް އޭނާ އިންތިޒާރު ކުރަމުން އަންނަ އިރު، ބޮޑު ސްކްރީނުން ނަމްރަތާ ބަލާލުމުގެ ޝައުގުވެރިކަން ވެސް އެހާ ގިނަ ބައެއްގެ ހުރި ކަމަކަށް ނުބެލެވެ އެވެ.

އަނެއްކޮޅުން ބޮލީވުޑްގެ މަޝްހޫެރު އެއްވެސް ޕްރޮޑަކްޝަން ހައުސްކުން އޭނާ އޮފާއެއް ލިބުނު ކަމެއް މިހާތަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެެވެ. އަދި ނަމްރަދާއަކީ ގޯވިންދާގެ ދަރިއަކަށް ވިޔަސް، އޭނާ އަށް ލިބުނު ނަސީބެއް ނެތެވެ.

HKL (3)

ސަބަބަކީ ބޮލީވުޑަށް ލޯންޗް ކުރަން ކިޔާތާ އެތައް ދުވަހެއް، އޭނާގެ އުމުރުން ވެސް ދުވަސްމުން ގޮސް، އެންމެ ފަހުން ކުޅޭނެ ފިލްމެއް ނުލިބި "ރަޖާ ލައިގެން" ގޭގައި އިންނަން ޖެހުމުގެ ބިރު ވެސް އޮތުމެވެ. މިކަމާ ބެހޭ ގޮތުން ސުވާލްކޮށްފި ނަމަ، ގޯވިންދާ ވެސް އަރަނީ ރަތަށެވެ.

ދަރިފުޅުގެ ލޯންޗިން އާ ބެހޭ ގޮތުން ދާދި ފަހުން ވެސް ގޯވިންދާ ވަނީ ނޫސްވެރިން ސުވާލު ކުރުމުން، އެ މީހުންނަށް ހެޓަކަށް ބަވައިފަ އެވެ.

އޭނާގެ ދަރިފުޅު ލޯންޗް ކުރާނެ ބަޔަކު ނުވެގެން މާޔޫސްވެފައި ތިއްވައި ޝަތުރަގަން ސިންހާގެ ދަރިފުޅު ސޮނާކްޝީ ސިންހާ ބޮލީވުޑަށް ސަލްމާން ހާން ވަނީ ލޯންޗްކޮށްފަ އެވެ. އެއީ "ދަބަންގް" އިންނެވެ. ސޮނާކްޝީއަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ.

ސަލްމާނާއި ގޯވިންދާއަކީ ކިތަންމެ ގާތް ދެ މީހުން ކަމަށް ވިޔަސް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

އަނެއްކޮޅުން އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމް ކަޕޫރާއި، މަހޭޝް ބަޓްގެ ދަރިފުޅު އާލިއާ ބަޓާއި ޝަކްތީ ކަޕޫރުގެ ދަރިފުޅު ޝްރަދާ ކަޕީރާއި ޕްރިޔަންކާ ޗޯޕްޅާގެ ކަޒިން ޕަރިނީތީ ޗޯޕްޅާ ފަދަ، މިހާރުގެ ވިދުން ގަދަ ތަރިންނަކީ ނަމްރަތާ ލޯންޗް ކުރަން ކިޔަކިޔައި ތިއްބައި، ފިޔަ ޖަހަން ފަށާފައިވާ އަލިގަދަ ތަރިންނެވެ.

އެކަމަކު މިހާރު އަނެއްކާ ވެސް ނަމްރަދާގެ ލޯންޗިންެ ވާހަކަ ވަނީ ދެކެވެން ފަށައިފަ އެވެ.

HKL (2)

މި ފަހަރުގެ ފިލްމަކީ ދަރްމެންދުރާ ވެސް މުހިއްމު ރޯލެއް އަދާ ކުރާ "ސެކަންޑް ހޭންޑް ހަޒްބަންޑް" އެވެ.

މި ފިލްމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށަން ހަމަޖެހިފައިވާ އިރު، ޕަންޖާބީ ލަވަކިއުންތެރިޔާ ގިއްޕީ ގަރޭވާލް ވެސް މުހިއްމު ރޯލަކުން ފެނިގެން ދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެހެން ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދިއެއް ނުލިބެ އެވެ.

ވާގޮތެއް ބަލާލަން މަޑުކޮށްލުން ކިހިނެއް ވާނެ ބާވަ އެވެ؟