Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އައިލްސްގެ ޖިމް ކޯހަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އަންނަ މަހު މަހު ފެށުމަށް ހަމަޖެހިފައިވާ ޖިމް އިންސްޓްރަކްޓަ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ ގްރޭޑް 7 ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައި ވުމާއި 16 އަހަރުން މަތީގެ މީހަކަށް ވާން ޖެހެ އެވެ.

މި ކޯހަށް ހޮވުމުގައި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އަދި ކުޅިވަރުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 20 ޖާގަ ކަނޑައަޅާފައިވާ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މި ކޯހަކީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީ ޒުވާނުން ބާރުވެރި ކުރުމަށް ފުލުހުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކޯހެެކެވެ.

އޭގެ އިތުރުން، ފުލުހުންގެ މުއައްސަސާއިން 2014-2018 އަށް ކަނޑަ އަޅާފައިވާ ބިޒްނަސް ޕްލޭންގެ ދަށުން، މުޖުތަމަޢަށް ވާޞިލްވުން އިތުރު ކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމާއި، ގުޅުން އިތުރަށް ބަދަހި ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލްކުރުމަށް މަގުފަހި ކުރުމަކީ ވެސް މި ކޯހުގެ މަޤުޞަދެއް ކަމަށް ފުލުހުން ބުންޏެވެ.

މި ކޯހުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ.