Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

"ކަނޑު ކުޑަކަމުން އައްޑޫގެ ދަތުރު ހުއްޓިފައި"

އައްޑޫގެ ކަނޑުގެ ސަރަހައްދު ކުޑަވެގެން ސީ އެމްބިއުލެންސްގެ ދަތުރު ނުކުރި ގޮތަށް، އައްޑޫގެ އެއްގަމާއި، ކަނޑުގެ ދަތުރު ފަތުރު ކުރަމުން އަންނަ އެމްވީކޭގެ ހިދްމަތްވެސް ހުއްޓާލާފައިވާ ކަމަށް ބުނެ މީދޫ ދާއިރާގެ މަޖްލިސް މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ކަންބޮޑު ވުން ފާޅުކޮށްފި އެެވެ.

"އައްޑޫ ލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ރޮޒޭ ވިދާޅުވީ އީދު ބަންދުގައި ވެސް އައްޑޫގެ ރައްޔިތުން ތިބެން ޖެހުނީ "ރަށު ބަންދުގައި" ކަމަށެވެ.

އަދި ހިދްމަތް ދޭން ހަވާލުވެފައިވާ އެމްވީކޭއިން ހިދްމަތް ފޯރުކޮށް ނުދޭއިރުވެސް ސަރުކާރުން އެކަން ހައްލު ކުރުމަށް އެއްވެސް މަސައްކަތެެއް ނުކުރާ ކަމަށް ރޮޒޭ ވިދާޅުވި އެވެ.

އެމްވީކޭއިން ޖީމއެމްއާރާއި ދެކޮޅަށް އައްޑޫގަި ކުރި މުޒާހަރާ- އެމވީކޭގެ ހިދްމަތާއި މެދު އާއްމުން ދަނީ ޝަކުވާކުރަމުން-
އެމްވީކޭއިން ޖީމއެމްއާރާއި ދެކޮޅަށް އައްޑޫގަި ކުރި މުޒާހަރާ- އެމވީކޭގެ ހިދްމަތާއި މެދު އާއްމުން ދަނީ ޝަކުވާކުރަމުން-

"އެމްވީކޭއަށް ގަމުގެ ދޫގަސް ދިނުމުން އެމައްސަލަ ކޯޓަށް ގެންދިޔަ ޖަމީލް އެހުންނެވީ ނައިބް ރައީސަކަށް، ނިކަން އެމްވީކޭ މައްސަލަ ހައްލު ކޮށްދެއްވަބަލަ، ގައިމު ހުޅުމާލެ، ވިލިނގިލި، ހުޅުލެ ދެމެދު ދަތުރު މެދުކެޑިއްޖެ ނަމަ ހުންނާނެ ކުޅިވަރެއް، އެކަމަކު އައްޑޫ ރައްޔިތުން ކޮންމެ ހާލެއްގައި އުޅުނަސް އެކަން ސަރުކާރަކަށް ހިލަމެއް ނުވާނެ"

ރޮޒޭ ވިދާޅުވީ، އައްޑޫގެ ކަނޑު ދަތުރު މެދު ކެނޑި ހުޅުމީދޫ ރައްޔިތުން، ހޮސްޕިޓަލަށް ނުދެވި، ރަށު ބަންދުގައި ތިބޭއިރު އެކަން ހައްލުކުރުމަށް ސަމާލުކަންދޭ ވެރިއެއް މި ސަރުކާރުގައި ނެތެވެ.

ގަމުގެ ދޫގަސް. މިތަނުން އައްޑޫ ރައްޔިތުންނަށް ކުރާ ފައިދާއެއް ނެތް.
ގަމުގެ ދޫގަސް. މިތަނުން އައްޑޫ ރައްޔިތުންނަށް ކުރާ ފައިދާއެއް ނެތް.

"އެމްވީކޭ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމުން، ރައީސް އޮފީހަށް ގުޅުމުން ވިދާޅުވީ އެކަން ބަލަހައްޓަނީ ހޯމް މިނިސްޓްރީންކަމަށް، ރައީސް އޮފީހަކަށް ނޭގޭ ކޮން މިނިސްޓްރީއެއްގެ ދަށުން ކަމަށް ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދަނީ"

އައްޑޫގެ ދަތުރުފަތުރުގެ ކަންކަން ހުއްޓާލާފައިވާތީ، އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއަށް ތަފާތު ފަހަރުމަތިން ގުޅަން ކުރި މަސައްކަތްވަނީ ފޯނު ނުނަގްވާތީ ކާމިޔާބް ނުވެފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކު ދާދި ފަހުން ވިދާޅުވީ، އައްޑޫގެ އެއްގަމާއި، ކަނޑު ދަތުރުފަތުރުގެ ކަންކަން އެ އިދާރާއަކުން ނުބަލަހައްޓާ ކަމަށެވެ. އަދި އެކަމަކީ ރައީސް ނަޝީދުގެ ސަރުކާރުން ފެއްޓެވި މަޝްރޫއަކަށް ވެފައި އެކަންދާ ގޮތެއް އެނގި ނުލައްވާކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމުގެ ކުރިން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަނީސް (ތަރި އަނީސް) ވިދާޅުވީ، އެމްވީކޭ މައްސަލައާއި ގުޅިގެން މިނިސްޓްރީން އެމްވީކޭ ޝަފީގް އާއި ބައްްދަލުކޮށް މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް އެއްވެސް ކަމަކަށް އެއްބަސްވެވިފައި ނުވާކަމަށް އަނީސް ވިދާޅުވިއެވެ.

އެމްވީކޭ  ހުޅުމީދޫ ފެރީއަށް ބަޔަކު އަރަނީ: ދަތުރުފަތުރުގެ މައްސަލަ ބޮޑު. ފޮޓޯ/ އައްޑޫ ލައިވް
އެމްވީކޭ ހުޅުމީދޫ ފެރީއަށް ބަޔަކު އަރަނީ: ދަތުރުފަތުރުގެ މައްސަލަ ބޮޑު. ފޮޓޯ/ އައްޑޫ ލައިވް

އަނީސް އިތުރަށް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަށްފަހު އެ މިނިސްޓްރީން ކުރަމުން ދިޔަ ބައެއް މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށައް ބަދަލު ކުރުމާއި ގުޅިގެން، އެމްވީކޭ މައްސަލައިގެ ތަފްސީލް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ރޮޒޭ ވިދާޅުވީ މި ސަރުކާރުން ފެށި "ސީ އެމްބިއުލެންސް"ގެ ހިދްމަތް އައްޑޫއަށް ނުދީގެން އުޅެނީ ކަނޑުގެ ސަރަހައްދު ކުޑަވެގެން ކަމަށްވާތީ ދަތުރުފަތުރުވެސް ނުދީގެން އުޅެނީ ކަނޑު ސަރަހައްދު ކުޑަވެގެން ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.

އައްޑޫގެ އެއްގަމާއި، ކަނޑުގެ ދަތުރު ފަތުރުގެ ހިދްމަތް ދެމުން އަންނަ އެމްވީކޭ، މުވައްޒަފުންނަށް މުސާރަ ނުދޭއިރު، ދޫގަސް ނުބެލެހެއްޓި މިހާރު އެތަންވެސް ދަނީ ވީރާނާ ވަމުންނެވެ.

ނަޝީދު ސަރުކާރުން އެމްވީކޭއަށް ދޫގަސް ދިނުމާއި ގުޅިގެން، މިހާރުގެ ނައީބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިސްވެ ހުންނަވައިގެން، ދޫގަސް އެގްރީމެންޓް މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައެވެ. އަދި އެގްރިމެންޓްގައި މައްސަލަ ހުރި ކަމަށް އެންޓި ކަރަޕްޝަން ކަމިޝަނުން (އޭސީސީ) އިންވެސް ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ސަރުކާރަށް 8 މަސްވެފައިވާ އިރު އެމްވީކޭގެ މައްސަލަ ހައްލު ކުރުމަށް އެދޭވޭ މަަސައްކަތެއް ނުކުރާކަން މިނިސްޓަރީގެ އިސްވެރިންގެ ވާހަކަ ތަކުން ސާބިތުވެއެވެ.