Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މަދިރީގެ އުނދަގުލުން ސަލާމަތްކޮށްދިނުމަށް ކައުންސިލުން އެއްވެސް ކަމެއް ނުކުރޭ : ރައްޔިތުން

އައްޑޫ ސިޓީގެ ރައްޔިތުން މަދިރީގެ އުނދަގުލުން ސަލާމަތް ކޮށް ދިނުމަށް އެއްވެސް ކަމެއް ކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލް ނުކުޅެދިފައިވާ ކަމަށް ބުނެ އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ކައުންސިލާއި ދެކޮޅަށް ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ.

ރައްޔިތުންގެ ނުރުހުން ކައުންސިލަށް އަމާޒުވެފައި މިވަނީ އިއްޔެ ޑެންގީ ހުން ޖެހިގެން ފޭދޫގެ ޒުވާނަކު އެމަޖެންސީގައި މާލެ ފޮނުވާލާފައި ވަނިކޮށެވެ.

ކައުންސިލް އިދާރާއިން ދާދި ފަހުން ވެސް ވަނީ ފޮގް މެޝިނެއް ގަތުމަށް ބޭނުންވާކަމަށް ބުނެ އިއުލާން ވެސް ކޮށްފައެވެ. މިފަހަރު އިއުލާން ކޮށްފައިވަނީ އޭގެ ކުރިން ކޮށްފައިވާ އިއުލާން ބާތިލް ކުރުމަށް ފަހުގައެވެ. ކައުންސިލުން ބުނާގޮތުގައި އިއުލާން ބާތިލް ކޮށްފައިވަނީ އެކަށީގެންވާ ޢަދަދަކަށް އަންދާސީ ހިސާބު ހުށަހެޅިފައި ނުވާތީއެވެ.

ކައުންސިލުން ކޮންމެ ފަހަރަކުވެސް އިއުލާން ބާތިލް ކުރަނީ ވަކި ބަޔަކަށް އެ ތަކެތި ގަތުން ހަވާލުކުރުމަށް ކަމަށް ހިތަދޫގެ ބައެއް ވިޔަފާރިވެރިން ތުހުމަތު ކުރެއެވެ.

" އެބޭފުޅުން އެ ވިދާޅުވާ އެކަށީގެންވާ އަކީ ކޯޗެއްތޯ ބަލަން އެބަޖެހޭ. ކުރީ ފަހަރު ވެސް އަޅުގަނޑު ހަނދާން ވާގޮތުން 6 އަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތލި. ފޮގް މެޝިން ގަންނަން އުޅޭ ބައެއް ނޫން އެއީ. އެމީހުން ބޭނުން ވަނީ ކައުންސިލްގެ ލާރީގައި މުޒާހަރާ އަށް ދާން "، މަރަދޫގެ ވިޔަފާރިވެރިއަކު ބުންޏެވެ.

ޑެންގީ ހުމާއި ބެހޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކުރުމަށް ކައުންސިލް އިދާރާގެ ފަރާތުން އެއްވެސް ކަމެއް ކުރަމުން ނުގެންދާއިރު އަދި އެކަމާއި ގުޅޭ އެއްވެސް ޕްލޭނެއް ވެސް ކައުންސިލުން ހަދާފައި ނުވާކަމަށް ވެއެވެ.

ޑެންގީ ހުންޖެހިގެން އިއްޔެ އައްޑޫ ސިޓީ އިން މާލެ ފޮނުވާލި ޒުވާނާއަށް އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިމެޖެންސީގައި މާލެ ފުރުވާލިކަން ހޮސްޕިޓަލްގެ ވެރިންނަށް އެނގިފައިވަނީ އޭނާ ފުރުވާލި ފަހުންނެވެ.

އައްޑޫން ޑެންގީއަށް މީހަކު ޕޮޒިޓިވް ވެފައިވާ އިރު މިހާތަށް މިބަލީގައި ރާއްޖޭގެ އެކި ސަރަހައްދުން 4 މީހަކު ވަނީ މަރުވެފައެވެ.