Last Updated: April 16, 13:42
Tuesday, April 16, 2024
ކޮލަމް

އައްޑޫ ރައްޔިތުންގެ ފަރާތުން ހެލްތް މިނިސްޓަރ އަށް !

ދިވެހިރާއްޖޭގެ ހެލްތް މިނިސްޓަރ ކަމުގައި ހުންނެވި މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

ދިވެހިރާއްޖޭގެ އާބާދީގެ 30 ހާހަށް ވުރެ ގިނަ ރައްޔިތުން ތަކެއް އުޅެމުން ގެންދާ އައްޑޫ ސިޓީގެ ރައްޔިތުންގެ ސިއްޙީ ހާލަތު ކަމަނާ އަށް އެނގިވަޑައިގަންނަވަނީ ކިހާ ވަރަކަށް ތޯއެވެ ؟ ހެލްތު މިނިސްޓަރ ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އައްޑޫގެ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ހުރީ ކިހިނެއްތޯ އެންމެ ފަހަރަކު ވެސް ބައްލަވާނެ ވަގުތެއް ކަމަނާއަށް ލިބިވަޑައިގެންނެވި ތޯއެވެ ؟

އާސަންދައިގެ ދަށުން އެހީ ހަމަނުޖެހިގެން، އަމިއްލައަށް ދަރަނިވެރިވެގެން ފުރަ މާލެ އަށް ސްކޭނެއް ނުވަތަ ލޭގެ ޓެސްޓެއް ހައްދަން މި އައްޑޫ އިން މާލެއަށް ދަނީ ކިތައް ރައްޔިތުން ކަން ކަމަނާއަށް އެނގިލައްވާތޯއެވެ ؟ މާބަނޑު އަންހެނުން ވިއްސަން އިމަޖެންސީގައި ފުވައްމުލަކަށް ނުވަތަ މާލެއަށް ގެންދަން ޖެހޭކަން އެނގިލައްވާތޯއެވެ ؟

އެނގިވަޑައި ނުގަންނަވާނަމަ ތިޔަ މިނިސްޓްރީގައި މި އައްޑޫގެ އެތައް ރައްޔިތުންގެ ނަމުގައި ކަމަނާއަށާއި މީގެ ކުރިން ހެލްތް މިނިސްޓަރ ކަމުގައި ތިއްބެވި ބޭފުޅުންނަށް ފޮނުވާފައިވާ ސިޓީތައް ބައްލަވާލައްވާށެވެ. އޭރުން ކޮންމެ ވެސް ވަރަކަށް އައްޑޫގެ ރައްޔިތުން އުފުލަމުންގެންދާ ބުރަ ކަމަނާއަށް އެނގިވަޑައިގެންފާނެއެވެ.

ޢިއްޒަތްތެރި ހެލްތް މިނިސްޓަރ އެވެ. އަޅުގަނޑުމެން އައްޑޫގެ ރައްޔިތުންނަށް 2 ދުވަހުން އެއް ދުވަހު އެކްސްރޭ ނެގޭނެ ގޮތެއް ހިތަދޫ ހޮސްޕިޓަލަކުން ހަމަޖެހިފައެއް ނޯވެއެވެ. ނުރައްކާތެރި އެކްސިޑެންޓްތައް ކޮންމެ ދުވަހަކުވެސް ހިނގަމުންދާ އިރު އެކަށީގެންވާ ފަރުވާދެވޭނެ ފެންވަރު ރަނގަޅު ޑޮކްޓަރެއް ހިތަދޫ ހޮސްޕިޓަލަކު ނުހުރެއެވެ.

ހޮސްޕިޓަލުގެ މެނޭޖްމެންޓް ތޯއެވެ. ރަށު ތެރޭގައި ދެކެވޭ ވާހަކަތަކުންނާއި އަޅުގަނޑުމެންގެ ލޮލަށް ކޮންމެ ދުވަހަކު ފެންނަ މަންޒަރު ތަކުން ހޮސްޕިޓަލުގެ މެނޭޖްމަންޓަކީ ކޮބައިކަމާއި މެދު މިވަނީ ސުވާލު އުފެދިފައެވެ. ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ޚަދީޖާ ހަފްސާއަށް މައްސަލައެއް ހުށަހެޅުމަށް ގުޅާލައިފި ނަމަ ދުވަހަކުވެސް ބިޒީ ނޫން ގަޑިއަކާއި ދިމަލެއް ނުވެއެވެ. އިއްޔެ ވެސް ޑެންގީ ޖެހުނު ޒުވާނަކު މާލެ ފުރުވާލި އިރުވެސް ހަފްސާގެ ފަރާތުން އެ ޒުވާނާގެ އާއިލާއަށް އެހީތެރިކަމެއް ލިބިފައެއް ނުވެއެވެ.ގުޅުމުން ފޯނަށް ޖަވާބު ވެސް ނުދެއްވަނީއެވެ.

ބައެއް ފަހަރު އަޅުގަނޑުމެންނަށް ހީވާ ކަހަލައެވެ. ހަފްސާ ހޮސްޕިޓަލް ހިންގެވުމުގެ ބަދަލުގައި ހޮސްޕިޓަލް ހަފްސާ ހިންގަވަނީއެވެ.

ހޮސްޕިޓަލުގެ ކަމެއް ރަނގަޅު ކުރަން ޝަކުވާކުރާއިރަށް އެބޭފުޅާ ވިދާޅުވަނީ ތިވާހަކަ މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް މިގޮތަށް ހަފްސާ ވިދާޅުވާ ވާހަކަތަކަށް އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް އިތުބާރު ކުރެވޭކަށް ނެތެވެ.އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހެލްތް މިނިސްޓަރާއި ޙިއްސާކުރުމަށް ހަފްސާ ވަނީ ނުކުޅެދިފައެވެ.

ކޮންމެ ފަހަރަކު ދެކޮޅު ޓިކެޓަށް 3000 ރުފިޔާ ޚަރަދުކޮށްފައި އައްޑޫގެ ރައްޔިތުން މާލެ ދާން ޖެހޭ ދިއުން ނިމުމަކަށް އައުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެކެވެ. އާ ހޮސްޕިޓަލްގެ ހުވަފެން ދެން ބަލާކަށް އަޅުގަނޑުމެން ބޭނުމެއް ނޫނެވެ. ފެންވަރު ރަނގަޅު ދެތިން ޑޮކްޓަރަކު ހިތަދޫ ހޮސްޕިޓަލަށް ފޮނުވައި ދެއްވާށެވެ. އެކަމަށް 20 މިލިއަން ޑޮލަރު ޚަރަދު ވާނެ ހެން ހިއެއް ނުވެއެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކުލަވާލައްވާފައިވާ ޓާސްކް ފޯހުގައި ހިމެނިވަޑައިގަންނަވާ އިއްޒަތްތެރި ހެލްތް މިނިސްޓަރަށް އައްޑޫގެ ރައްޔިތުންގެ ހާލަތު އެނގިލައްވާތޯއެވެ ؟

ފޮގް މެޝިނެއް ނުގަނެވިގެން އަޅުގަނޑުމެންގެ ކައުންސިލުން އުޅުއްވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އެބޭފުޅުންނަށް އެކަމުގައި އަދި އަލި މަގެއް ވަނީ ފެންނަގޮތް ވަނީ ނުވެފައެވެ. އަނެއްކާ ވެސް ދައްކަން ޖެހެނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމައި ހަވާލުވެ ހުންނެވި ހަފްސާގެ ވާހަކައެވެ.

ޑެންގީ ހުން ފެތުރުމުގެ ބިރުވެރިކަން އައްޑޫގެ ރައްޔިތުންގެ މެދުގައި ބޮޑުވެފައިވާއިރު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގުމުގެ ވިސްނުމެއް ވެސް އެކަމަނާ ނުގެންގުޅުއްވަނީއެވެ. އަމިއްލަ ޖަމިއްޔާތަކުން އެފަދަ ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަމަށް އެދިފައިވާއިރު އަދިވެސް ހަފްސާގެ ފަރާތުން ޖަވާބެއް ލިބިފައި ނުވެއެވެ.

ޢިއްޒަތްތެރި ހެލްތް މިނިސްޓަރ އެވެ. ދިވެހިރާއްޖޭގައި އޮތީ ހަމައެކަނީ މާލޭއެއް ނޫނެވެ. އަތޮޅު ތެރޭގެ ރައްޔިތުން ވެސް އުޅެމުން ގެންދަނީ ވަރަށް ޙާލުގައެވެ. މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވަނީ އެ ރައްޔިތުންނަށެވެ. 2011 ވަނަ އަހަރަށް ވުރެ މިއަހަރު މިހާތަނަށް ޑެންގީ ހުންޖެހިގެން މަރުވި މީހުންގެ އަދަދު މަދޭ ވިދާޅުވުމުގެ ބަދަލުގައި އަތޮޅު ތެރޭގެ ރައްޔިތުން ވެސް ޑެންގީ ހުމުގެ ނުރައްކަލުން ސަލާމަތްކުރުމަށް މަސައްކަތް ކޮށް ދެއްވާށެވެ.

ހޮސްޕިޓަލްތަކުގެ އިސް މަޤާމްތަކުގައި ތިއްބަވައިގެން ޒިންމާ އަދާނުކުރައްވާ ބޭފުޅުންގެ ބަދަލުގައި ކަންކަމަށް ޤާބިލް ބޭފުޅުން އައްޔަން ކޮށްގެން ނަމަވެސް ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވާށެވެ. މީގެ ކުރިން ހެލްތް މިނިސްޓަރު ކަމުގައި ތިއްބެވި ބޭފުޅުން ވެސް މުޅިން ވެސް އަޅުގަނޑުމެން އައްޑޫ ރައްޔިތުންނަށް އިތުރުފުޅު ހެއްދެވީއެވެ.