Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

މިހާތަނަށް އައްޑޫ އިން ޑެންގީ އަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެއް : ހިތަދޫ ހޮސްޕިޓަލް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީގައި ބަަޔަކު މަޑު ކޮށްލައިގެން. ފޮޓޯ: އައްޑޫލައިވް

މިހާތަނަށް އައްޑޫ ސިޓީ އިން ޑެންގީ އަށް ޕޮޒިޓްވި ވެފައިވަނީ އެންމެ މީހަކު ކަމަށާއި އެ މީހާ ފަރުވާ އަށް މާލެ ފޮނުވާލާފައިވާ ކަމަށާއި ޑެންގީ އަށް ޝައްކު ކުރެވޭ ތިން މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ބުނެފި އެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި މިމަހުގެ 29 ވަނަ ދުވަހު އެޑްމިޓް ކުރި ޒުވާނާ ހާލު ސީރިއަސް ކަމުން މާލެ ފޮނުވާލީ އިއްޔެ ކަމަށެވެ.

ޑެންގީ ޖެހިގެން އެ ޒުވާނާ މާލެ ފުރުވާލުމާއި ހަމައަށް އެކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުގެ އިސްވެރިންނަށް ލިބިފައި ނުވާ ކަމަށް އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް ވަނީ އެނގިފައެވެ.

ޑެންގީ އަށް ޝައްކުކުރެވޭ 3 މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލާއި ހޮސްޕިޓަލުގެ ފަރާތުން ޑެންގީ އަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ނުހިންގާ ކަމަށް ބުނެ އައްޑޫގެ އަމިއްލަ ޖަމިއްޔާތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.