Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ފޮގް މެޝިން ހޯދަން އިއްލާންކޮށްފި

އައްޑޫގެ ރަށްތަކަށް މަދިރި ބޭސް ޖެހުމަށް ފޮގް މެޝިން ގަތުމަށް އިއްލާން ކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިޤް (ސޯބެ) މިއަދު ވިދާޅުވީ ކައުންސިލުން ފޮގް މެޝިން ގަތުމަށް މީގެ ކުރިންވެސް އިއްލާންކޮށްފައިވާ ކަމަށާއި އޭރު އަގު ހުށަހެޅީ އެންމެ ދެ ފަރާތަކުން ކަމަށެވެ. އެހެންވެ އެއިއްލާން ބާޠިލް ކުރުމަށްފަހު މިހާރު ދެވަނަ ފަހަރަށް އިއްލާން ކޮށްފައިވާކަމަށެވެ.

"މާދަމާ މައުލޫމާތު ދިނުން އޮންނާނެ. އާދީއްތަ ދުވަހު އަގު ހުށަހަޅަން ޖެހޭނެ" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އައްޑޫގެ ރަށްތަކަށް ވަރަށް އަވަހަށް މަދިރި ބޭސް ޖެހުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިދުވަސްވަރު ރާއްޖޭގައި ހަލުވި ކަމާއި އެކު ޑެންގީ ހުން ފެތުރޭތީ މަދިރި އާލާވާ ތަންތަން ނައްތާލުމަށް ފަރުދީ ފެންވަރުގައި ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އައްޑޫން ޑެންގީއަށް މީހަކު ޕިޒިޓިވް ވެފައިވާ އިރު މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އެކަށީގެންވާ މަސައްކަތެއް ކަމާއި ބެހެ ފަރާތްތަަށް ނުކުރެވޭ ކަމުގެ ޝަކުވާ މިވަނީ ބޮޑުވެފައެވެ.