Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

އެލްޖީއޭގެ ބޯޑަށް އަޙްމަދް ހަސަން

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އާއްމުންގެ ތެރެއިން ހޮވާ މެމްބަރުގެ ގޮތުގައި ހިތަދޫ ފަރުދާބަގީޗާގެ އަޙުމަދު ޙަސަން ހަމަޖެއްސުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާ އަށް ވެސް އަމިއްލަ ގޮތުން ވާދަ ކުރި އަޙްމަދް ހަސަންގެ އިތުރުން އެ ބޯޑަށް އާންމުންގެ ތެރެއިން 17 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.

އަޙުމަދު ޙަސަނަށް ރުހުން ދިނުމަށް މަޖިލީހުގެ ކޮމެޓީން ނިންމާފައިވަނީ ، މާކްސް ދެވުނު ފަސް ދާއިރާގެ ތެރެއިން އެންމެ މަތީ މާކްސް އޭނާ ހޯއްދަވާފައިވާތީ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދް ހަސަން އަށް ވަނީ 88.6 މާކްސް ލިބިފައެވެ. އަހުމަދު ހަސަން އާ އެންމެ ގާތުން ވާދަ ކޮށްފައިވަނީ ޏ. ފުވައްމުލަކު ރަންދުވަރު އަޙުމަދު ސަޢީދު އެވެ. އޭނާ އަށް ލިބުނީ 83.9 މާކްސް އެވެ.

އެލްޖީއޭ ބޯޑަށް އާންމުންގެ ތެރެއިން މީހަކު ހޮވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޝުޖާއު ހުސައިންގެ މައްޗަށް އިތުބާރު ނެތް ކަމަށް މާޗް 24، 2015 ގައި ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ.

ކޮމިޓީން އަހްމަދް ހަސަން އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ފެންނަކަމަށް ނިންމި ނަމަވެސް ، އެލްޖީއޭގެ ބޯޑަށް އާއްމުންގެ ތެރެއިން މެމްބަރަކު އައްޔަން ކުރާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަށް ފަހުއެވެ.