Last Updated: April 19, 22:45
Friday, April 19, 2024

އެކްސިޑެންޓްވި ފުލުހަކު 'ފިލައިގެން' ދިޔުމުން އާންމުން ރަތަށް !

އައްޑޫ ސިޓީ ހިތަދޫގައި ފުލުހަކު ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓް ތަހުގީގް ނުކޮށް ފުލުހުން އެކްސިޑެންޓް ސީން ރޫޅާލި ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ މެންދުރު ހިނގި އެކްސިޑެންޓްގައި ފުލުސް މީހާގެ މޫނު މައްޗަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އިތުރުފަރުވާއަށް އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
11665543_10205816787992530_4841090878404398582_n
ފުލުހުންގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެކްސިޑެންޓް ސީން ރޫޅާލާފައި ވަނީ އެކްސިޑެންޓްގައި ކާރަށް ލިބުނު ގެއްލުންތައް މަރާމާތުކޮށްދޭން ސައިކަލް ދުއްވި ފަރާތުން އެއްބަސްވެ ދެފަރާތުން ބޭނުން ވެގެން ކަމަށެވެ.

ނަމަވެސް އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެކްސިޑެންޓް ހިނގުމާއިއެކު ސައިކަލުގައި އައި 2 ފުލުހުން ވަގުތުން ހޮސްޕިޓަލަށް ދާން ނައްޓާލީ ކަމަށާއި ކާރު ޑްރައިވަރާއި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ.

" ބާރު ސްޕީޑްގައި އައިސް ކާރުގައި ޖެހުމާއިއެކު ސައިކަލް ދުއްވަން އިން މީހާ ގޮސް ޖެހުނީ މަގު މެދުގައި. އޭނާގެ މޫނު މަތި ވަރަށް ބޮޑަށް ޒަޚަމް ވެފައި ހުރީ. އެމީހުން އަވަހަށް ހޮސްޕިޓަލަށް ނައްޓާލީ.. ހަމަ ސީދާ ފިލީ ނޫންތޯ." އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެކްސިޑެންޓްވި ފުލުހުން އެތަނުން ދިޔަފަހުން ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން އައިސް ދެން މައްސަލައިގެ ތަހުގީގް ކުރުމެއް ނޯންނާނެ ކަމަށާއި ފުލުސް މީހާ ޒިންމާ ނަގާނެ ކަމަށް ބުނެފައިވާ ކަމަށެވެ.