Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އެކްސިޑެންޓްގައި ޒަޚަމްވި ފުލުސް މީހާ އިތުރު ފަރުވާއަށް މާލެއަށް

އިއްޔެ ހިތަދޫގައި ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަޚަމްވި ފުލުސް މީހަކު އިތުރު ފަރުވާއަށް މާލެ ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ.

އިއްޔެ މެންދުރު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބިފައިވަނީ ސައިކަލް ދުއްވަން އިން ފުލުސް މީހާއަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާގެ ބޯފަޅައިގެން ގޮސް އޭނާގެ މޫނަށްވެސް ވަނީ ސީރިއަސް ގެއްލުންތަކެއް ލިބިފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ފުލުސް މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ބޯފަޅައިގެން ގޮސް އަނގައިން ލޭ އައިސް ހޮޑުލެވޭތީ އޭނާ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާދިން ކަމަށެވެ.

"މިކޮޅުން ބެއްލެވި ޑޮކްޓަރ ލަފާ ދެއްވަނީ ސީޓީ ސްކޭނެއް ހަދަން. އެހެންވެ މާލެ ފޮނުވާލީ" އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާ އާއި ގުޅިގެން އެކްސިޑެންޓް ސީން ރޫޅާލި މައްސަލާގައި އާއްމުންގެ ފާޑު ކިއުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

މަންޒަރު ދުށް މީހަކު "އައްޑޫލައިވް"އަށް ބުނީ އެކްސިޑެންޓް ހިނގުމަށްފަހު، ސައިކަލުން އައި ދެ ފުލުހުން އެތަނުން ގޮސްފައިވާ ކަމަށެވެ.