Last Updated: March 29, 10:59
Friday, March 29, 2024
ޚަބަރު

އަންހެނަކު ސައިކަލުން ވައްޓާލައި، ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މަރަދޫގައި ރޭ އަންހެނަކު ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަތުން ގޮސް ޖައްސައި ވައްޓާލުމަށް ފަހު، ފިލަން މަސައްކަތް ކުރި މީހަކު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ 11:00 ޖަހަން އުޅެނިކޮށް މަރަދޫ ބޮޑު މަގުގައި ހުންނަ “ރޫޓް ފިހާރަ” ސަރަހައްދުގައި ހިނގި މި ހާދިސާގައި ސައިކަލުން ވައްޓާލުމުގެ ސަބަބުން އަންހެން ކުއްޖާ އަށް ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، ފަހަތުން އައި ސައިކަލަކުން އެ އަންހެން މީހާ ދުއްވާފައި ދިޔަ ސައިކަލްގެ ފަހަތުން ގޮސް ޖައްސާލައި ވައްޓާލުމުން އަންހެން ކުއްޖާގެ ވާތު ފައިގެ ކަކުޅު ހުޅަށް އަނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާގައި އަންހެން ކުއްޖާ ދުއްވި ސައިކަލަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.

އިތުބާރު ހުރިގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އަންހެނަކު ދުއްވާފައި ދިޔަ ސައިކަލުގައި ފަހަތުން ގޮސް ޖެއްސި ސައިކަލް ދުއްވަން އިނީ ފޭދޫ އަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ ފިލަން ދުއްވަނިކޮށް އަތުލައިގަނެ ފުލުހުންނާއި ހަވާލުކޮށްފައި ވަނީ އާންމު ރައްޔިތުންނެވެ.

ރޭ ހިނގި މިހާދިސާ އާއި ބެހޭގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް އާއި ނުގުޅޭތީ މިކަމުގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.