Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ނާޒިމް އާއި އިމްރާން ދޫ ނުކުރަން ނިންމައިފި!

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުކޮށް 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އާއި ޓެރަރިޒަމް ދައުވާ އުފުލައި ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ދޫ ނުކޮށްލަން ސަރުކާރުން ނިންމައިފިއެވެ.

"އައްޑޫލައިވް"އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅު އެމްޑީޕީން ސަރުކާރާއިއެކު ފަށާފައިވާ މަޝްވަރާތަކުގައި ވަނީ ނާޒިމް އާއި އިމްރާން އަދި ސިޔާސީ އެހެނިހެން ކުށްވެރީން ދޫކޮށްލަން ޝަރުޠު ކޮށްފައެވެ.

އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އިއްޔެ ބޭސް ފަރުވާއަށް އިންޑިއާއަށް ފޮނުވާލުމަށް ސަރުކާރުން ނިންމުމަށްފަހު މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް ބަންދުގައި ބަހައްޓަން ނިންމާފައެވެ.

ޝެއިހް އިމްރާންގެ އަރިސް ބޭފުޅަކު ވިދާޅުވީ ޝެއިހް އިންޑިއާއަށް ފޮނުވުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ޓިކެޓް ނަގައި ހުރިހާ ތައްޔާރީ ވެފައި ވަނިކޮށް ފަހު ވަގުތު އާއިލާއަށް ޝޭއިހް ދޫނުކޮށްލެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އަދި އާއިލާއިން ސުވާލު ކުރުމުން މެޑިކަްލ ކައުންސިލުން ހަމަޖައްސަން ޖެހޭ ބައެއް ކަންކަން ހަމަނުޖެހޭ ކަމަށް އާއިލާގެ ބޭފުޅުން ގާތު ވަނީ ބުނެފައެވެ.

ކާނަލް ނާޒިމް ގޭ ބަންދަށް ބަދަލު ކުރުމަށް އާއިލާއިން ހޯމް މިނިސްޓަރަށް އެދިފައިވާ އިރު އެމްޑީޕީގެ މަޝްވަރާތަކުގައިވެސް ނާޒިމް ދޫކޮށްލުމަށް ވަނީ ޝަރުޠުކޮށްފައެވެ.
ނަމަވެސް އެމްޑީޕީގެ ލިސްޓުން ކާނަލް ނާޒިމް ނަން އުނިކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ. އަދި ނާޒިމްގެ ބަންދަށް ލުއެއް ދިނުމަށް ސަރުކާރުން ވިސްނަވާފައި ނުވެއެވެ.

"އައްޑޫލައިވް" އާއި މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުނީ ސަރުކާރުން އެމްޑީޕީ އާއި މަޝްވަރާ ކުރަމުން އަންނަނީ ޖުލައި 24 ވަނަ ދުވަހުގެ ކުރިން ރައީސް ނަޝީދު މިނިވަންކޮށް ދޫކޮށްލުމަށެވެ. އަދި އިތުރު ސިޔާސީ އެހެނިހެން ކުށްވެރިން މިނިވަން ކުރުމަށް އެމްޑީޕީން ނޭދުމަށާއި، އިމްރާން، އާއި ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ސަރުކާރަށް ޕްރެޝަރު ނުކުރުމަށެވެ.

އެމްޑީޕީ އާއި ސަރުކާރާއި އެކު ފަށާފައިވާ މަޝްވަރާ ތަކުގައި ސިޔާސީ 1400 އަށް ވުރެ ގިނަ ކުށްވެރީން މިނިވަން ކުރުމަށް އެދިފައިވެއެވެ.

ޝެއިހް އިމްރާން، އާއި ނާޒިމް މިނިވަން ނުކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު، ސަރުކާރުގެ "ޑީލް" އަކީ ނަޝީދު މިނިވަންކޮށް، ނައިބް ރައީސްކަމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބް ގެނައުމަށް މަގު ފަހި ކުރުމެވެ.

13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން މައާފް ލިބި ދޫކޮށް ނުލައިފި ނަމަ އެމަނިކުފާނަށް ގާނޫނޫ އަސާސީގައިވާ ގޮތުގެ މަތިން 2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.