Last Updated: April 23, 14:49
Tuesday, April 23, 2024
ރިޕޯޓް

ހަވަރު ތިނަދޫގެ ރައްޔިތުންނާ ދެކޮޅަށް ނާސިރު ހިންގި ލާއިންސާނީ ޖަރީމާ!

ގދ. އަތޮޅުން އެންމެ ފާހަގަކޮށްލެވޭ ތިނަދޫ ތާރީޚީ ގޮތުން ސިފަވެގެން ދަނީ މަޝްހޫރު ހަވަރު ތިނަދޫގެ ގޮތުގައެވެ. ހަވަރު ތިނަދޫގެ މަސްވެރިކަން މަޝްހޫރުވެގެން ގޮސް ވޯރާ ވިޔަފާރިވެރިންގެ މަޤްބޫލުކަން ހުވަދޫގެ ކަނޑު މަހަށް ލިބިގެންދިޔައެވެ. ދަގަނޑު ތެޅުމާއި ލޯ ކަންވާރު ހެދުމުގައި އެފަދަ ދެވަނައެއް ނެތް ބަޔެއްގެ ގޮތުގައި ފާހަގަ ވެގެން ގޮސްފައވާއިރު ހަވަރު ތިނަދޫގެ ރައްޔިތުންގެ ފަންޑިތަވެރިކަމާއި ބޭސްވެރިކަން ވެގެން ގޮސްފައިވަނީ މުޅި ސުވަދީބާއި ތިނަދޫގެ ވެސް ދިފާއީ އައްޑަނައިގެ ގޮތުގައެވެ.

މީގެ އިތުރުން ވަޑާމާއި ދަނޑުވެރިކަން ކޮންމެވެސް ވަރަކަށް ކޮށް އުޅުނު މިރަށުގެ ރައްޔިތުންނަކީ އޭރު ތަޢުލީމީ ގޮތުން ވެސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއްބަޔަކު ތިބި ރަށެވެ. އެގޮތުން ފިލައިގެން ގޮސް ދީނީ ތަޢުލީމް ޙާސިލްކުރި ގިނަ އަދަދެއްގެ ޝެއިޚުން މިރަށުގައި ތިބި ކަމަށް ވެއެވެ.
އުފާވެރިކަމާއި އެކު ފުދިގެން އުޅުނު ހަވަރު ތިނަދޫގެ ރައްޔިތުން އެމީހުންގެ ބުރަ މަސައްކަތުން އާރާސްތުކުރި ދިރިއުޅުން ފުނޑުފުނޑުވެގެން ގޮސްފައިވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނގި ޙާދިސާއެއްގެ ސަބަބުންނެވެ.

އެއީ 1962 ވަނަ އަހަރު ދިވެހިރާއްޖޭގެ ބޮޑުވަޒީރަކަށް ހުންނެވި، އިބްރާހިމް ނާސިރް އާއި އޭނާގެ ސިފައިން ހަވަރު ތިނަދޫ އަށް އަރަިއި ހިންގި ލާއިންސާނީ ޖަރީމާގެ ސަބަބުންނެވެ. އޭގެ 53 އަހަރު ފަހުން މިއަދު ތިނަދޫގެ މަލަމަތިން ތަރައްޤީ އާއި ތަހުޒީބުގެ ކުލަވަރުތައް ފެނިގެން ދިޔަ ނަމަވެސް ނާސިރާއި އޭނާގެ ސިފައިންގެ ފަރާތުން ލިބުނު އަނިޔާތަކުގެ ވޭނާއި ހިތްދަތިކަމަކީ މި ރަށުގެ ރައްޔިތުންގެ ހަނދާނުން ފޮހެވިގެންދާނެ ވާހަކަތަކެއް ނޫނެވެ.

"ސިލްވަރ ކްރެސްޓް" ނަމަކަށް ކިޔުނު ބޯޓެއްގައި ސިފައިންނާއި އެކު އައިސް އިބްރާހިމް ނާސިރު ހަވަރު ތިނަދޫގެ ފަސްގަނޑަށް އަރާފައިވަނީ ބަޑީގެ ބޭނުންކޮށްގެން އެރަށުގެ ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ފުރާނަ ދުއްވާލުމަށް ފަހުގައެވެ. އަނިޔާވެރިކަމާއި އެކު އެރަށަށް އަރައި އެތައް ދުވަހަކުން ރަށުގެ ރައްޔިތުން ބިނާކުރި ވަޞީލަތްތައް ނައްތާލުމަށް ފަހު ނާސިރާއި އޭނާގެ ސިފައިން މަސައްކަތްކޮށްފައިވަނީ މީހުންގެ މިލްކިއްޔާތު ދުއްވާލުމަށެވެ.
މަސްވެރިކަމަށް ބޭނުންކުރި ބޮޑެތި ދޯނި ފަހަރުގައި ރޯކޮށް، ރަށުގެ ފިހާރަތަކާއި ގޯތި ގެދޮރުތައް އަންދާލުމަށް ފަހު އެންމެ ފަހުން ރަށުގެ ރައްޔިތުންނަށް (ކުޑަކުދިންނާއި އަންހެނުން ވެސް) މަޖުބޫރުކުރީ މޫދަށް ފޭބުމަށް ކަމަށް ވެއެވެ. ތިނަދޫގެ ދުވަސްވީ މީހުން ބުނާގޮތުގައި އެދުވަހުގެ އިރުއޮއްސުމުގެ ކުރިން ހުރިހާ އެންމެން ފެއްސޭނެ ތަނަކަށް ފެއްސިގެން ދިއުމަށާއި އަދި އޭގެ ފަހުން ރަށުގައި ހުރެއްޖެ ކޮންމެ މީހަކީ މަރާލެވޭނެ މީހެއް ކަމުގެ އިންޒާރު އެރަށަށް އެރި ނާސިރާއި އޭނާގެ ސިފައިން ދިނެވެ.

ހަވަރު ތިނަދޫގައި ދިރިއުޅެމުން ދިޔަ 4000 އެއްހާ ރައްޔިތުންނަށް ބަޑިއާއި ހަތިޔާރު ހިފައިގެން އެމީހުންނާއި ކުރިމަތިލުމަށް އައި ނާސިރާއި އޭނާގެ ސިފައިން ވަނީ މޫދަށް ދޫކޮށްލާފައެވެ. 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ތިނަދޫގެ ދުވަސްވީ މީހަކު ބުނި ގޮތުގައި މީގެ ތެރެއިން އެނބުރި ތިނަދޫ އަށް އާދެވިފައިވަނީ ގާތްގަނޑަކަށް 1500 އާއި 1600 އާއި ދެމެދުގެ އަދަދެއްގެ މީހުންނަށެވެ.

" ހަވަރު ތިނަދޫ އިން 4000 އެއްހާ މީހުން މޫދަށް ދޫކޮށްލި. އޭގެ ތެރެއިން ގިނަ މީހުން ފެނިފައިވޭ މި އަތޮޅުގެ އެހެނިހެން ރަށްތަކަށް މަރުވެގެން ލައްގާފައި ތިއްބާ. ތިބޭފުޅުންނަށް ގަބޫލެއް ވެސް ނުކުރެވޭނެ. ކުޑަކުދިން މަރުވެގެން ދިޔައީ ކާނެ ބޯނެ އެއްޗެއް ނެތިގެން. ކިހާބޮޑު އަނިޔާވެރިކަމެއް ތޯ އެއީ." ހަވަރު ތިނަދޫ އާއި ބެހޭގޮތުން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ތިނަދޫގެ އުމުރުން ދުވަސްވީ ބޭފުޅަކު ބުންޏެެވެ.

ރަށެއްގައި ވަޒަންވެރިވެފައި ތިބި ރައްޔިތުންތަކެއް ބަޑީގެ ބާރުން އަނިޔާވެރިކަމާއި އެކު ރަށުން ފައްސާލެވުމަކީ ވަރަށް ބޮޑު ޖަރީމާއެއް ނޫންތޯއެވެ. ނަމަވެސް އޭގެ 53 އަހަރު ފަހުން ދިވެހި ޤައުމު ތައްޔާރު ވަމުން މިދަނީ 'މިނިވަން50' ފާހަގަކުރުމުގެ ތެރެއިން ، ހަވަރު ތިނަދޫގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާތަކެއް ދިން މީހަކަށް މިނިވަންކަމުގެ މެޑަލް ދެއްވުމަށެވެ.

މިއަދު ތިނަދޫގެ ރައްޔިތުންގެ ވެސް ޙިއްސާއެއް ވާ ދިވެހިރާއްޖޭގެ ބައިތުލްމާލުން ޚަރަދުކޮށްގެން އެފަދަ ފަރާތަކަށް މިނިވަންކަމުގެ މެޑަލެއް ދިނުމަކީ ތިނަދޫގެ ރައްޔިތުން އަދި ޚާއްސަގޮތެއްގައި ދިވެހިރާއްޖޭގެ ދެކުނުގެ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެނެވެ.

ހަތިޔާރެއް ނެތް އާންމުންގެ ބަޔަކަށް ބަޑިން ހަމަލާދީ މަރާލި ޖަރީމާއަށް އެތަކެއް އަހަރުތަކެއް ވެގެން ގޮސްފައިވާއިރު އަދިވެސް ދިވެހިރާއްޖޭގެ މައިސަރުކާރުގެ ފަރާތުން އަދި އެދުވަހުގެ ޖަރީމާގައި ބައިވެރިވި އެއްވެސް ފަރާތަކުން ތިނަދޫގެ ރައްޔިތުންގެ ކިބައިން މަޢާފަށް އދިފައެއް ނުވެއެވެ. ނާސިރާއި އޭނާގެ ސިފައިންގެ ލާއިންސާނީ ޖަރީމާގެ ދިފާޢުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނަމުން ގެންދަނީ، އެ ޢަމަލް ހިންގަން ޖެހިފައިވަނީ ދެކުނުގެ 3 އަތޮޅުން ވަކި ދަޢުލަތެއް އިޢުލާން ކުރުމާއި ގުޅިގެން ކަމަށެވެ.

ދެކުނުގެ 3 އަތޮޅު ގުޅިގެން ސުވާދީބު ޖުމްހޫރިއްޔާ އިޢުލާން ކުރީ އެމީހުންނަށް ތަރައްޤީ އާއި ކުރިއެރުން ހޯދުމަށް އޮތް ހަމައެކަނި މަގަކީ އެއީ ކަމަށް ވީމައެވެ. ސުވާދީބުގެ ނަމުގައި ވަކި ދަޢުލަތެއް ޤާއިމްކޮށް އެމީހުން ހޯދީ އިޤްތިޞާދީ މިނިވަންކަމެވެ. މާލޭ ސަރުކާރަށް ކޮންމެ ކަމެއްގައި އާދޭސްކުރަން އަތޮޅު ތެރޭގެ ރައްޔިތުންނަށް ނުޖެހި އެމީހުންގެ ހަމައިސްކޮޅަށް ތެދުވެ އުޅެވޭނެ ގޮތެކެވެ.

ތިނަދޫގެ ރައްޔިތުންނަށް ނާސިރުގެ ފަރާތުން ލިބުނު އަނިޔާތަކުގެ ވާހަކައަށް ފަސްއަޅައި ފޮރުވަން ބަޔަކު މީހުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައި އެކަމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވަކި ބަޔަކު ނާސިރަށް 'މިނިވަންކަމުގެ ބާނީ'ގެ ލަޤަބު ދިނަސް ދެކުނުގެ ރައްޔިތުންގެ މެދުގައި އެބޭފުޅާ އަކީ 'އަނިޔާވެރިކަމުގެ ބާނީ' އެކެވެ.