Last Updated: March 28, 16:50
Thursday, March 28, 2024
ދީން

މަރުވުމަށް އުއްމީދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ހެޔޮ ޢަމަލު ކުރާ މީހަކު ގިނަދުވަހު ދުނިޔޭގައި ހުރުމަކީ ރަގަޅު ގޮތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދިޘް ކުރައްވާފައިވެއެވެ. (خير الناس من طال عمره وحسن عمله) رواه أحمد والترمذي މާނައަކީ:

"މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ ޢުމުރު ދިގުވެ، ހެޔޮ ޢަމަލު ކުރި މީހެކެވެ."
އެހެން ރިވާޔަތެއްގައި ވެއެވެ. (طوبى لمن طال عمره وحسن عمله) رواه الطبراني މާނައަކީ: "އެމީހެއްގެ ޢުމުރު ދިގުވެ، ހެޔޮ ޢަމަލު ކުރި މީހަކަށް ހުރެ ހެޔޮކަމެއްގެ ބޮޑު ކަމާއެވެ."

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : كَانَ رَجُلَانِ أَسْلَمَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَاسْتُشْهِدَ أَحَدُهُمَا وَأُخِّرَ الْآخَرُ سَنَةً . قَالَ طَلْحَةُ بْنُ عُبَيْدِ اللَّهِ : فَأُرِيتُ الْجَنَّةَ ، فَرَأَيْتُ فِيهَا الْمُؤَخَّرَ مِنْهُمَا أُدْخِلَ قَبْلَ الشَّهِيدِ ، فَعَجِبْتُ لِذَلِكَ ، فَأَصْبَحْتُ فَذَكَرْتُ ذَلِكَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( أَلَيْسَ قَدْ صَامَ بَعْدَهُ رَمَضَانَ ! وَصَلَّى سِتَّةَ آلافِ رَكْعَةٍ أَوْ كَذَا وَكَذَا رَكْعَةً ! صَلاةَ السَّنَةِ )

رواه أحمد، މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ދެމީހަކު އިސްލާމްވެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ޖިހާދު ކުރައްވާ އެކަކު ޝަހީދުވިއެވެ. އަދި ދެވަނަ މީހާ އޭގެ އެއް އަހަރުފަހުން މަރުވިއެވެ. ޠަލްޙާ ބިން ޢުބައިދިﷲ- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް ހުވަފެނުގައި ސުވަރުގެ ފެނުނެވެ. އަދި ފަހުން މަރުވި މީހާ ކުރިން ޝަހީދުވީ މީހާ އަށް ވުރެ ކުރިން ސުވަރުގެ ވައްދަވާތަން ފެނިވަޑައިގަތެވެ.

ޠަލްޙާ އެކަމާ ހައިރާންވެ ވަޑައިގެން، އަނެއްދުވަހު ހެނދުނު ވުމުން އެވާހަކަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ދެންނެވިއެވެ. ޙަދީޘް ކުރެއްވިއެވެ. "ޝަހީދުވީ މީހާގެ ފަހުން އޭނާ އެއް އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހިފައިފިއެވެ. އަދި ހަހާހެއްހާ ރަކްޢަތް ކޮށްފިއެވެ. ނުވަތަ އެއް އަހަރުގެ ނަމާދު ކޮށްފިއެވެ."

وقال رجل : يَا رَسُولَ اللَّهِ ، أَيُّ النَّاسِ خَيْرٌ ؟ قَالَ : (مَنْ طَالَ عُمُرُهُ وَحَسُنَ عَمَلُهُ ) قَالَ : فَأَيُّ النَّاسِ شَرٌّ ؟ قَالَ : (مَنْ طَالَ عُمُرُهُ وَسَاءَ عَمَلُهُ ) رواه أحمد والترمذي މާނައަކީ: މީހަކު އައިސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރެއްވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. މީސްތަކުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ ކާކުތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ.

"އެމީހެއްގެ ޢުމުރު ދިގުވެ ހެޔޮ ޢަމަލު ގިނަކޮށްފި މީހާ އެވެ."

އިމާމް ޠީބީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ވިޔަފާރިވެރިއަކަށް ރައުސުލްމާލް ނުވަތަ ކެޕިޓަލް ބޭނުންވާ ފަދައިން ވަގުތާއި ގަޑިއަކީ އިންސާނާގެ ޙަޔާތުގެ ރައުސުލްމާލެވެ. ކެޕިޓަލް ގިނައިން ހުރި ވަރަކުން ގިނަ ވިޔަފާރިކޮށް، ބޮޑު ފައިދާ ހޯދުމަށް މަސައްކަތް ކުރަންވާނެއެވެ. އެހެންކަމުން، ހެޔޮ ޢަމަލުގިނަކޮށް، ޢުމުރުގެ ފައިދާ ހޯދައިގެންފި މީހާ ކާމިޔާބާއި ފަލާޙް ހޯދައިފިކަން ކަށަވަރެވެ. އެމީހެއްގެ ރައުސުލްމާލު ގެއްލުވާލައިފި މީހާ ބަޔާންވެގެންވާ ގެއްލުމަކުން ގެއްލެނިވެގެންފިއެވެ."
ބައެއް ސަލަފުން ވިދާޅުވާ ކަމަށްވެއެވެ. "މަރުވުމަކީ އެހާ ރަގަޅު ކަމެއް ނޫނެވެ. ދުނިޔޭގައި ހުރެ އެންމެ ވަގުތަކުވެސް ﷲ ގެ ޛިކްރުކޮށް އަސްތަޣްފާރު ކުރުމަކީ މުޅި ޢުމުރުގައި މަރުވުމަށްވުރެ މާ ހެޔޮކަން ބޮޑު ކަމެކެވެ."

ސަލަފުންގެ ތެރެއިން ޢުމުރުން ދުވަސްވީ މީހެއްގެ ގާތުގައި ބުނެވުނެވެ. "މަރުވުމަށް ލޯބިކުރަންތޯއެވެ؟ ވިދާޅުވިއެވެ. ނޫނެކެވެ. ޒުވާން ޢުމުރާއި އޭގެ ނުބައިކަން ހިނގައްޖެއެވެ. މުސްކުޅި ކަމާއި އޭގެ ހެޔޮކަން އަތުވެއްޖެއެވެ. އަހަރެން ތެދުވެއްޖެނަމަ ބިސްމިﷲ ކިޔަމެވެ. އޮށޯވެއްޖެނަމަ އަލްޙަމްދުލިއްލާހި ކިޔަމެވެ. މިގޮތުގައި ދެމި ހުރުމަށް ލޯބި ކުރަމެވެ.
އެހެންކަމުން، މަރުވުމަށް އުއްމީދު ކުރުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީ ކުރެއްވިއެވެ.

މަރުވުމުން އިންސާނާ ހެޔޮ ޢަމަލުތައް ހުއްޓިގެންގޮސް، އަޅުކަން ކުރުމުގެ ފުރުޞަތުގެއްލި، ތައުބާވުމުގެ މަގު ބަންދުވެގެންދާތީވެއެވެ.

فعن أَبي هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قال : ( لا يَتَمَنَّى أَحَدُكُمْ الْمَوْتَ , وَلا يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ ، إِنَّهُ إِذَا مَاتَ أَحَدُكُمْ انْقَطَعَ عَمَلُهُ ، وَإِنَّهُ لا يَزِيدُ الْمُؤْمِنَ عُمْرُهُ إِلا خَيْرًا )

رواه مسلم، މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މީހަކު މަރުވުމަށް އުއްމީދު ނުކުރާ ހުށިކަމެވެ. އަދި މަރު އައިސް ޖެހުމުގެ ކުރިން އެކަމަށް އެދި ދުޢާ ނުކުރާ ހުށި ކަމެވެ.

ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ މީހަކު މަރުވެއްޖެނަމަ އެމީހެއްގެ ޢަމަލުތައް ހުއްޓިގެން ދެއެވެ. މުއިމިނަކު ދުނިޔޭގައި ހުރިހާ ހިނދަކު ހެޔޮކަމެއް މެނުވީ އިތުރެއް ނުވާނެއެވެ."

އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. (لا يَتَمَنَّى أَحَدُكُمْ الْمَوْتَ ، إِمَّا مُحْسِنًا فَلَعَلَّهُ يَزْدَادُ ، وَإِمَّا مُسِيئًا فَلَعَلَّهُ يَسْتَعْتِبُ) رواه البخاري، މާނައަކީ: "ތިޔަބައިމީހުން ކުރެ މީހަކު މަރުވުމަށް އުއްމީދު ނުކުރާ ހުށިކަމެވެ. އެމީހަކީ ރަގަޅު މީހެއްނަމަ ހެޔޮ ޢަމަލުތައް ގިނަވެދާ ހުއްޓެވެ. ގޯސް މީހެއްނަމަ ތައުބާވެވިދާނެއެވެ."

މިޙަދީޘްގެ ޝަރަޙާ ގައި އިމާމް ނަވަވީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މީހަކަށް ދިމާވެފައިވަ މުޞީބާތެއްގެ ސަބަބުން މަރުވުމަށް އުއްމީދު ނުކުރުމަށް މިޙަދީޘްގައި މިވަނީ އަންގަވާފައެވެ.

ނަމަވެސް، މަރުވުމަށް އުއްމީދު ކުރުން ހުއްދަވާ ހާލަތްތަކެއްވެސް ހުރެއެވެ. އެއީ:

1. ފިތުނައިގެ ސަބަބުން އެމީހެއްގެ ދީން ގެއްލިގެން ހިނގައިދާނެ ކަމަށް ބިރު ހީވުން. މިފަދަ ޙާލަތުގައި މަރުވުމަށް އުއްމީދު ކުރެވިދާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ދުޢާ އެއްގައިވެސް ވެއެވެ. (وإذا أردت بعبادك فتنة فاقبضني إليك غير مفتون) رواه الترمذي، މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲގެ އަޅުތަކުންގެ ކިބައިން ފިތުނަވެރިކަން ފާޅުވެއްޖެނަމަ އެމަޅީގައި އެބައިމީހުން ނުޖައްސަވާ އިބަ ﷲ ގެ ޙަޟްރަތަށް ގެންދަވާފާންދޭވެ."
2. ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވުމަށް އުއްމީދު ކުރުން. މި ޙާލަތުގައި މަރުވުމަށް އުއްމީދު ކުރުމަކީ ހުއްދަ ކަމެއް ކަމުގައި ދަލާލަތު ކޮށްދޭ އެތަކެއް ޙަދީޘެއް ވާރިދުވެފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

(لَوْلا أَنْ أَشُقَّ عَلَى أُمَّتِي مَا قَعَدْتُ خَلْفَ سَرِيَّةٍ ، وَلَوَدِدْتُ أَنِّي أُقْتَلُ فِي سَبِيلِ اللَّهِ ، ثُمَّ أُحْيَا ثُمَّ أُقْتَلُ ، ثُمَّ أُحْيَا ثُمَّ أُقْتَلُ ) متفق عليه، މާނައަކީ: "ތިމަން ކަލޭގެފަނުގެ އުއްމަތުގެ މީހުންނަށް އުނދަގޫ ކަމަކަށް ނުވާނެނަމަ ހަނގުރާމަ އަށް ނިކުންނަ އެއްވެސް ލަޝްކަރެއްގައި ބައިވެރި ނުވެ ނުހުންނާނަމެވެ.

ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވުމަށް އުއްމީދު ކުރައްވަމުއެވެ. އެއަށް ފަހު ދިރި އަނެއްކާވެސް ޖިހާދުކޮށް ޝަހީދު ވުމަށް އުއްމީދު ކުރައްވަމުއެވެ. އެއަށްފަހުވެސް ދިރުއްވުމަށްފަހު އަނެއްކާވެސް ޝަހީދުވުމަށް އުއްމީދު ކުރައްވަމުއެވެ." މިޙަދީޘްގައި މިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުވުމަށް އުއްމީދު ކުރެއްވިކަމެވެ. އެއީ، ޝަހީދުންނަށް ހުރި ދަރަޖައެއްގެ ބޮޑު ކަމުންނެވެ.

އިމާމް މުސްލިމް ރިވާ ކުރެއްވި ހަދީޘެއްގައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ سَأَلَ اللَّهَ الشَّهَادَةَ بِصِدْقٍ بَلَّغَهُ اللَّهُ مَنَازِلَ الشُّهَدَاءِ وَإِنْ مَاتَ عَلَى فِرَاشِهِ) މާނައަކީ: "ތެދުވެރިކަމާއި އެކު ޝަހީދުވުމަށް އެދޭ މީހާ ތަންމަތީ އޮވެގެން މަރުވި ނަމަވެސް އެމީހަކަށް ޝަހީދުންގެ ދަރަޖަ ﷲ ދެއްވާނެއެވެ."
އެހެންކަމުން، ﷲ ގެ މަގުގައި ޖިހާދު ކުރަނިކޮށް ދުނިޔެ އާއި ވަކިވެގެން ދިޔުމަށް ސަލަފުން އަބަދުވެސް އުއްމީދު ކުރައްވައެވެ.

މުސައިލަމަތުލް ކައްޛާބު ނަބީ ކަމަށް ދަޢްވާ ކުރި ހިނދު އަބޫ ބަކުރު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ.( والله لأقاتلنه بقوم يحبون الموت كما يحب الحياة) މާނައަކީ: "ﷲ ގަންދީ ބުނަމެވެ. އޭނާ ދުނިޔޭގައި ހުރުމަށް ލޯބި ކުރާ ފަދައިން މަރުވުމަށް ލޯބި ކުރާ ބަޔަކާ އެކުގައި އޭނާ އާއި ކުރިމަތިލާ ހަނގުރާމަ ކުރާ ހުށީމެވެ."

ފާރިސްގެ އަހްލުވެރިންނަށް ޚާލިދް ބިން ވަލީދު- ރަޟިޔަﷲ ޢަންހު- ފޮނުއްވި ސިޓީއެއް ގައި ވެއެވެ. (والذي لا إله غيره لأبعثنَّ إليكم قوماً يحبُّون الموت كما تحبُّون أنتم الحياة) މާނައަކީ: "އެކަލާންގެ ފިޔަވާ ހައްގުވެގެން އަޅުކަންވެވޭ ފަރާތެއް ނުވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ތިޔަބައިމީހުން ދުނިޔޭގައި ތިބުމަށް ލޯބި ކުރާ ފަދައިން މަރުވުމަށް ލޯބި ކުރާ ބަޔަކު ތިޔަބައި މީހުންނާ ހަނގުރާމަ ކުރުމަށް ފޮނުވާ ހުށީމެވެ."

ޚުލާޞާ އަކީ: އިންސަނަކަށް ދިމާވާ ދަތި އުނދަގުލެއްގެ ސަބަބުން މަރުވުމަށް އުއްމީދު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދިކިއެއްތަ، މިފަދަ ޙާލަތުގައި ކެތްތެރިކަން އިތުރުކޮށް، ﷲގެ ހަޟްރަތުން ވާގި އަށް އެދެން ޖެހޭނެއެވެ. އަދި ދިމާވެގެން އުޅޭ މުޞީބާތުން ސަލާމަތްކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ގިނަގިނައިން ދުޢާ ކުރަންވާނެއެވެ. ނަމަވެސް، ﷲ ގެ މަގުގައި ޖިހާދުކޮށް، ޝަހީދުވުމަށް އުއްމީދު ކުރުމަކީ އެދެވިގެންވާ ކަމެކެވެ. والله أعلم