Last Updated: April 19, 21:23
Friday, April 19, 2024
ރިޕޯޓް

އައްޑޫ ރައްޔިތުން ޔާމީނަށް ދިން ވޯޓް ހޯދަން މާލެ އަށް؟

ކުރީގެ ރައީސް ޔާމީން އާއި ނައިބް ރައީސް ޖަމީލް، ކެމްޕެއިން ދަތުރުފުޅެއްގައި ގަމުގެ ވައިގެ ބަނދަރު ސަރަހައްދުގައި ޕީޕީއެމް މެމްބަރުން ތަކަކާއި އެކު ފޮތޯއަކަށް ހުއްޓި ވަޑައިގެން.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަޑައިގަތުމަށްޓަކައި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން ވެސް ގިނަ ބަޔަކު ވަނީ ވޯޓް ދީފައެވެ.

ސިޔާސީ ބޭފުޅުން އައްޑޫ އަކީ 'އެމްޑީޕީ ސިޓީ' އެއްގެ ގޮތުގައި ސިފަކުރައްވަމުން ގެންދެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް އައްޑޫ އިން ލިބިގެން ދިޔަ ވޯޓްގެ ޢަދަދު މަދެއް ނޫނެވެ.

ރިޔަސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އަބްދުﷲ ޔާމީން އަށް ލިބިވަޑައިގެންނެވި، 111203 ވޯޓުގެ ތެރެއިން އައްޑޫ ސިޓީގެ ރައްޔިތުން އެމަނިކުފާނަށް ދިން ވޯޓަކީ، ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި ހަނި އަޤްލަބިއްޔަތު ހޯދުމަށް އެހީތެރިވެދިން ވޯޓު ކަން ޔަޤީނެވެ. . ޕީޕީއެމްގެ ސަރުކާރެއް ގަނައުމަށް ވޯޓް ދިން އައްޑޫގެ ގިނަ ރައްޔިތުން ބުނާގޮތުގައި އެމީހުން ޔާމީނަށް ވޯޓް ދިނީ ބަދަލަކަށް ބޭނުންވާތީ އާއި ތަރައްޤީ ހޯދުމަށްޓަކައި ކަމަށެވެ.

ކޮންމެއަކަސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ވެގެން ގޮސްފައިވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފޮނި ހުވަފެންތަކެއް ދައްކުވާލި ދުވަސް ތަކެއްގެ ގޮތުގައެވެ. އެސްއީޒެޑް މަޝްރޫޢުގެ މައިގަނޑު ދޮރާއްޓަކީ އައްޑޫ ކަމަށާއި އައިޓީ ޕާކެއް ހަދާވާހަކަ އާއި އެތަކެއް ތަރައްޤީގެ ޕްލޭންތަކެއްގެ ފޮނި ހުވަފެންތަކެއް އެމަނިކުފާނު ވަނީ އައްޑޫގެ ރައްޔިތުންނަށް ދައްކަވާފައެވެ.

ރައީސް ޔާމީން ދެއްކެވީ ހަމައެކަނި ފޮނި ހުވަފެންތަކެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ކަންތައް "ގޫގްލް ސްޕީޑް" ގައި ނުދިޔަ ނަމަވެސް ކުރިއަށް އެބަދެއެވެ. އެއާޕޯޓްގެ މަސައްކަތް ވެސް ދޭތެރެއަކުން ހުއްޓާލުމަށްފަހު ކުރެވެމުން އެބަދެއެވެ. ފުޓްސެލް ދަނޑުތަކެއް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ އަޅުއްވައި ދެއްވާފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ދަނޑުތަކުގެ ލައިޓްތައް ނުދިއްލޭ ކަމަށް ވެއެވެ.

އެތައް ޒަމާންތަކެއް ކުރިން އައްޑޫގައި އަޅަން ނިންމި 100 އެނދުގެ ހޮސްޕިޓަލަށް ބޭނުންވާ ފައިސާ ހަމަޖެހުނު ވާހަކަ ވެސް އެނގިގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ރައީސް ޔާމީން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ވަޢުދަކީ "24 ގަޑިއިރު ކަރަންޓް ޔަޤީން" ކޮށް ދެއްވާނެ ކަމުގެ ވަޢުދެވެ.

ސިޓީއެއްގެ ދަރަޖަ ލިބިފައިވި ކަމުގައި ވިޔަސް އައްޑޫ ސިޓީގެ ރައްޔިތުންނަކީ 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބޭނެ ކަމުގެ ޔަޤީންކަން އަދިވެސް ލިބިފައިވާ ބައެއް ނޫނެވެ. އައްޑޫ ސިޓީގެ ރަށްތަކުގެ ކޮންމެވެސް ހިސާބަކުން ދެތިން ގަޑިއިރަށް ކަރަންޓް ކަނޑައިގެން ނުދާ ހަފްތާއެއް ނުދެއެވެ.

ރައީސް ޔާމީންގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ ފަރާތުން އައްޑޫގެ ރައްޔިތުން އެދުނު އެންމެ ބޮޑު އެދުމަކީ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކޮށްދިނުމެވެ. އައްޑޫގެ ކަރަންޓްގެ މައްސަލަ ޙައްލު ނުވެގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާތާ އެތައް ދުވަހެއް ފަހުން މިދިޔަ މަހުގެ 23 ވަނަ ދުވަސް ވެގެން ގޮސްފައިވަނީ އައްޑޫގެ ރައްޔިތުންގެ ދިގު އިންތިޒާރަކަށް ނިމުން އައި ދުވަހެއް ކަމުގައެވެ.

އެދުވަހު ޓީވީތަކަށް އަރާވަޑައިގެން ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިންނާއި އައްޑޫ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ އިސް މެންބަރުން ވިދާޅުވާ ގޮތުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުމެއް އައީ ކަމަށާއި އަލަށް ގެނައި 2 އިންޖީނާއި އެކު އައްޑޫގެ ރައްޔިތުންނަށް "24 ގަޑިއިރު ކަރަންޓް ޔަޤީން" ވެގެން ދިޔައީ ކަމުގައެވެ.

ނަމަވެސް އޭގެ ކުޑަދުވަސްކޮޅެއް ފަހުން ސަރުކާރުން މިވަނީ މާލޭގައި ހުރި އިންޖީނުތަކެއްގައި މައްސަލަ ޖެހިގެން 'ވަގުތީ ގޮތުން' އައްޑޫއަށް އަލަށް ގެނެވުނު ދެ އިންޖީނު މާލެ ގެންދިއުމަށް ނިންމާފައެވެ.

'ވަގުތީ ގޮތުން' އައްޑޫގައި ހުންނަ ތަކެތި މާލެ ގެންދިއުމަކީ އައްޑޫގެ ރައްޔިތުންނަށް އާކަމެއް ނޫނެވެ. އަދި މިގޮތަށް ގެންދާ ތަކެތި އައްޑޫ އަށް ދުވަހަކުވެސް އެނބުރި ގެނެސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އިބްރާހިމް ނާސިރްގެ ވެރިކަމުގައި ވެސް ގަމުގައި ހުރި ބައެއް ތަކެތި މާލެ ގެންދިޔައީ ވަގުތީ ގޮތުންނެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދް އަދި ރައީސް ވަޙީދުގެ ވެރިކަމުގައި ވެސް 'ވަގުތީ ގޮތުން' އައްޑޫގައި ހުރި ބައެއް ތަކެތި ވަނީ މާލެ ގެންދެވިފައެވެ.

'ވަގުތީ ގޮތުން' މާލެ އަށް އައްޑޫގައި ޤާއިމްކޮށްފައިވާ ވަސީލަތްތަކާއި ހަރުމުދާ ގެންދާ ސަރުކާރު ތަކުގެ ލިސްޓަށް ރައީސް ޔާމީންގެ ސަރުކާރު ވެސް މިވަނީ އިތުރު ވެގެން ގޮސްފައެވެ. އެމަނިކުފާނު 'ވަގުތީ ގޮތުން' ގެންދެވީ އީސީސީގައި ހުރި 850 ގޮނޑި އާއި ޓީވީ ތަކާއި އަދި ދާދި ފަހުން އައްޑޫ އަށް ގެނައި 2 އިންޖީނެވެ.

އައްޑޫ ރައްޔިތުންގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފޮނުވާ އިންޖީނު 'ވަގުތީ ގޮތުން' މާލެ ގެންދެވޭ ނަމަ އައްޑޫ ރައްޔިތުން ރައީސް ޔާމީނަށް ދިން ވޯޓް އަނބުރާ ހޯދަން މާލެ ނުދާންވީ ސަބަބެއް އޮތް ހެނެއް ހިއެއް ނުވެއެވެ.