Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

ނައިބު ރައީސްކަމަށް ޑރ. ވަޙީދު ގެނެސްފާނެ !

ދިވެހިރާއްޖޭގެ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ވެވަޑައިގެންފައި ވަނީ 'ބަޢާވާތެއް' ކުރެއްވިކަމުގެ ތުހުމަތު ރާއްޖޭގެ އެތައް ބަޔަކު އެމަނިކުފާނުގެ ބޮލުގައި އެޅުވި ބޭފުޅެއްގެ ގޮތުގައެވެ. ސުވާލު އުފެދޭ ފަދަ އެތައް ކަންތައްތަކެއް ފެންމަތިވެގެން ދިއުމަށް ފަހު ނެރުނު ކޯނީ ރިޕޯޓަށް ފަހު އެމަނިކުފާނަކީ ރަސްމީގޮތުން 'ބަޣާވާތް' ކުރެއްވި ބޭފުޅެއް ނޫންކަމަށް ވަނީ ނިންމާފައެވެ.

އޭގެ ފަހުން ވެސް ރައީސް ވަޙީދުގެ އެހީތެރިކަމާއި އެކު ނިމިގެން ދިޔަ ސަރުކާރުގައި ރައީސަކަށް ހުންނެވި ރައީސް މުޙައްމަދު ނަޝީދުގެ ސަޕޯޓަރުން ގެންދިޔައީ ވަޙީދަށް ފާޑުކިޔައި ވަރުގަދަ މުޒާހަރާތަކެއް ކުރައްވަމުންނެވެ. ސިޔާސީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއި ޑރ.މުޙައްމަދު ވަޙީދު ކުރިމަތިލެއްވި އިރު އެމަނިކުފާނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި އެއް ޕާޓީއަކީ މިހާރުގެ ވެރިކަން ކުރާ ޕީޕީއެމް ކަމުގައި ދަންނަވަން ޖެހެއެވެ.
2013 ވަނަ އަހަރުގެ އިންތިޙާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ، ޕީޕީއެމް އަށް ތާޢީދު ކުރައްވަން ޑރ.ވަޙީދު ނިންމެވީ އެމަނިކުފާނަށް ސިޔާސީ ގޮތުން އެމްޑީޕީގެ ފަރާތުން ކުރިމަތިވެދާނެ ކަންކަމުން ރައްކާތެރިކަން ފޯރުކޮށްދެވޭނެ ޕާޓީއަކީ ޕީޕީއެމް ކަމުގައި ވީމައެވެ.
ދައުރު ހަމަވުމަށް ފަހު ރައީސް ކަމުގައި ޑރ.ވަޙީދު ހުންނެވީ ވެސް ސީދާ ޕީޕީއެމްގެ އިސްބޭފުޅުން އެދިވަޑައިގެން ކަން ދޭހަވާގޮތަށް ސިޔާސީ ބޭފުޅުން ވާހަކަދައްކަވާފައިވާއިރު، ރިޔާސީ އިންތިޙާބަށް ފަހު އެމަނިކުފާނު ޕީޕީއެމްއަށް ސޮއިކުރުމަކީ ވެސް އެމަނިކުފާނާއި ޕީޕީއެމް އާއި ދެމެދު އޮތް ގުޅުން ހާމަވެގެންދާކަމެކެވެ.

ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ފަހު ރައީސް ވަޙީދު ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް އާއި ގުޅިވަޑައިގަތީ އެއްވެސް ޝަރުޠަކާއި ލައިގެން ނޫންކަމަށާއި، ޕީޕީއެމްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ޤާބިލް ޕާޓީ ކަމަށާއި ،މިވަގުތަށް އެންމެ ރަނގޅު ގޮތަކީ އެއީ ކަމަށާއި، ސަރުކާރަށް ޚިދުމަތެއް ކޮށްދިނުމަށް އެންމެ ފަސޭހަވާނީވެސް ޕީޕީއެމްގެ ތެރެއިން ކަމަށެވެ.

ރައީސް ވަޙީދުގެ ފަރާތްޕުޅުން މިހާތަނަށް ޕީޕީއެމްގެ ސަރުކާރަށް މާބޮޑު ޚިދުމަތްތަކެއް ލިބިވަޑައިގެންފައި ނުވާއިރު، ނައިބް ރައީސް ކަމުގެ މަޤާމަށް ވަޑައިގެން އަނެއްކާވެސް ރައީސް ވަޙީދަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިދާނެއެވެ.

ޕީޕީއެމްގެ މެންބަރުންގެ ތާޢީދު އެހާބޮޑަށް ލިބިވަޑައިގެންފާއި ނުވިޔަސް ރައީސް ޑރ.ވަޙީދަކީ އެ ޕާޓީގެ މެންބަރުން 'ނަފްރަތްކުރާ' ބޭފުޅެއްވެސް ނޫނެވެ. އެއާއި ޚިލާފަށް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބި ގޮތަށް ޓޫރިޒަމް މިނިސްޓަރ އަޙްމަދް އަދީބް ނައިބް ރައީސް ކަމަށް ގެނެސްފިނަމަ ޕީޕީއެމް ތެރޭގައި ހުޅުހިފުމުގެ ފުރުސަތު ބޮޑު ކަމުގައި ބެލެވެއެވެ.

ޕީޕީއެމްގެ އިސްބޭފުޅުންނާއި ރައީސް ޔާމީން ވިދާޅުވާ ގޮތަކަށް ވެރިކަން ކުރުން ނޫންގޮތެއް ރައީސް ވަޙީދަށް އޮންނާނެ ކަމަކަށް ނުބެލެވެއެވެ. އެއީ އެބޭފުޅާގެ ފަހަތުގައި މިވަގުތު ސިޔާސީ އެއްވެސް ޕާޓީއެއް ނެތުމާއި މިވަގުތު ވެސް ހުންނެވީ ރައީސް ޔާމީނާއި ޕީޕީއެމްގެ ޙިމާޔަތުގައި ކަމެވެ.
ނައިބް ރައީސްކަމުގެ މަޤާމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ގެނެސްފާނެ ހެއްޔެވެ ؟