Last Updated: March 29, 06:02
Friday, March 29, 2024

ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހަށް ވޯޓު ދިނީ ސީދާ ނަޝީދު އެދިވަޑައިގެން !

ބިދޭސީ އިންވެސްޓަރުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވާފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެން ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނިގޮތުގައި އެ އިސްލާޙަށް ވޯޓު ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި ވަކި ވަކި މެންބަރުންނާއި ބައްދަލުކުރައްވައި ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

" އަޅުގަނޑު ރައީސް ނަޝީދާއި ބައްދަލުކުރުމުން އެދިވަޑައިގަތީ އެމްޑީޕީގެ ހައްގުގައި އިސްލާހަށް ވޯޓު ދެއްވުމަށް. އެހެންވެ ވޯޓު ދިނީ. ރައީސް ނަޝީދު މިނިވަން ވުމަށް އެދޭތީ." ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރަކު ވިދާޅުވިއެވެ.

ނަމަވެސް އެ މެންބަރު ވިދާޅުވިގޮތުގައި، އެ ގޮތަށް ވޯޓު ދެއްވި ނަމަވެސް ޕާޓީގެ ލީޑާޝިޕުގެ ފަރާތުން އެ މެންބަރުންގެ ދިފާއުގައި އެއްޗެއް ވިދާޅުނުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ކުރިމަތީގައި އެ މެންބަރުން "ކަތިލެވެމުންދާ" ކަމަށާއި އެކަމާއި ހިތާމަކުރައްވާ ކަމަށެވެ.

މިކަމާއި ބެހޭގޮތުން މައުލޫމާތު ހޯދާލުމަށް އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް އިސް ބޭފުޅުންނަށް 'އައްޑޫލައިވް' ގެ ފަރާތުން ގުޅި ނަމަވެސް އެބޭފުޅުން ވަނީ މިކަމާއި ބެހޭގޮތުން ކޮމެންޓެއް ދެއްވުމަށް ދެކޮޅު ހަައްދަވާފައެވެ.