Last Updated: April 19, 06:56
Friday, April 19, 2024

ހުޅުވާލެވިފައިވާ ސިޓީއެއް: ރައީސް ޔާމީނަށް

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް،

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރެން ދެތިން ދުވަހަށް ވެފައިވަނިކޮށް ދިވެހި ރައްޔިތުންނަށް ތަރައްޤީއައި ކުރިއެރުން ހޯއްދަވައިދެއްވުމުގެ ބޭނުމުގައި ކަމަށްވިދާޅުވެ މަނިކުފާނުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދިވެހި ޤައުމުގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭގޮތަށް ޤާނޫނުއަސާސީއަށް ގެންނެވި ބަދަލާގުޅިގެން މަނިކުފާނުގެ ސަރުކާރުގެ މަތީފަޑީގައި ނުހިމެނޭ އަދި މަނިކުފާނުގެ ސަރުކާރުން ލިބިދާނެ މަންފާއަކަށް އުއްމީދުކުރުމެއްނެތް ދިވެހިޤައުމަށް ހެޔޮއެދޭ ޢާއްމު ރައްޔިތެއްގެ ޙައިސިއްޔަތުން އިޚްލާޞްތެރިކަމާއެކު ދަންނަވަމެވެ.

ދުރާލައި ރައްޔިތުންނަށް އެނގުމެއް ނެތި ކުއްލިއަކަށް (މަނިކުފާނު ދުރާލައި ރާއްވަވައިގެން ވިޔަސް) ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެންނެވި 2 ވަނަ އިސްލާޙަކީ ޢާއްމުރައްޔިތެއްގެ ޙައިސިއްޔަތުން އަޅުގަނޑަށް ކުއްލި ސިހުމެއް ގެނުވި ކަމެކެވެ. އެންމެ 24 ގަޑިއިރުގެ ތެރޭގައި ޤާނޫނުއަސާސީއަށް ކުރިން އަޑުވެސް އަހާފައިނެތް އިސްލާޙެއް ގެނެސް ދިވެހިޤައުމުގެ ބިމުން ބައެއް ބިދޭސީންނަށް މިލްކުކުރެވޭގޮތް ހެއްދެވުމުން އެކަންޏެއް ނޫނެވެ. މަނިކުފާނުގެ ސަރުކާރާއި ސަރުކާރަށް ވާގިވެރިވާ އަދި 'އިދިކޮޅުފަރާތްތަކުގެ' ނަމުގައި މަޖިލީހުގައި ތިއްބަވާ މެމްބަރުން 'ކަހެރުވަކެކޭ' ވެސް ހީނުވާ ބީދައަކުން ފެހި ފިތަށް އޮއްބަވާލައްވައި ޤައުމުން ބައެއް ވިއްކަވާލައްވަން އާނބަސް ވިދާޅުވީމައެވެ. އެކަމުގައި ރައްޔިތުން ކުރެން 'ހޭ'" ވެސް އަހާލުން މުނާސަބުކަމަށް މަނިކުފާނަށް ފެނިވަޑައިނުގަތީމައެވެ.

ދަންނަވަންތޯއެވެ. މަނިކުފާނުގެ ބަންޑާރަނައިބު މިއަދު ވިދާޅުވީ ރަގަޅު ވާހަކައެކެވެ. ޤާނޫނުއަސާސީގެ 262 ވަނަ މައްދަގެ (ށ) ގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަޤުލަބިއްޔަތު ލިބިގެން މެނުވީ ޤަނޫނުއަސާސީއަށް އިސްލާޙުނުގެނެވޭނެ ކަމަށް ބުނެފައިވާ މައްދާތަކުގެ ތެރޭގައި ދިވެހިބިން ބޭރުގެ ފަރާތްތަކަށް މިލްކުނުކުރެވޭގޮތަށް ކުރިންބަޔަންކޮށްފައިއޮތް ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) އެއްނެތެވެ.

މަނިކުފާނެވެ! ދަންނަވަންތޯއެވެ. މަނިކުފަނުގެ ބަންޑާރނައިބު އެ ވިދާޅުވި ޤާނޫނީ ޙުއްޖަތަށްބަލާއިރު ޤާނޫނުއަސާސީގެ 4 ވަނަ މާއްދާ (ދިވެހިދައުލަތުގެ އެންމެހައި ބާރުތައްފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެބާރުތައް ދެމިގެން އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ.)، ޤާނޫނުއަސާސީގެ 9 ވަނަ މާއްދާ (ދިވެހިރައްޔިތު)، ޤާނޫނުއަސާސީގެ 10 ވަނަ މާއްދާ (ދައުލަތުގެ ދީނަކީ އިސްލާމްދީން) ކަމަށް ބަޔަންކުރާ މާއްދާތައްވެސް ހަމަ 24 ގަޑިއިރުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފިއްތަވާލައްވާ ފެހި ފިތަކުން މަނިކުފާނަށް ބަދަލުގެނެވިދާނެއެވެ. އެކަމުގައި ރައްޔިތުންގެ ވޯޓަކަށް ވަޑައިގަންނަވާކަށް މަނިކުފާނަކަށް ޤާނޫނުއަސާސީ ލާޒިމެއް ނުކުރެއެވެ. އެހެނޭ ވިދާޅުވެ މާދަމާ މި މާއްދާތައް މަނިކުފާނު ބަދަލުނުކުރައްވާނެކަމަށް އުއްމީދުކުރަމެވެ. ކޮންމެހެން އެކަންވެސް މަނިކުފާނު ނުކުރައްވާނެކަން ޔަޤީންވަނީއެއް ނޫނެވެ. ހަމައެކަނި އާދޭހެކެވެ.

ޢިއްޒަތްތެރި މަނިކުފާނެވެ. މަނިކުފާނު ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގަތްގޮތާއި އެކަމުގައި މަނިކުފާނަށް މަދަދުވެރިވެ ޖާނާއި މާލުން ޤުރުބާންވި މީހުންނަށް މަނިކުފާނު ދެއްވި 'ތެޔޮހަމު'ގެ ވާހަކަ އިތުރަށް ނުދެއްކެވިޔަސް މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެކަން ޔަޤީންކުރަމެވެ. އެހެނަސް ރައީސްކަމަށް ވަޑައިގަތުމުގެ ކުރިއަށް މަނިކުފާނު ވިދާޅުވި ބައެއް ވާހަކަތައް މަނިކުފާނަށް އަލުން ކިޔައިދިނުމަކީ ނެތްކަމެއް ނޫނެވެ. މަނިކުފާނެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް 'ވިއްކާލީ'" ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް ވަރަށް ފާޅުގައި މަނިކުފާނު މަސައްކަތްކުރެއްވީމެއް ނޫންހެއްޔެވެ. އެ އެގްރީމެންޓްގައި ކަޅާއި ހުދުން އެއީ 'ކުއްޔަށް' ދިނުން ކަމަށް ލިޔެވިފައޮތްއިރުވެސް އޭރު މަނިކުފާނު ވިދާޅުވަމުން ގެންދެވީ އެއީ ދިވެހިންގެ އެއާޕޯޓް ވިއްކާލީކަމަށާއި ދިވެހި ބިމުން އިންޗިއެއްވެސް ބޭރުގެ ބަޔަކަށް އެފަދައިން ދިނުމަށް މަނިކުފާނު ތާޢީދު ނުކުރައްވަނެކަމަށެވެ. ދަންނަވަން ތޯއެވެ.

މަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ ތެރޭގައިވެސް މަނިކުފާނު އެންމެ ހަރުއަޑުން ވިދާޅުވަމުން ގެންދެވީ ޤައުމުގެ ހަރުމުދަލައި ތަރިކަ ވިއްކާ ނުލައި ތަރައްޤީ ގެންނަވާނެވާހަކައެވެ. އެވާހަކަތަކަށް މިއަދުވީ ކިހިނެތްތޯއެވެ. އެއީވެސް ސިޔާސީ މީހުން ދައްކާ 'ފަލްސަފާ'ގެ ވާހަކައަކަށް ވީތޯއެވެ؟ ނުވަތަ މަނިކުފާނުގެ ހަނދުމަފުޅު ނެތުނީތޯއެވެ؟ ނުވަތަ ރައްޔިތުންނަށް މަނިކުފާނުވެސް 'ނުލަފާކަން' ދައްކަވާލައްވަނީތޯއެވެ؟

ޢިއްޒަތްތެރި ރައީސްއެވެ. މަނިކުފާނަކީ ދިވެހިރައްޔިތުންގެ ރައީސެވެ. ވަކި ޕާޓީއެއްގެ ރައީސެއް ނޫނެވެ. ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތްކޮށް ރައްކާތެރިކޮށް ދިވެހިޤައުމު އަންނަން އޮތް ޖީލުތަކަށް އަމަނާތްތެރިކަމާއެކު ފޯރުކޮށްދިނުމަކީ މަނިކުފާނުގެވެސް ޒިންމާއެކެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް މިހާދުވަސްވެގެން ދިޔައިރުވެސް ޤައުމުގެ ބިމުން އެއްވެސް ބައެއް ބޭރުގެ ބަޔަކަށް ވިއްކާލާފައެއް ނެތެވެ. ކަނޑުފަޅުން ބައެއްވެސް ވިއްކާލާފައެއްނެތެވެ. ދަންނަވަންތޯއެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުފަހުން މަނިކުފާނުގެ ކުރިއަށް ރާއްޖޭގައި 4 ބޭފުޅަކު ވެރިކަން ކުރެއްވިއެވެ. އޭގެ ތެރެއިންވެސް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެރިކަން ކުރެއްވީ މަނިކުފާނަށްވުރެ ހުރިހާގޮތަކުންވެސް 'އާރާއި ބާރު'ގައެވެ. އެމަނިކުފާނުގެ 30 އަހަރުގެ ދިގު ވެރިކަމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރައި ކޯޓުތައްވެސް ހުރީ އެމަނިކުފާނުގެ ދަށުގައެވެ. ބޭނުންގޮތަކަށް ޤާނޫނުތައް ހެދޭނެގޮތް އޮތެވެ. ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރާއި ޤައުމުން ބޭނުން ބައެއް ވިއްކާލުމުގެ ބާރުވެސް އޮތެވެ. އެކަމަކު އަނިޔާވެރި ވެރިކަމެއްކުރެއްވިކަމަށް ބުނެ ރައްޔިތުން ބަދަލުކުރި އެވެރިމީހާވެސް ޤައުމުން ބައެއް ވިއްކަވާލައްވަން ބޭނުންފުޅެއްނުވިއެވެ.

ދިވެހިޤައުމުގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭނެގޮތަށް 24 ގަޑިއިރު ތެރޭގައި ފަޓާސްބަރިއެއްހެން މަނިކުފާނުގެ 'އިޚްލާސްތެރި' ރައްޔިތުންގެ މަޖިލީހުން ތިޔަ ފަސްކުރި ބިލާމެދު ޢާއްމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރިއިރުވެސް އެބިލާ މެދު ރައްޔިތުންގެ ވޯޓަކަށް ދިޔުން މަނިކުފާނަށް މުހިއްމުކަމަކަށްނުވިއެވެ. އޭގެ ބަދަލުގައި މަނިކުފަނާއި މަނިކުފާނުގެ 'ޢައްޔަނުކުރެވުނު' ނައިބަށް ދޭހަވީ އެ އިސްލާޙާ ދެކޮޅުވަނީ ފިތުނަ އުފައްދަންކަމަށެވެ.

ދަންނަވަންތޯއެވެ. ދިވެހި ޤައުމުން ބައެއް ވިއްކާލުމަށް ޤައުމުގެ ވެރިއަކު ނިންމުމުން އެކަމާ ދެކޮޅަށް އަޑުއުފުލުން އެއީ ފިތުނަ އުފެއްދުންކަމަށް މަނިކުފާނަށް ދޭހަވާނަމަ މައްސަލައެއް ނެތެވެ. މިތީބީ ފިސާރު ރަގަޅަށް ފިތުނަ އުފައްދަން ނިކުމެއެވެ. ޢިއްޒަތްތެރި ރައީސެވެ. ބޭރު މީހުންނަށް ބިން މިލްކުކުރެވުމުގެ މާނައަކީ އެމީހުންނަށް ދިރިއުޅެން އެތަންތަން ލިބުމެއް ނޫންކަމަށާއި އެތާނގައި ކުރެވޭނީ އިޤްތިސާދީ މަސައްކަތްކަމަށް މަނިކުފާނު މިއަދި ވިދާޅުވީމެއްނޫންތޯއެވެ.

ދަންނަވަންތޯއެވެ. އެވާހަކަ އަޑުއަހާފައި އަޅުގަނޑުގެ ގާތަށް އަންނަނީ 'ހިންޏެ'ވެ. މަނިކުފަނު ހީފުޅުކުރައްވަނީ ހުރިހާ ދިވެހިންނަކީވެސް މަނިކުފާނުގެ ފަށުވި ޢިބާރާތަކުން ހެއްލިދާނެ މީހުންކަމަށްތޯއެވެ. ދިގު މުއްދަތެއްގެ ޖަލު ޙުކުމަކަށް ލުއި އެދިގެން ނުވަތަ މަނިކުފާނުގެ ސަރުކާރުގެ 'ސާފު' ދީލަތި މަންފާއަކަށް އެދިގެން ތިބި މީހުން ތިޔަ ވާހަކައަށް އަތްޖަހައި ނުވަތަ ޗުޕް ކިޔައި ތިބެދާނެއެވެ. އަޅުގަނޑުމެން ނުތިބޭނަމެވެ. ދަންނަވަންތޯއެވެ. ދިވެހިބަހުގެ ރަދީފްގައި އަދި ޢާއްމު ބަހުރުވައިންވެސް 'މިލްކު' ކުރުން ނުވަތަ އަމިއްލަ ކުރުން މާނަކުރަނީ އެއްޗެއް ނުވަތަ ތަނެއްގެ ފުރިހަމަ ކޮންޓްރޯލް އެމީހަކަށް ލިބުމުން އެކަމަށެވެ. ގިނަ ޙައްޤުތައް ލިބި ހުރިހާ ކޮންޓްރޯލް ނޯންނަ ޙާލަތުގައި ކިޔަނީ 'ކުއްޔަށް' ދިނުމަށެވެ. އޮޅުއްވާ ނުލައްވާށެވެ. 1 ބިލިއަން އެމެރިކާ ޑޮލަރު (15.42 ބިލިއަން ދިވެހި ރުފިޔާ) ޚަރަދުކޮށްގެން ހަމައެކަނި އިޤްތިސާދީ ބޭނުމެއްކުރުމަށް ބޭރުގެ އިންވެސްޓަރަކު ރުހިދާނެކަމަށް ވިދާޅުވެ އެވާހަކަ ކުޑަކުދިން ނިންދަވަން ދައްކާ ފުލޯކު ވާހަކައަކަށްވެސް ކަމުނުދާނެއެވެ.

ޢިއްޒަތްތެރި ރައީސެވެ. ރާއްޖެއިން ބިން ގަންނަ މީހުންނަށް އެތަންތަނުގައި ފައްޅި ނޭޅޭނެ ކަމަށާއި އެތަންތަނުގައި ޖުވާ ނުކުޅެވޭނެކަމަށް މަނިކުފާނު މިއަދު ވިދާޅުމު ނޫންތޯއެވެ. އެވާހަކަތައްވެސް އަޅުގަނޑުމެން ޤަބޫލުކުރާނީ ކިހިނެތްތޯއެވެ. ދެން މަނިކުފާނު ވިދާޅުވަނީ ބިން ގަނެވޭނީ ކަނޑުން ބައެއް ހިއްކައިގެންކަމަށެވެ. ދަންނަވަންތޯއެވެ. ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުކަން އަޅުގަނޑުމެންނަށްވެސް އެނގެއެވެ. އެހެންކަމުން ތިޔަ ވިދާޅުވަނީ ކަނޑު ވިއްކަވާލެއްވި ވާހަކަތޯއެވެ! މަނިކުފާނު ވިދާޅުވަނީ ބިންގަނެވޭނީ 1 ބިލިއަން ޑޮލަރު އިންވެސްޓުކުރާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި ޤާނޫނުގައި އެކަމަށް ކަނޑައަޅާ ޚާއްޞަ އުޞޫލުތަކެއްގެ ދަށުންކަމަށެވެ.

އެހެނަސް ދިވެހި ރާއްޖޭގެ މުޢައްސަސާތަކުގެ ކުޅަދާނަކަމާއި ޤާބިލިއްޔަތާއި ޢަދުލުވެރިކަން ހުރި މިންވަރު ދިވެހިރައްޔިތުންނަށް އޮޅިފައެއްނެތެވެ. މަނިކުފާނު ޢައްޔަނުކުރެއްވި ނައިބަށް ނިސްބަތްކޮށް އޮޑިޓް ރިޕޯޓެއް ނެރުނު އޮޑިޓަރު ޖެނެރަލް އަށް ވީގޮތް ދިވެހިން ހަނދާނުން ފިލާނެހާ ދުވަހެއްނުވެއެވެ. ރެހެންދި ފްލެޓާއި މުސާރަ އާއި މަޤާމުގެ ކުރިއެރުމާއެކު އެންޓިކޮރަޕްޝަން ކޮމިޝަނާއި ޝަރުޢީ ކޯޓުތަކަށް ސަރުކާރުން ހޯއްދަވައިދެއްވި 'މިނިވަންކަން' ވެސް އެއީ އެންމެހާ ދިވެހިރައްޔިތުންވެސް ދަންނަ ބޮޑު ސިއްރެކެވެ. އެހެންކަމުން ހަމައެކަނި ލިޔެކިޔުމުން ފެންނަ 1 ބިލިއަން ޑޮލަރަކާއި އިސްވެރިންތަކެއްގެ ޖީބަށް ބަރުވާ ބަރުވުމަކާއެކު ދިވެހި ބިންތައް ބޭރު މީހުންގެ މިލްކިއްޔާތަށް ވުން އެއީ ފެންތައްޓެއް ބޯލުންހާ މަނިކުފާނުގެ ސަރުކާރަށް 'އުނދަގޫ'ކަމެކެވެ. ޤާނޫނުއަސާސީއަށް އެންމެ 24 ގަޑިއިރު ތެރޭގައި ބަދަލު ގެނެވުނުއިރު ބޭރު މީހުންނަށް މި ޤައުމުގެ ހުރިހާ ބިމެއް މަނިކުފާނު ވިއްކަވާނުލައްވާނެކަމުގެ ޔަޤީންކަން ނިކަމެތި ރައްޔިތުމީހާއަށް ލިބެނީ ކޮންގޮތަކަށްތޯއެވެ. ޤައުމަށް ޣައްދާރުވީ މީހުންގެ ފަރާތުން ޤައުމަށް ލިބުނު ދެރަ ޕޯޗުގީޒުންނާއި މަލާބާރީންގެ ހާދިސާތަކުން ދިވެހިން ތިބީ ޢިބުރަތް ޙާސިލްކޮށްގެންނެވެ.
ދެން މަނިކުފާނު ވިދާޅުވާނެތެވެ. ތިޔަ ވަރަށް ސަރުކާރުން ކަންކުރާއިރު އިދިކޮޅު ފަރާތްތަކުން ހިމޭނުން ތިބޭނެހެއްޔެވެ. މަނިކުފާނެވެ. އިދިކޮޅު ފަރާތްތަކޭ ވިދާޅުވެ އަޅުގަނޑުމެން ރައްޔިތުންނަށް ފުރައްސާރު ނުކުރައްވާށެވެ. އެއީ މުޅިންވެސް މަނިކުފާނާ އެއްކޮޅު މީހުންނެވެ.

ދެކޮޅު މީހަކު ހުރިނަމަ ޖަލު ޙުކުމެއް ނުވަތަ މުދާތައް ގަނޑުކޮށްލާނެކަމުގެ "ނަސޭޙަތާ" އެކު ތަފާތު ޑީލްތަކުން އެގަހު ކޭލެއް މިގަހު ކޭލެއް ވަކިވާ ވަރެއް ނުވެއެވެ. މަނިކުފާނު ދިވެހި ޤައުމު ދެކެ ލޯބިވާ މިންވަރާއި ޤައުމަށް ހެޔޮއެދޭ މިންވަރު އަޅުގަނޑަށް މިހަރު ސާފވެއެޖެއެއްޖެއެވެ. އެހެންވިޔަސް މައްސަލައެއްނެތެވެ. މަނިކުފާނު ޤާނޫނުއަސާސީއަށް ބަދަލުގެންނަވައި ބިދޭސީންނަށް ބިން ވިއްކެވޭގޮތަށްވެސް ހެއްދެވީއެވެ. އެކަމަކު އަދިވެސް ލަހެއްނުވެއެވެ. މަނިކުފާނެވެ. ދިވެހިރާއްޖޭގެ މި ޖީލާއި އިސްލާމް ދީނާއި އަންނަން އޮތް ޖީލުތަކަށްޓަކައިވެސް ތިޔަ އިސްލާޙު ޢަމަލީގޮތުން ތަންފީޛުކުރެއްވުން ހުއްޓަވާލައްވާށެވެ.

މަނިކުފާނަށާއި މަނިކުފާނުގެ ނައިބުގެ ވަށައި އެނބުރޭ ކުދިންކޮޅުގެ ބަހުރުވައިން ނަމަ މަނިކުފާނަކީ 21 ވަނަ ޤަރުނުގެ 'ގަޓުހުރި' ރައީސެކެވެ. މިއީ އެކަން ޢަމަލުން ދައްކުވައިދެއްވަންވީ ވަގުތެވެ. މަނިކުފާނަކީ ޙަޤީޤަތުގައިވެސް ޤައުމު ދެކެ ލޯބިވާ ވެރިއެއްކަން ދައްކުވައިދެއްވަންވީ ވަގުތެވެ.

ދެވަނަ ފަލަސްޠީނަކަށްވުމަށް މި ދިވެހިޤައުމު ވިއްކަވާނުލައްވައި 'ގަޓު' ހުރި ރައީސެއްކަން ޢަމަލުން ދައްކަވައިދެއްވާށެވެ. ބިދޭސީންނަށް ބިން މިލްކުކުރެވޭގޮތަށް ޤާނޫނުއަސާސީއަށް ގެންނެވި އިސްލާޙު ބަދަލުކޮށްދެއްވާށެވެ!

ދިވެހި ރައްޔިތު މީހާ