Last Updated: April 25, 06:02
Thursday, April 25, 2024
ރިޕޯޓް

ބޭރު ގައުމުތަކުގައިވެސް ފޮރިން އިންވެސްޓްތަކަށް ބިން މިލްކު ނުކުރެވޭ!!

ޤާނޫނުއަސާސީއަށް 02 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، 23 ޖުލައި 2015 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއި ގުޅިގެން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރުމުގެ ފުރުޞަތު މިވަނީ ހުޅުވިފައެވެ.

މިކަމާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތައް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އަމާޒުވަމުން ދާއިރުވެސް އެފަރާތްތަކުގެ މާބޮޑު ކަންބޮޑުވުމެއް ހުރިކަމަކަށް ނުފެނެއެވެ. ނަމަވެސް ކަމުގެ ބާވަތުންނާއި، ނިކުމެދާނެ ނަތީޖާތަކަށް ބަލާއިރު މިވަގުތަކީ ކޮންމެ ދިވެއްސަކުވެސް ވަރަށް ފަރުވާތެރިކަމާއި އެކު ވިސްނައި، ޒިންމާދާރު ކުރުވަންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވަން އަވަސްވެގަންނަން ވީ ވަގުތެވެ.

އެއީ ގައުމެއްގެ ބިމަކީ އެގައުމެއްގެ އަސާސީ ވަސީލަތް ކަމުގައިވާތީއެވެ. ކަނޑައެޅިފައިވާ ސަރަހައްދެއްގެ ބިމެއް ތެނި ގައުމެއްވެސް ވުޖޫދުގައި ނުވާނެތީއެވެ. ގެދޮރު އިމާރާތްކުރުމާއި، ދަނޑުވެރިކަމާއި، ގުދްރަތީ ވަސީލަތްތަކާއި، ގައުމީ ސަލާމަތާއި ގުޅޭ މުހިންމު ކަންކަންވެސް ބިނާވެފައިވާ މައިގަނޑު ވަސީލަތަކީ އެ ގައުމެއްގެ ބިންކަމުގައިވާތީއެވެ.

މިފަދަ ސަބަބުތަކާއި ގުޅިގެން ބިމާއި ގުޅޭ ސިޔާސަތު ތަކަކީ ދުނިޔޭގެ ހުރިހާ ގައުމުތަކަކުންވެސް ވަރަށް ފަރުވާތެރިކަމާއި އެކު ތަންފީޒުކުރަމުން އަންނަ ސިޔާސަތުތަކެކެވެ. ލިބިދާނެ ބިލިއަނެއްހާ ޑޮލަރަށްޓަކައި ބޭރުގެ މީހުންނަށް ދޫކުރަމުން އަންނަވަރަށުވުރެ އަގުހުރި އެއްޗެކެވެ.

މިސަރަހައްދުގެ ގައުމުތައް ކަމުގައިވާ އިންޑިޔާ އަދި ސްރީލަންކާ ފަދަ ގައުމުތަކުގައިވެސް އެގައުމުގެ ރައްޔިތުންނަށް ފިޔަވައި އެހެން ފަރާތްތަކަށް ހިތުހުރިހާ ގޮތަކަށް ބިން މިލްކުކުރެވޭނެ އިންތިޒާމު ޤާނޫނި ނިޒާމުގެ ތެރެއިން ހަމަޖެހިފައިނެތެވެ. ސްރީލަންކާގައި ބޭރުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކުން ސަތޭކަ އިންސައްތަ ޓްރާންސްފާރ ޓެކްސް ސަރުކާރަށް ދައްކައިގެން ބިން މިލްކު ކުރެވޭ ގޮތަށް އޮތްއޮތުން 2012 ވަނަ އަހަރު އެ ގައުމުގެ ބިމާއިބެހޭ ޤާނޫނަށް ގެނެވުނު އިސްލާހަށްފަހު ވަނީ އެއްކޮށް މަނާކުރެވިފައެވެ.

އަދި ކުންފުންޏެއްގެ ހިއްސާ 50 އިންސައްތަ އަށްވުރެ ގިނައިން ލިބިފައިވަނީ ސްރީލަންކާ ނޫން ގައުމެއްގެ ރައްޔިތަކަށްނަމަ އެ ކުންފުންޏަކަށްވެސް ސްރީލަންކާއި ބިން މިލްކު ނުކުރެވޭގޮތަށް ޤާނޫނަށް ބަދަލު ގެނައެވެ. އެހެންކަމުން ދުނިޔޭގެ ގައުމުތަކުން އެގައުމެއްގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް އޮންނަ އޮތުން
ރަނގަޅު ނޫންކަމަށް ގަބޫލުކުރިވެގެން، އެކަން ބަދަލު ކުރާތަންވެސް މިދަނީ ފެންނަމުންނެވެ. ބިމުގެ ތަނަވަސްކަން
ބޮޑު އިންޑިއާގައިވެސް ބޭރުގެ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް އެގައުމުން ބިން މިލްކު ކުރެވޭކަށް ނޯވެއެވެ. އެގައުމުގައިވެސް ބިން މިލްކު ކުރެވޭނީ ކޮންމެވެސް އެއް ސިފައެއްގައި އިންޑިޔާގެ ރައްޔިތުކަން ލިބިފައިވާ ފަރާތްތަކަށެވެ.

0_131884562663_news
ނަމަވެސް ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭގޮތަށް އިންތިޒާމު ކުރެވިފައިވާ ގައުމެއް ދުނިޔޭގައި ނެތީއެއް ނޫނެވެ. އެހެން ހުންނަ ގައުމުތަކުގައި އެކަން ހަމަޖެހިފައި ހުންނަނީ މުޅިން ތަފާތު ވިސްނުންތަކުގައެވެ.

ޖަރުމަންވިލާތާއި، އިނގިރޭސިވިލާތާއި، ފްރާންސް، ބެލްޖިއަމް، ޕޯޗުގަލް، ނެދަލޭންޑްސް އަދި ލަގްޒަމްބާރގް ފަދަ ގައުމުތަކަކީ އެގައުމުގެ ރައްޔިތުން ނޫން އެހެން ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ހަމަޖެހިފައިވާ ގައުމުތަކެވެ. މިގޮތަށް ހަމަޖައްސާފައި އޮންނަނީ ވަކި އުޞޫލެއްގެ ތެރެއިންނެވެ. ކޮންމެހެން ބިލިއަން ޑޮލަރުގެ އިންވެސްޓް ކުރުމުން ބިން މިލްކުކޮށްދެނީކީ އެއްނޫނެވެ. މިސާލަކަށް ވިލާތު އިއްތިހާދުގެ ގައުމުތަކުގައި އެއްގައުމު އަނެއްގައުމާއި ދެމެދު ވެފައިވާ މުވާހަދާތަކުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށްވެސް އަނެއް ގައުމުން ބިން މިލްކު ކުރުމަށް ފުރުޞަތު ދިނުމަށް ލާޒިމުކުރެއެވެ.

އެއީ މުޅި ޔޫރަޕަކީ ބޯޑަރލެސް ބައްރެއްގެ ސިފަ ޖެއްސުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. މިފަދަ ގައުމުތަކުގައި ބިން މިލްކު ކުރުމުގެ އިތުރުން ވަރަށްގިނަ އިތުރު އިނާޔަތްތައް ތަފާތު އެކި މުވާހަދާތަކުގެ ދަށުން ދޭދޭ ގައުމުގެ ފަރުދުންނަށް ލިއްބައިދެއެވެ.

އިންވެސްޓްމެންޓުތައް ގެނައުމުގެ ބޭނުމުގައި ބިން މިލްކު ކުރެވޭ ގޮތަށް ރާއްޖޭގައި މިހާރު ޤާނޫނު ބަދަލު ކުރިގޮތަށް އެއްވެސް ގައުމެއްގައި އަމަލުކޮށްފައިވާކަން މިހާތަނަށް އެނގިފައިނެތެވެ. ނަމަވެސް ބައެއް ޤައުމުތަކުގައި ބިމާއި ގުޅިގެން ލުއި ގޮތްތަކެއް ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރުމަށް ހިތްވަރުދިނުމަށް ހަމަޖައްސާފައިވާކަން ފާހަނގަކުރެވެއެވެ.

މިގޮތުން ބަލާއިރު ފިންލޭންޑާއި، ޑޮމިނިކަން ރިޕަބްލިކް އަދި އޮމާން ފަދަ ގައުމުތަކުގައި އެގައުމުގައި އިންވެސްޓުކުރާ ކުންފުނީގައި ހިމެނޭ ހިއްސާދާރުންގެ ތެރެއިން އެ ގައުމު ނޫން އެހެން ގައުމެއްގެ ރައްޔިތުންގެ ހިއްސާ 50 އިންސައްތައަށްވުރެ ބޮޑު ނުވާނަމަ ބިން މިލްކުކުރެވޭ ގޮތަށް ޤާނޫނުތަކަށް ބަދަލު ގެންސްފައިވެއެވެ. މީގެއިތުރުންވެސް އައިސްލެންޑާއި ސައުތުކޮރެއާ ފަދަ ގައުމުތަކުގައި ބޭރުގެ ހިއްސާދާރުންގެ ހިއްސާގެ ނިސްބަތަށް ބަލައި ބިން މިލްކު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

އެހެންކަމުން ބޭރުގެ އިންވެސްޓުތައް ގެނައުމަށް ދުނިޔޭގައި ބިމާއި ގުޅިގެން އަމަލުކުރަމުން އަންނަ ގޮތަކީ ރާއްޖޭގައި އަމަލު މިކުރިގޮތް ނޫންކަން ވަރަށް ރަނގަޅަށް އެނގެއެވެ. އަދި މިލްކު ކޮށްދިނުމުގައި އެ ކުންފުންޏެއްގައި އެ ގައުމެއްގެ ރައްޔިތުން ހިއްސާދާރުންގެ ގޮތުގައި ތިބުމަކީ ލާޒިމުކަމެއްގެ ގޮތުގައި ހަމަޖައްސާފައި އޮންނައޮތުމުން، ގައުމާއި އެއްވެސް ގުޅުމެއް ނެތް ފަރާތްތަކަށް މުޅި ބިން ލިބިގެން ދިއުމުގެ ފުރުޞަތުވަނީ ބަންދުކުރެވިފައެވެ.

މިފަދަ ނިޒާމެއްގެ ދަށުން ބިމުގެ ކަންކަން ކުރުމަށް އެ ގައުމުތަކުން ނިންމާފައިވަނީ އެކި ފަހަރު މަތިން ތަފާތު ގިނަ ދިރާސާތައް ކުރުމަށްފު ނިކުމެދާނެ ނަތީޖާތަކަށް ވަރަށް ހުށިޔާރުވެގެންނެވެ. އަލުގަނޑުމެންގެ ރާއްޖޭގައި މިކަން ނިންމުމަށް 48 ގަޑިއިރު ހޭދަނުވިއެއްކަމަކު އެފަދަ ގައުމު ތަކުގައި ކަމާއިގުޅޭ މާހިރުންގެ ލަފާގެ މަތިން އެތައް ދުވަސްތަކަށް ކުރެވޭ ދީރާސާތަކަކަށްފަހު މެނުވީ އެފަރާތްތަކުން ބިމާއި ގުޅިގެން ކަމެއް ނިންމާފައިނެތެވެ.

އަދި ބިން މިލްކުކޮށްދެނީ ފޮރިން އިންވެސްޓްތަކަށް ހިތްވަރު ދިނުމަށް ކަމަށް ވިދާޅުވިނަމަވެސް، މިހާރު މިގެނެވުނު ބަދަލުން ހިތްވަރު ލިބޭނީ އެއްބިލިއަން ޑޮލަރަށް ރާއްޖޭގެ ބިން ގަތުމަށް ކަމަށް ބޮޑަށް ގަބޫލުކުރެވެއެވެ. އަދި މިލްކުވެރިކަމާއި ގުޅިގެން ދެން އުފެދިގެންދާ ހައްޤުތަކަކީ ކޮބައިތޯ މި އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުދެއްވި އެއްވެސް ފަރާތަކަށް ފަހުމްވޭތޯ ހިތަށް އަރައެވެ.

ބިން މިލްކު ކުރެވޭނެ ގޮތެއް ނެތިގެން ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ތަންތަނުގައި ވިޔަފާރި ނުކުރާނެނަމަ މިހާރުގެ ދުނިޔޭގައި ގިނައީ އެވެރިންނަށް އިންވެސްޓު ނުކުރެވޭނެ ގައުމުތަކެވެ. ނަމަވެސް ހަގީގަތަކީ އިންވެސްޓު ކުރުމާއި ބިން މިލްކު ކުރުމާއި ގުޅުމެއްވާކަން ފެންނަން ނެތުމެވެ. އިންވެސްޓަރުންނަށް ލިބެންވާ ޔަޤީންކަމަކީ އެބައިމީހުން ކޮށްފައިވާ އިންވެސްޓްމެންޓަށް ޤާނޫނީ ރައްކާތެރިކަން ލިބިފައިވާކަމެވެ.

ނުހައްޤުން އެބައިމީހުންގެ މުދާތައް ފޭރިނުގަނެވޭނެ ފަދަ ނިޒާމެއް ގާއިމްވެފައި ވާކަމުގެ ޔަގީންކަމެވެ. އޭރުން ވިޔަފާރިކުރަން އުޅޭ ބަޔަކު އިންވެސްޓު ކުރާނެއެވެ. ދިވެހިގައުމުގެ ބިން އެހެން ބަޔަކަށް ވިއްޔާލައިގެން ކުރާ ވިޔަފާރިއަކަށް ދިވެހިން މަރުހަބާ ނުކިޔާނެކަން ދިވެހީންގެ ޝުއޫރުތަކުން ޔަޤީނުންވެސް އެބަހާމަވެއެވެ. ރާއްޖޭގެ ކުރީގެ ރައީސުންވެސް ވަނީ މިކަމުގެ ނުރައްކާ ކުރިމަތިވެދާނެކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ގިނަ ރައްޔިތުންތަކެއްވެސް މިހާރުވެސް ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ.
dc79418f500986e64daea6497ff4111505f8d2ea