Last Updated: March 28, 13:23
Thursday, March 28, 2024
ޚަބަރު

ރިޔާސީ ދައުރުގެ މުއްދަތު 8 އަހަރަށް ބަދަލު ކުރަނީ!

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސް ވެރިކަމުގެ ދައުރުގެ މުއްދަތު 8 އަހަރަށް ބަދަލުކުރުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުގެ ފަރާތުން އެންމެ ފުރަތަމަ އިސްލާޙް ހުށަހަޅަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 262 މާއްދާ އަށް އިސްލާހު ގެނައުމަށެވެ. އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ވޯޓަކުން ނިންމޭ ކަންތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާގޮތާއި ރިޔާސީ ދައުރުގެ މުއްދަތު ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ވިދާޅުވީ، ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރުގެ މުއްދަތު ބަޔާންކޮށްފައިވާ މާއްދާ (107 ވަނަ މާއްދާ) އަށް ބަދަލު ގެނައުމަށް ވޯޓް ނަގަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޤާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން އެކަން އުނިކުރާނެ ކަމަށެވެ. އަދި އެއަށް ފަހު 107 ވަނަ މާއްދާއަށް އިސްލާޙު ގެނެސްގެން ރިޔާސީ ދައުރު 8 އަހަރަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޤާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި އާންމު ރައްޔިތުންގެ ވޯޓަކުން އަ ނަގައިގެން ނޫންގޮތަކަށް އިސްލާޙު ނުގެނެވޭނެ ކަމަށް ބުނެފައިވާ ޤާނޫނު އަސާސީގެ މާއްދާތަކުގެ ތެރޭގައި ހިމެނެނީ، ޤާނޫނު އަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބު"، އަދި 79 ވަނަ މާއްދާގެ (ށ) ގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ އުމުރު އަދި 107 ވަނަ މާއްދާގައި ބުނާ ރިޔާސަތުގެ ދައުރުގެ އިތުރުން 108 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރަން ޖެހޭ ގޮތެވެ.

މިހާރު ޤާނޫނު އަސާސީ އޮތްގޮތުން ރިޔާސީ ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހުއެވެ. ނަމަވެސް 262 ވަނަ މާއްދާގެ (ށ) އަށް ބަދަލު ގެނެސްފިނަމަ ރައްޔިތުންގެ ވޯޓަކާއި ނުލައި ރިޔާސީ ދައުރުގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.