Last Updated: March 29, 06:12
Friday, March 29, 2024
ކުޅިވަރު

ފުޓްސަލް ދަނޑުތައް ހުޅުވިތާ 3 މަސް! ލައިޓެއް ނުދިއްލޭ!

ފުޓްސަލް ދަނޑު ނުދިއްލޭތީ، ޒުވާނުންތަކެއް ސައިކަލުން ލައިޓުން ދިއްލައިގެން ކުޅެނީ. މިކަމަށް އަދި ވަނީ ހައްލެއް ލިބޭ ގޮތް ނުވެފައި. ފޮޓޯ: ކިޔުންތެރިއެއް.

ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްވެފައިވާ ވައުދުތަކުގެ ތެރެއިން ދާދިފަހުން އައްޑޫގައި ހުޅުވާފައިވާ ފުޓްސެލް ދަނޑުތަކުގެ ލައިޓްތައް ނުދިއްލޭތީ އެކަމާއި ޒުވާނުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިއަހަރުގެ އެޕްރީލް މަހު އައްޑޫގައި ހުޅުވި ފުޓްސަލް ދަނޑުތަކުގެ ތެރެއިން މަރަދޫ ފުޓްސެލް ދަނޑުގެ ލައިޓްތައް އެއްގޮތަކަށް ވެސް ނުދިއްލޭތާ މިހާރު 2 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ހިތަދޫ ފުޓްސެލް ދަނޑުގައި ހުރީ ދިއްލޭ އެންމެ ލައިޓެކެވެ. އަދި ހުޅުމީދޫ ފުޓްސެލް ދަނޑުގެ ބައެއް ލައިޓްތައް ވެސް ނުދިއްލިގެން އެ ރަށުގެ ޒުވާނުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

" ބޯޅައަކުން ހޮޅި ދަނޑީގައި ޖެހޭ އިރަށް ލައިޓް ނިވިދާނެ. ދެން އަނެއްކާ އިރުކޮޅަކުން ދިއްލިދާނެ. މިކަން ރަގަޅު ނުވެ މި ފުޓްސެލް ދަނޑުތަކުގެ ބޭނުން އަހަރުމެން ކުރާނެ ގޮތެއް ނޭނގޭ"، މަރަދޫ އިން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

ބައެއް ޒުވާނުން ފާހަގަކުރާގޮތުގައި ދަނޑުތަކުގެ ލައިޓްތަކަށް މައްސަލަ ޖެހިގެން އުޅެނީ އެމްއާރްޑީސީ އިން ހަރުކޮށްފައިވާ ލައިޓްތަކުގެ ފެންވަރު ދަށް ވުމުގެ ސަބަބުންނެވެ.

އެމްއާރްޑީސީ އާއި ޔޫތް މިނިސްޓްރީ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފުޓްސެލް ދަނޑުތަކުގެ މެއިންޓެނެންސް މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަކަށް އެމްއާރްޑީސީ އިން ބަލަހައްޓަން ޖެހެއެވެ.

އެމްއާރްޑީސީ އާއި ހަވާލުކޮށްގެން އެޅި ފުޓްސަލް ދަނޑުތަކުގެ ލައިޓްތައް ނުދިއްލޭ މައްސަލަ ކުރިމަތިވެފައިވާއިރު، ފޭދޫގައި އެޅި ފުޓްސެލް ދަނޑުގެ ލައިޓްތަކަށް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ފޭދޫ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންނެވެ އަދި އެތަނަކީ އެސްޓިއޯ އިން ހަދާފައިވާ ދަނޑެކެވެ.