Last Updated: April 25, 16:55
Thursday, April 25, 2024
ޚަބަރު

ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ޤާނޫނީ ވަކީލުންތަކެއް ތެދުވެއްޖެ!

ފޮޓޯ: އޭޖީ އޮފީސް

ޝަރުއީ ދާއިރާގައި މިހާރު ހުރި ބޮޑެތި މައްސަލަތައް ފާހަނގަކޮށް އެކަންކަން އިޞްލާޙު ކުރުމަށް "ޖަސްޓިސް މޫވްމެންޓު" ގެ ނަމުގައި ޤާނޫނީ ވަކީލުންތަކެއް މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައި، ޖަސްޓިސް މޫވްމެންޓުގެ ނަމުގައި މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާނެ ކަންކަމާއި، ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުން އެއްވެ ވަރަށް ފުޅާކޮށް މަޝްވަރާކޮށްފައިވާކަމަށް މިހަރަކާތުގައި އިސްކޮށް އުޅުއްވާ ވަކީލަކު "އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

އައްޑޫލައިވް އަށް އިތުރަށް މައުލޫމާތު ދެއްވަމުން އެފަރާތުން ވިދާޅުވިގޮތުގައި މަޝްވަރާގައި ބައިވެރިވި ހުރިހާ ވަކީލުންވެސް ރާއްޖޭގެ ޝަރުޢީ ދާއިރާގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަނގަކޮށް، ކަންކަން އިޞްލާޙު ކުރުމަށް އެފަރާތްތަކުން ކަންކަމުގައި ދޭންޖެހޭ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދީފައިވާކަމުގައެވެ.

މީގެ ކުރިން ރާއްޖޭގެ ގާނޫނީ ވަކީލުންތަކެއް އިސްނަގައިގެން ހެދި ޖަމިއްޔާއެއް ކަމަށްވާ ބާ އެސޯސިއޭޝަން ހޯމް މިނިސްޓްރީއިން އުވާލާފައިވާކަން ފާހަނގަކޮށްލެވެއެވެ.

ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ވަކީލުންތަކެއް ތެދުވެފައިވާއިރު ދާދިފަހުން ޤާނޫނީ ވަކީލުންނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމަށް ވަކި ޚާއްސަ ކޮމެޓީއެއް އުފައްދަންޖެހޭ ގޮތަށް ވަކީލުންނާ ބެހޭ ޤަވާއިދު ވަނީ އިޞްލާޙުކޮށްފައެވެ. ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާ ބެހޭ ޤަވާއިދަށް މިހާރު ގެނެސްފައިވާ އިޞްލާޙު ބުނާ ގޮތުން ވަކީލުންނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގައި ވަކި ޚާއްސަ ކޮމެޓީއެއް އޮންނަންޖެހޭނެ އެވެ.އަދި އެ އިޞްލާހުގައިވާ ގޮތުން ވަކީލަކާ ބެހޭ މައްސަލައެއް އެޓާރނީ ޖެނެރަލްގެ އިސްނެގުމުގެ މަތިން ބެލުމުގެ ބާރުވެސް ކޮމެޓީއަށް އޮންނާނެއެވެ.

ވަކީލުންނާ މެދު އެ ކޮމެޓީ އަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ނަސޭހަތް ދިނުމާއި ވަކި މުއްދަތަކަށް ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމާއި ވަކީލުކަމުގެ ހުއްދަ ބާޠިލު ކުރުން ފަދަ ފިޔަވަޅުތައް ހިމަނާފައިވެ އެވެ.