Last Updated: April 20, 10:35
Saturday, April 20, 2024
ޚަބަރު

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ގެމަނަފުށިން ހައްޔަރުކުރި ޓީޗަރު ކުއްލިގޮތަކަށް ފުރުވާލަނީ !

ގއ. ގެމަނަފުށީ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި ބިދޭސީ ޓީޗަރ މީހާ ފުރުވާލުމުގެ މަސައްކަތް ކުރަމުންދާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ގެމަނަފުށީ ސްކޫލްގައި މަސައްކަތް ކުރާތާ 8 އަހަރު ވެފައިވާ މި ޓީޗަރ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދުގެ މުއްދަތަށް ޖަހައިދިން 15 ދުވަސް ހަމަވީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

ގެމަނަފުށީ ސްކޫލްގައި އިނގިރޭސި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ގެންދާ މި މީހާ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރަނީ ޓިއުޝަނަށް ގެންގޮސްގެން ކަމަށް އެރަށުން ވާހަކަދެއްކި މީހަކުވަނީ 'އައްޑޫލައިވް' އަށް މައުލޫމާތު ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތެއްގައި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ މި ޓީޗަރ މީހާ ފުރުވާލުމުގެ މަސައްކަތް އިންޑިއަން ހައިކޮމިޝަން މެދުވެރިކޮށް ކުރަމުން ގެންދާއިރު އެ މައްސަލައިގެ ތަހުގީގު ނިމުނު ކަމެއް ނުވަތަ ނޫން ކަމެއް ވަނީ ސާފުވާގޮތް ނުވެފައެވެ.

މި މައްސަލައިގެ ތަހުގީގް ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށް 'އައްޑޫލައިވް'ގެ ފަރާތުން ފުލުހުންގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.