Last Updated: March 29, 11:09
Friday, March 29, 2024
ރިޕޯޓް

37 ވަނަ މާއްދާ: މީރާގެ މުވައްޒފުންނަށް ރައްކާތެރި ކަމެއް ނެތް!

މީރާ: މުދަލުގެ ޒަކާތް މިހާރު ދައްކަން ޖެހެނީ މީރާއަށް

ހަވީރުގެ މުވައްޒަފުންނަށް ނޫސްވެރިކަމާ ގުޅޭ އެއްވެސް ވަޒީފާއެއްގައި އުޅުން 2 އަހަރުދުވަހަށް މަނާކޮށް ސިވިލް ކޯޓުން ހުކުމްކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެގެން ދިޔައެވެ. އެއީ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުން މަހުރޫމުކުރުވާ އަދި ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް ކަމަށް ބުނެ އެ ފަދަ ހުކުމެއް ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު އަޑުއުފުލަން ފެށިއެވެ.

ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ ހުކުމަކީ ޤާނޫނުއަސާސީން ލިބިދޭ ކޮންމެ ރައްޔިތަކަށް ވެސް އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ނިގުޅައިގަންނަ ހުކުމެއް ކަން އެންމެ އާދައިގެ ރައްޔިތު މީހާ ވެސް ޤަބޫލުކުރެއެވެ.

ސިވިލް ކޯޓުގެ ޙުކުމާއި އެކު ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ. ޚުދު ސަރުކާރުގެ ތެރެއިން، ބަންޑާރަ ނައިބު ވެސް އެ ޙުކުމާއި ގުޅިގެން ހަވީރުގެ މުވައްޒަފުންނާއި މެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބުނެ މިހާރު އެވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ވެސް ކޮށްފައެވެ.

ނަމަވެސް ފާހަގަކޮށްލަން ޖެހޭ އެންމެ މުހިއްމު ކަމަކީ، "ހަވީރު"ގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ޙުކުމަކީ މި ރާއްޖޭގައި އާ ކަމެއް ނޫންކަމެވެ. "ހަވީރު"ގެ މުވައްޒަފުންނާއި ހިސާބުން މިކަން އަދި ނިމުނީއެއް ނޫނެވެ.

ދިވެހި ދައުލަތުގެ އެންމެ މުހިއްމު އެއް މުއައްސަސާ ކަމުގައިވާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި މަސައްކަތް ކުރާ މުވައްޒަފުން، ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ރައްކާތެރިކަން ނުލިބި ބޭއިންސާފު ތަޙައްމަލު ކުރަމުން ގެންދާތާ މިވަނީ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައެވެ.

ދިވެހި ދައުލަތުގެ އެންމެ މުހިއްމު އެއް މުއައްސަސާ ކަމުގައިވާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި މަސައްކަތް ކުރާ މުވައްޒަފުން، ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ރައްކާތެރިކަން ނުލިބި ބޭއިންސާފު ތަޙައްމަލު ކުރަމުން ގެންދާތާ މިވަނީ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް މީރާގެ ބޯޑުން ވަނީ އެއިދާރާގެ މުވައްޒަފުންނަށް މަޖުބޫރުކުރުވައިގެން އަދި ވަޒީފާގެ ބިރުދައްކައިގެން މީރާއިން ކެނޑޭނަމަ އެ މުވައްޒަފަކު ޓެކްސްގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އަހުދުކޮށް އެއްބަސްވުމެއްގައި ސޮއިކުރުވާފައެވެ.

'އައްޑޫ ލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައި ނުވަނީ، އެ އިދާރާގެ ލީގަލް ޑިޕާޓްމެންޓްގައި މަސައްކަތްކުރާ މުވައްޒަފުން އެކަންޏެވެ.

މީރާގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އަށް ބުނީ މީރާއިން ދަސްވި އެއްވެސް އެއްޗެއްގެ ބޭނުންވެސް މަސައްކަތުގެ މާހައުލުގައި ބޭނުންކުރުން "ގަދަބާރުން" އެއްބަސްވުމެއްގައި ސޮއިކުރުވައި މަނާކޮށްފައިވާ ކަމަށާއި އަދި މީރާއިން ކެނޑިގެން 2 އަހަރު ނުވަނީސް މީރާގެ ޓެކްސް އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުން ނުވަތަ އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވެސް ހުރަސް އަޅާފައިވާ ކަމަށެވެ.

މީރާގެ ފަރާތުން "ގަދަބާރުން" ސޮއިކުރުވާފައިވާ އެއްބަސްވުމުގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ވަކި ވެއްޖެނަމަ ވަކި ތަންތަނެއްގައި ނުވަތަ އެ މުވައްޒަފަކު އިޚްތިޔާރުކުރާ ތަނެއްގައި މަސައްކަތްކުރުމުގެ ފުރުސަތެއް ނެތެވެ. ޓެކުހުގެ ދާއިރާއިން ނުވަތަ އެކައުންޓިންގެ ދާއިރާއިން ކިޔަވައިގެން ތިބި ބަޔަކަށް 2 އަހަރު ދުވަހު މަސައްކަތް ނުކުރެވޭ ގޮތަށް ހެދުމަކީ އެ މުވައްޒަފުންގެ އަސާސީ ހައްގަކަށް އަރައިގަތުން ނޫން ކަމަކަށް ނުވާނެއެވެ.

މަސައްކަތުގެ މާހައުލުން ދަސްވި އެއްޗަކާއި މަތީ ތައުލީމުގައި ހާއްސަވި ދާއިރާއިން މަސައްކަތްކުރުމުގެ ފުރުސަތު 2 އަހަރު ދުވަހަށް ގެއްލުމަކީ، ކަންބޮޑުވާންޖެހޭ ކަމެކެވެ. އެއީ އަލުންބަލުން އެހެން މަސައްކަތެއް ދަސްކޮށް ޓެކުހާ ނުގުޅޭ ދާއިރާއެއްގައި މަސައްކަތްކުރުމަށް މަޖުބޫރުކުރުވުމެވެ.

މިމައްސަލަ އާއި ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް 'އައްޑޫލައިވް'ގެ ފަރާތުން މީރާގެ މީޑިޔާ އޮފިޝަލް އާއި ގުޅުމަށް މަސައްކަތް ކުރި ނަމަވެސް އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި މީރާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޤާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، ކުރިން އަދާކުރާ ބާވަތުގެ ވަޒީފާއެއްގައި އުޅުން ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރެސްޓްރިކްޓިވް ކޮވޮނެންޓް ޤާނޫނެއްގެ ދަށުން ވަކި މުއްދަތަކަށް މަނާކުރާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި އެފަދަ އެއްވެސް ޤާނޫނެއް ނެތި އެގޮތަށް ޢަމަލުނުކުރެވޭނެ ކަމަށެވެ.

ކުރިން އަދާކުރާ ބާވަތުގެ ވަޒީފާއެއްގައި އުޅުން ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރެސްޓްރިކްޓިވް ކޮވޮނެންޓް ޤާނޫނެއްގެ ދަށުން ވަކި މުއްދަތަކަށް މަނާކުރޭ. އެހެން ނަމަވެސް ރާއްޖޭގައި އެފަދަ ޤާނޫނެއް އަދި ނެތް.

"މިސާލަކަށް އެޕަލްގައި މަސައްކަތް ކުރާ މުވައްޒަފަކު ސެމްސަންގް ގައި ވަކި މުއްދަތެއް ވަންދެއް ވޯކް ނުކުރެވޭނެ. އެކަމަކު އެއީ، މުވައްޒަފު ވަޒީފާ އަދާކުރުމުގެ ޙައްޤުން މަޙްރޫމު ކުރަނީއެއް ނޫން. އޭނާ ކުރިން ކުރި ވޯކް ސެކުއާރ ކުރަނީ އަސްލު އެއީ. މީރާގައި ތިބި އެކައުންޓެންޓުން 2 އަހަރު ދުވަހަށް މަސައްކަތް ނުކުރެވޭ ގޮތް ވުމަކީ، ބޭއިންސާފެއް"

ސިވިލް ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި ގާޒީއަކު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކަށް ރިޢާޔަތްކޮށް ވަކި ވަޒީފާއެއް އަދާކުރުން މަނާ ނުކުރެވޭނެ ކަމަށާއި، އެގޮތަށް އެކަން ކުރާނަމަ އެފަދަ ޤާނޫނުތައް ވުޖޫދަށް ގެންނަން ޖެހޭ ކަމަށެވެ.

"ރީޒަަނަބްލް ވާން ޖެހޭނެ މަނާކުރާ މުއްދަތު. އެހެންނެއް ނޫން މީރާގެ މުވައްޒަފުންނަަށް މިއޮތީ. 2 އަހަރު ވަންދެން ދެއަތް އުރާލައިގެން ނުތިބެވޭނެ ދެއްތޯ؟ "

އެޓާނީ ޖެނެރަލް އޮފީހަށް މީރާގެ މުވައްޒަފުންގެ ޙައްޤު މުހިއްމެއް ނޫން !؟

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގައި ކޮންމެ ރައްޔިތަކަށް ވެސް އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވާއިރު އެކަން ދައުލަތަށް ނުވަތަ ބަންޑާރަ ނައިބަށް މައްސަލައަކަށް ވަނީ ބައެއް ފަހަރު ހެއްޔެވެ؟

ޤާނޫނު އަސާސީ އާއި ވަޒީފާ އާއި ބެހޭ ޤާނޫނާއި ޚިލާފަށް މީރާއިން ޢަމަލުކުރަމުންދާއިރު، މީރާއިން ކެނޑެން ބޭނުންވާ ނުވަތަ ވަކިވާ މުވައްޒަފުން ކިޔެވި ދާއިރާއާ ނުގުޅޭ މަސައްކަތްތަކެއް ކުރުމަށް މަޖުބޫރުކުރުވަމަކީ އެ މުވައްޒަފުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. "ހަވީރު" މުވައްޒަފުންގެ ދިފާޢުގައި އޭޖީ އޮފީހަށް ތެދުވެވުނު ގޮތަށް މީރާގެ މުވައްޒަފުންގެ ދިފާޢުގައި ވެސް އޭޖީ އޮފީހުން ނުތެދުވަނީ ކީއްވެ ހެއްޔެވެ؟

"ހަވީރު"ގެ މުވައްޒަފުންނާއި ދެކޮޅަށް ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރުމަށް ނިންމައި، ދާދި ފަހުން އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ " ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކުން ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ދަށުން ކޮންމެ ރައްޔިތަކަށް އެމީހަކު އިޚްތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމަށް ލިބިގެންވާ ޙައްޤު ހިފެހެއްޓުމަކީ، ޤާނޫނު އަސާސީއާއި ޚިލާފު ކަމެއް ކަމަށާއި، ސިވިލް ކޯޓުން ނެރެފައިވާ އަމުރަކީ، ޤާނޫނު އަސާސީ އާއި ޚިލާފް ބާތިލް އަމުރެއް ކަމަށެވެ."

"ހަވީރު"ގެ މުވައްޒަފުންނާއި ދެކޮޅަށް ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރުމަށް ނިންމައި، ދާދި ފަހުން އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ " ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކުން ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ދަށުން ކޮންމެ ރައްޔިތަކަށް އެމީހަކު އިޚްތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމަށް ލިބިގެންވާ ޙައްޤު ހިފެހެއްޓުމަކީ، ޤާނޫނު އަސާސީއާއި ޚިލާފު ކަމެއް ކަމަށާއި، ސިވިލް ކޯޓުން ނެރެފައިވާ އަމުރަކީ، ޤާނޫނު އަސާސީ އާއި ޚިލާފް ބާތިލް އަމުރެއް ކަމަށެވެ."

މީގެ އިތުރުން "ނޫސްތަކާއި މަޖައްލާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނާއި މެދު ވަކި ތަނެއްގައި މަސައްކަތް ކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ނުވަތަ މިހާރު އަމަލުކުރަމުންދާ އެއްވެސް ޤާނޫނެއްގެ ދަށުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަށް ނުވަތަ ސަރުކާރުގެ އެހެން އެއްވެސް ވުޒާރާއަކަށް ލިބިފައިނުވާކަމަށް ވެސް އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީރާގައި މަސައްކަތް ކުރާ މުވައްޒަފުން އެ ތަނުން ވަކިވުމަށްފަހު 2 އަހަރު ވަންދެން ޓެކުހާ ގުޅުންހުރި މަސައްކަތެއް ނުކޮށް ހުންނަންޖެހުމަކީ ނުވަތަ މީރާއިން ދަސްވާ އެއްޗެއް ބޭނުންނުކުރެވި ހުންނަންޖެހުމަކީ އަސާސީ ޙައްޤެއް ނިގުޅައި ގަތުމެވެ. އެއީ އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ވާ ގޮތުން " ޤާނޫނު އަސާސީ ނުވަތަ މިހާރު އަމަލުކުރަމުންދާ އެއްވެސް ޤާނޫނެއްގެ ދަށުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަށް ނުވަތަ ސަރުކާރުގެ އެހެން އެއްވެސް ވުޒާރާއަކަށް ލިބިފައިނުވާ ބާރެއް ބޭނުން ކުރުން" ނޫން ހެއްޔެވެ؟

މީރާގެ މުވައްޒަފުންގެ ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފް އަދި ޣައިރު ޤާނޫނީ އަމުރެއް ތަންފީޒު ކުރެވެމުންދާ ދިއުން ބަންޑާރަ ނައިބަށް ނުވަތަ ސަރުކާރަށް މައްސަލައަކަށް ނުވަނީ ކީއްވެގެން ހެއްޔެވެ؟